ސުޕުރީމް ކޯޓުން ރޭ އިއްވި ޙުކުމާ އެއްގޮތަށް ރިޔާސީ އިންތިޚާބުގެ ހުރިހާ ކަމެއް ގެންގޮސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤާއި، ނައިބު ރައީސް އަޙްމަދު ފަޔާޒް ޙަސަންގެ އަރިހުގައި އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، އެދެބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އިންތިޚާބު ބޭއްވުމަށްޓަކައި ސަރުކާރުން ދެއްވަންޖެހޭ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ދެއްވާނެ ކަމަށާއި، އެގޮތުން މުވައްޒަފުންނާއި، ބަޖެޓާއި، ޢިމާރާތާއި، ސަލާމަތީ ޚިދުމަތްފަދަ ކަންކަން އިލެކްޝަންސުން އެދިވަޑައިގަންނަވާ ގޮތަކަށް ހަމަޖައްސަވައިދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ބޭނުންވަނީ ޤައުމު ހަލަބޮލިކަމެއްގެ ތެރެއަށް ނުގޮސް، ވީހާވެސް އޮމާންކަމާއި އަމާންކަމާއެކު، އިންތިޚާބުގެ ހުރިހާ ކަމެއްވެސް ގެންދެވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި މި ދަނޑިވަޅުގައި ހުރިހާ ފަރާތްތަކަކުންވެސް ޤައުމުގެ މަޞްލަޙަތަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށާއި، ރިޔާސީ އިންތިޚާބުގެ އިންތިޒާމުތައްވެސް ވީހާ ރަނގަޅަށް ހަމަޖެހި، އިތުރު މައްސަލަތައް ނުނުކުންނާނެ ގޮތަކަށް ކަންތައްތައް އިންތިޒާމު ކުރެވިގެން ދިޔުމަކީ، ހަމަ ކޮންމެހެން ބޭނުން ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ސުޕްރީމް ކޯޓުގެ ޙުކުމާ އެއްގޮތަށް ކުރެއްވެންހުރި ހުރިހާ މަސައްކަތެއް، އިޚްލާޞްތެރިކަމާއެކު ކުރައްވައި، ޤައުމުގެ މަޞްލަހަތަށް އިސްކަން ދެއްވައިގެން އިންތިޚާބު ބޭއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.