އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ޤާނޫނީ ހުވާ މިއަދު ކުރައްވައިފިއެވެ. އަދި ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަގާމުގެ ޤާނޫނީ ހުވާ މިއަދު ކުރައްވައިފިއެވެ. ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ނާއިބު ރައީސް ޑޮކްޓަރ މުުޙަންމަދު ޖަމީލް އަޙްމަދު ހުވާކުރެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުފަހު 1 ޖެހިއިރު ދަރުބާރުގޭގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ، އަދި ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ރައީސް ކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާޢިޒު ޙުސައިނެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ ކުރެއްވުމާ ވިދިގެން، 21 ބަޑީގެ ސަލާމެއް އަރުވައި، ޤައުމީ ސަލާން ކުޅުނެވެ. އަދި ޤާނޫނީ ހުވާގެ ލިޔުމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުުޙަންމަދު ޖަމީލް އަޙްމަދު ސޮއިކުރެއްވިއެވެ. މި ދެލިޔުމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިިޒު ޙުސައިނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ސޮއިކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު، ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގެ ކުރީގެ ދެރައީސުން ކަމަށްވާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، ރައީސް އަލްފާޟިލް މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.