ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ޕާކިސްތާނުގެ ޗީފް އޮފް ނޭވަލް ސްޓާފް، އެޑްމިރަލް މުޙަންމަދު ޢާޞިފް ސަންދިލާ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، 2004ވަނަ އަހަރު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، އެޑްމިރަލް މުޙަންމަދު ޢާޞިފް، ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ވެދެއްވި އެހީތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މިއަދު އެމަނިކުފާނަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވިފައިވާތީ، އެކަމަށްޓަކައި އެޑްމިރަލް ސަންދިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއަށް އެހީތެރިކަން ބޭނުންވާ މިފަދަ ވަގުތުތަކުގައި ޕާކިސްތާން ސަރުކާރުން ވެދެއްވަމުން އަންނަ އެހީތެރި ކަމަށާއި، ދިވެހިރާއްޖެއާމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، ޕާކިސްތާން ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ.

އެޑްމިރަލް މުޙައްމަދު އާޞިފްގެ ވާހަކަފުޅުގައި، މި ޢިއްޒަތް ލިބިވަޑައިގެންނެވިކަމީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ޝަރަފަކާއި ފަޚުރެއް ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޕާކިސްތާނާއި ދެޤައުމުގެ ދެމެދުގައި ސަލާމަތީ ބާރުތަކުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.