ރާއްޖޭގެ ޤައުމީ ބަޠަލުންގެ ޒިކުރާ ދިރުވާ އާލާނުކުރެވޭނަމަ، ޤައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ނިކަމެތިވެދިޔުން ދާދި އަވަސްވާނެ ކަމަށާއި، ސިފައިންގެ ހައިސިއްޔަތުން، ސިފައިންގެ ސަފުތަކުގެ ބަދަހިކަމަށްވެސް ލޮޅުން އަރައިގެން ހިނގައިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ 59 ވަނަ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިން، ސިފައިންގެ ހުވާކުރުމަށްޓަކައި މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދިވެހި ސިފައިންނަކީ ވަރަށް ފަޚުރުވެރި، ދިގު މާޒީއެއްގެ އަހުލުވެރި ބައެކެވެ. އެހެންކަމުން، ސިފައިންގެ ޚިދުމަތަކީ ދީނާއި، ޤައުމާއި، ރައްޔިތުންގެ ޙައްޤުގައި ވެވޭ މަތިވެރި ޖިހާދެއްކަން ހުރިހާ ސިފައިންވެސް އަބަދުމެ ދަންނަންޖެހޭނެއެވެ.

ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން މިއަދު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައިކަން ފާހަގަކުރައްވަމުން، ފަރުދީގޮތުން ދިވެހި ރައްޔިތުން އަގުވަޒަންކުރާ ކަންކަން މިވަނީ ބަދަލުވާން ފަށާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ޖަމާޢަތުގެ މަޞްލަޙަތަށްވުރެ ފަރުދީ މަޞްލަޙަތަށް އިސްކަންދެވެމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ޤައުމުގެ އިޖުތިމާޢީ، އިޤްތިޞާދީ، އަދި ސިޔާސީ ޙާލަތު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައިކަމަށް ވިދާޅުވެ، މީގެތެރޭގައި ގިނަ ހެޔޮ ބަދަލުތަކެއް ހުރިއިރު، ނޭދެވޭ ބަދަލުތައްވެސް މަދު ނޫންކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަލަށް ހުވާކުރި ސިފައިންނާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ މިއަދު ވަރަށް ނާޒުކު ޙާލަތެއްގައި އޮތް، ޅަފަތުގެ ޑިމޮކްރެސީއެއް ކަމަށް ވިދާޅުވިއެވެ، އަދި މިފަދަ ޙާލަތްތަކުގައި އޮންނަ ޑިމޮކްރެސީތައް ޙިމާޔަތްކުރުމަށް ސިފައިން ކުރާ މަސައްކަތް ވާންޖެހޭނީ ވަރަށް ޙިކުމަތްތެރިކަމާއި، ކެތްތެރިކަމާއި، ސާބިތުކަންމަތީ ތިބެގެން ކުރާ މަސައްކަތަކަށްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ތަފާތު ޚިޔާލާއި، ތަފާތު ފިކުރާއި، ތަފާތު ވިސްނުންތަކާއެކުވެސް، ހުރިހާ އެންމެންނަކީ، ޤައުމީ މަޞްލަޙަތަށް ޖާގަދޭ ބަޔަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވިއެވެ. އަދި ކުރާ ކޮންމެ ކަމެއްގައިވެސް ޤައުމީ ލޯތްބާއި ޤައުމީ ރޫޙު އިސްކުރާ ބަޔަކަށްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.