2008 ވަނަ އަހަރު ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ރާއްޖެއަށް ރަން މެޑެލް ހޯދައިދިން ދިވެހި ޤައުމީ ފުޓްބޯޅަ މުބާރާތުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ތެރެއިން މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ހަނދާނީ ލިޔުން އެރުވިފައިނުވާ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ހަނދާނީ ލިޔުން ދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ހަނދާނީ ލިޔުން އެރުވުނު ކުޅުންތެރިންނަކީ، ޢިމްރާން މުޙަންމަދު، މުޙަންމަދު ސިފާން، މުޙަންމަދު ޢާރިފް، އަކްރަމް ޢަބްދުލްޣަނީ އެވެ. ހަނދާނީ ލިޔުން އެރުވުނު އޮފިޝަލުންނަކީ، އަޙްމަދު ޝަކީބް، ޙަސަން ނިޒާރު އަޙްމަދެވެ.

މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި، ޓީމުގެ ކުޅުންތެރިންނަށް ހަނދާނީ ލިޔުން އޭރު އެރުވިފައި ނުވަނީ، މިއަހަރު ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޤައުމީ ޓީމުގެ ކުޅުންތެރިން ޓްރޭނިންގ ކޭމްޕެއްގައި ތައިލެންޑަށް ދިޔުމާ ގުޅިގެންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފުޓްބޯޅަ ކުރިއަށް ގެންދިޔުމަށް ކުޅުންތެރިން ކުރަމުންގެންދާ މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ އުންމީދަކީ، ކުރިއަށް އޮތް ތާނގައިވެސް ހިތްވަރާއެކު މަސައްކަތްކޮށް، ފުޓްބޯޅައިން ރާއްޖެއަށް އިތުރު ކާމިޔާބީތައް، ރާއްޖޭގެ ޓީމުތައް ހޯދުން ކަމުގައި ވިދާޅުވިއެވެ.