ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބު ޑޮނަލްޑް މެކިނަން، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، މިދިޔަ ސެޕްޓެންބަރުމަހު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބަށްފަހު، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ އުންމީދަކީ، ވޯޓުގައި ދިމާވެފައިވާ މައްސަލަތައް ޞުލްޙަވެރިކަމާއެކު ޙައްލުކުރުން ކަމުގައި ވިދާޅުވިއެވެ. އަދި، ޤައުމުގައި ހަމަޖެހުން ދެމެހެއްޓުމަށް ސަރުކާރުން ކުރެއްވެންހުރި ކަންކަން ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ، ކޮމަންވެލްތު ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބަށް ދެއްވިއެވެ.