ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހް ފޮނުއްވި ސިޓީފުޅެއް، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރަޖީވް ޝަހާރޭ، ރައީސުލްޖުމްހޫރިއްޔާއަށް މިއަދު އަރުވައިފިއެވެ. މި ސިޓީފުޅު އެރުވީ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ، ރިޔާސީ ދައުރު ފެށްޓެވުމާ ގުޅިގެން އެމަނިކުފާނަށް އިންޑިޔާ ސަފީރު މަރްޙަބާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް ތާނގައި މިގުޅުން އިތުރަށް ބަދަހިކުރެވޭނެ ކަންކަމުގެ މައްޗަށް ދެބޭފުޅުން ބައްލަވާލެއްވިއެވެ. އަދި އަބަދުވެސް އިންޑިޔާގެ އެއްބާރުލުން ރާއްޖެއަށް ލިބެމުންދާނެ ކަމުގެ ޔަޤީންކަން އިންޑިޔާ ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެކި ދާއިރާތަކުން އިންޑިޔާ ސަރުކާރުން ރާއްޖެއަށް އަބަދުވެސް ދެއްވަމުން ގެންދަވާ އެހީތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.