ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، އިންޑިޔާގެ ފޮރިން ސެކްރެޓަރީ ސުޖާތާ ސިންގ، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހަވީރު ހިލާލީގޭގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، އިންޑިޔާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން ދެބޭފުޅުންގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވިއެވެ. އަދި އިންޑިޔާ ސަރުކާރުން ރާއްޖެއަށް އަބަދުވެސް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި އިންޑިޔާ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިމަހު 19 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކަންކަން، މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކުރިއަށް ގެންދެވުމަށް، ސަރުކާރުން ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރައްވަމުން އެބަގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް، އިންތިޚާބުގެ ހުރިހާ ކަމެއްވެސް އޮމާންކަމާއެކު ކުރިއަށް ގެންދެވުމަށް ސަރުކާރުގެ ހުރިހާ މުއައްސަސާއަކަށް އަންގަވާފައިވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރިޔާސީ އިންތިޚާބާ ގުޅޭ ކަންކަން އަމާންކަމާއެކު ކުރިއަށް ދިޔުމަކީ އިންޑިޔާ ސަރުކާރުގެވެސް ވަރަށް ބޮޑު އުންމީދެއް ކަމުގައި ވިދާޅުވިއެވެ. އަދި، އިންތިޚާބާ ގުޅޭގޮތުން ވެދެއްވެން އޮތް އެހީތެރިކަމެއް އިންޑިޔާ ސަރުކާރުން ރާއްޖެއަށް ވެދެއްވާނެ ކަމުގެ ޔަޤީންކަން އިންޑިޔާގެ ފޮރިން ސެކްރެޓަރީ ދެއްވިއެވެ.