ޕީ.ޕީ.އެމް.ގެ މެނިފެސްޓޯގައި ހުރި ކަންތައްތަކާއި އަދި އެ ޕާޓީއާ ގުޅިގެން މަސައްކަތްކުރާ އެހެން ޕާޓީތަކުގެ މެނިފެސްޓޯގައި ހުރި ކަންތައްތައް އިއްޔެ ތަންފީޛު ކުރައްވަން ފަށްޓަވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޕީ.ޕީ.އެމް.ގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކޮށްލެއްވުމަށްފަހު، ދެއްކެވި ވާހަކަފުޅުގައެވެ.

ޕީ.ޕީ.އެމް.ގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހިތްވަރު ދެއްވައި، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވަން ބޭނުންވާ ހުރިހާ ޚިދްމަތްތަކެއް ފޯރުކޮށްދެއްވުމުގަޔާއި އަދި ދެއްވަންވާ ހުރިހާ ސިޔާސީ އެއްބާރުލުމާއި، ޕާޓީގެ ފަރާތުން ކޮށްދެއްވަންޖެހޭ ހުރިހާ ކަމެއް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކޮށްދެއްވުމުގެ ފުރިހަމަ ޔަޤީންކަން ދެއްވުމަށްޓަކައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މެނިފެސްޓޯގައި ހުރި ކަންތައްތަކުގެ ފައިދާ، ރައްޔިތުންނަށް ވީހާ އަވަހަކަށް ފެނިގެން ދިޔުމަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. އަދި މިކަންކަން ކުރުމުގައި، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީ.ޕީ.އެމް.ގެ މެންބަރުންނާއި، ގުޅިފައިވާ އިއްތިޙާދުގައި ތިއްބެވި މެންބަރުންގެ އެއްބާރުލެއްވުން ބޭނުންފުޅުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މެނިފެސްޓޯގައިވާ ކަންތައްތައް ޙާޞިލު ކުރުމުގައި، އެންމެ ބޮޑަށް ބޭނުންވަނީ ފައިސާގެ ވަސީލަތް ކަމަށް ވިދާޅުވެ، ފައިސާ ހޯދުމަށާއި އަދި ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމަށްފަހު، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި، މެނިފެސްޓޯގައިވާ ކަންތައްތައް ކުރިއަށް ގެންދެވުމަކީ، ޕާޓީގެ ފަރާތުންވެސް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި، އެ މަސައްކަތްތައް ވަރަށް ރަނގަޅަށް ފަށްޓަވައިގެން ކުރިއަށް ގެންދަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މިހާރު މިއުފެދުނު ސަރުކާރަކީ، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި، ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު ޚިދްމަތްތަކެއް ކޮށްދޭނެ އަދި ރައްޔިތުންގެ އުންމީދުތައް ޙާޞިލުކޮށްދޭނެ ސަރުކާރަކަށްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.