بِسْـــمِﭐللَّـهِ ﭐلرَّحمـٰنِ ﭐلرَّحِيم
اَلْحَمْـدُلِلَّـهِ رَبِّ الْبَرِيَّـة، جَعَـلَ الْعَـدَالَـةَ أَسَـاسًـا لِّحُكْـمِ الرَّعِيَّـةِ، وَالصَّـلاَةُ وَالسَّـلاَمُ عَلَى مَنْ كَانَ خَيْرَ قُـدْوَةٍ لِلْبَشَرِيَّـةِ، وَعَلَى آلِـهِ وَصَحْبِـهِ الَّذِينَ سَـارُوا عَلَى نَهْجِـهِ إِلَى يَوْمِ حَشْـرِ النَّـاسِ إِلَى حَضْـرَةِ الـذَّاتِ الْعَلِيَّـةِ.
ރައްޔިތުންގެ މަޖްލިހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން!
السّـلام عليـكم ورحمـة اللّـه وبركاتـه.
މިއަހަރު ރައްޔިތުންގެ މަޖްލިސް ހުޅުވައިދޭން މި ދިމާވީ ބަރަކާތްތެރި ރަމަޟާންމަހުގެ ތެރޭގައި ކަމަށްވާތީ، އަޅުގަނޑުގެ އެންމެ އުފާވެރި ވާޖިބަކީ މި ބަރަކާތްތެރި ރަމަޟާންމަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް މަޖްލިހުގެ ޢިއްޒަތްތެރި ރައީސްގެ އަރިހަށާއި، ޢިއްޒަތްތެރި މެންބަރުންގެ އަރިހަށް ރައްދުކުރުން. އަޅުގަނޑުމެންގެ މިފަދަ މުހިންމު ޤާނޫނީ، އަދި ޤައުމީ މުނާސަބަތެއް ބަރަކާތްތެރި ރަމަޟާންމަހުގެ ތެރޭގައި ދިމާވިކަން އަޅުގަނޑު ދެކެނީ އެއީ، ޤައުމަށް ކުރިމަތިވި ވަރަށް ހެޔޮ ފާލެއްކަމުގައި.
އާދެ! އެހެން އަހަރުތަކެކޭވެސް އެއްފަދައިން، މިއަހަރުވެސް ތިޔަ ޢިއްޒަތްތެރި މަޖްލިހުގެ ކުރިފުޅުމައްޗަށް މިރޭ އަޅުގަނޑު މިއައީ، ވޭތުވެދިޔަ އަހަރު ދައުލަތް ހިނގިގޮތުގެ ޢާންމު ރިޕޯޓަކާއި، ކުރިއަށް އޮތް އަހަރު ދައުލަތުގެ ސިޔާސަތު ބިނާކުރާގޮތް ބަޔާންކޮށްދޭ ޕްރެޒިޑެންޝަލް އެޑްރެސް ރައްޔިތުންގެ މަޖްލިހަށް އިއްވުމަށާއި، ރައްޔިތުންގެ މަޖްލިސް ހުޅުވައިދިނުމުގެ ޤާނޫނީ ވާޖިބު އަދާކުރުމަށް.
ކޮންމެ އަހަރަކުވެސް މި ފުރުޞަތު ލިބުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެއް. އަދި އަޅުގަނޑުގެ ވާޖިބު އަދާކުރުމަށް ލިބޭ ވަރަށްބޮޑު ހިތްވަރެއްވެސްމެ. އެހެންކަމުން، މިއަހަރުވެސް މި ފުރުޞަތު ލިބުނުކަމަށްޓަކައި اللّـه سبحانه وتعالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން.
ކުޑަވެސް ޝައްކެއްނެތް. ކޮންމެ އަހަރަކުވެސް، ދައުލަތް ހިންގުމަށް އިސްވެ ހުންނަ މީހަކު، ވޭތުވެދިޔަ އަހަރު ދައުލަތް ހިނގަމުންދިޔަގޮތުގެ ރިޕޯޓަކާއި، ކުރިއަށް އޮތް އަހަރު ދައުލަތް ހިންގުމުގެ ސިޔާސަތު ބިނާކުރާގޮތް ރައްޔިތުންގެ މަޖްލިހަށް ހުށަހަޅަމުން ގެންދިޔުމަކީ ޤާނޫނީ ވާޖިބެއް ކަމުގައިވިޔަސް، އެކަމަކީ އެކަމުގެ ސަބަބުން، ރާއްޖޭގެ ދީމުޤްރާޠީ ވެރިކަމުގެ ދެމިއޮތުމަށް، ކޮންމެ އަހަރަކުވެސް އާ ދިރުމެއް ގެނެސްދޭ ކަމެއްކަން ޔަޤީން. ވެރިކަން ހިންގާ ފަރާތާއި ރައްޔިތުންނާ ދެމެދުގައި އޮންނަންޖެހޭ އިތުބާރާއި އެއްބާރުލުން އިތުރަށް ހަރުދަނާވުމަށް އެޅޭ ބާރެއްކަންވެސް ކަށަވަރު.
ވޭތުވެދިޔަ 1992 ވަނަ އަހަރަކީވެސް، ރާއްޖޭގެ ޙަޔާތުގައި ވޭތުކުރެވުނު ޞުލްޙަވެރި އަހަރެއް. އަމަންއަމާންކަމުގައި ވޭތުވެގެންދިޔަ އަހަރެއް. ކާބޯތަކެތީގެ ދަތިކަމަކާ ކުރިމަތިލާން ޖެހިފައިނުވާ، އަދި ނުރައްކާތެރި ރޯގާއެއް ފެތުރިފައިނުވާ އަހަރެއް. ބައިނަލްއަޤްވާމީ ދަނޑުގަޔާއި، ރާއްޖޭގެ އެތެރޭގެ ކަންތައްތަކުގައި ތަރައްޤީގެ މަގުން ފިޔަވަޅުތަކެއް އެޅުނު އަހަރެއް. ރާއްޖޭގެ ރައްޔިތުންނަށް އެކި ރޮނގުރޮނގުން ފައިދާއާއި މަންފާ ހޯދައިދެވުނު އަހަރެއް.
ދައުލަތް ހިންގުން
1992 ވަނަ އަހަރުވެސް، ދައުލަތް ހިންގުމުގެ އެންމެހައި ކަންތައްތައް ހިނގާފައިވަނީ، އެދެވޭގޮތެއްގައި. އެކަން އެހެންވުމުގައި، ވަޒީރުންގެ މަޖްލިހުގެ މެންބަރުންނާއި، ސަރުކާރުގެ އެކިއެކި އޮފީސްތައް ހިންގެވުމާ ޙަވާލުވެވަޑައިގެން ތިއްބެވި ވެރިންގެ އިޚްލާޞްތެރި އެހީފުޅާއި އެއްބާރުލެއްވުން އަޅުގަނޑަށް ލިބެމުންދިޔަކަން، މި ފުރުޞަތުގައި އަޅުގަނޑު މި ފާހަގަކުރަނީ، އެ ހުރިހާ ބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަމުން. އަދި ދައުލަތުގެ އެކި ކަންކަން ހިންގުމުގައި ހަދަން ބޭނުންވި ޤާނޫނުތައް ހެދުމުގަޔާއި، އިޞްލާޙުކުރަން ބޭނުންވި ޤާނޫނުތައް އިޞްލާޙުކުރުމުގައި، ރައްޔިތުންގެ މަޖްލިހަށް ހުށަހެޅުނު ކަންތައްތަކުގައި މަޖްލިހުން ކޮށްދެއްވި، އިޚްލާޞްތެރި މަސައްކަތްތަކަށްޓަކައި، ތިޔަ ޢިއްޒަތްތެރި މަޖްލިހަށްވެސް އަޅުގަނޑު ދަންނަވަންޖެހެނީ، ވަރަށްވެސް މަތިވެރި ޝުކުރެއް.
ދައުލަތް ހިންގުމުގައި ވޭތުވެދިޔަ އަހަރުވެސް އެންމެބޮޑު ސަމާލުކަމެއްދިނީ، ރައްޔިތުންނަށް ދެވޭ ޚިދްމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ތަނަވަސްކޮށްދިނުމުގެ މައްޗަށް. މި ރޮނގުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، ފާހަގަކޮށްލެވޭ އެންމެ ޚާއްޞަ އެއްކަމަކީ، ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާއަށް ގެނެވުނު އިޞްލާޙުތައް. އެނގިވަޑައިގަންނަވާނެ ފަދައިން، މީގެކުރިން މާލޭގައި ހިނގަމުންދިޔަ މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓުތައް ހިނގަމުންގޮސްފައިވަނީ، މާލޭގެ އަތިރިމަތީގައި ހުރި އަތޮޅުފިހާރަތަކުގައި، އެކި ކޯޓުތައް ވަކިވަކިން. އެހެންނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅު އެ ކޯޓުތައް، އެކަމަށްޓަކައި ޢިމާރާތްކުރެވުނު އާ ޢިމާރާތަކަށް ބަދަލުކޮށް، ކޯޓުތައް އަލުން އިންތިޒާމުކުރެވުނު.
މާލޭގައި ހިނގަމުންދާ ކޯޓުތައް އިންތިޒާމުކުރުމުގެ އިތުރަށް، މިދިޔަ އަހަރު، ރާއްޖެތެރޭގައިވެސް އިތުރު ރަށުކޯޓުތައް ޢިމާރާތްކޮށްދެވުނު. އަދި ރަށުކޯޓުތަކުގެ ހިންގުން އެއް އުޞޫލަކަށް ހަމަޖެއްސުމުގެ މަސައްކަތް ކުރެވުނު. މީގެއިތުރަށް، ޝަރްޢީ ވަފްދުތައް ފޮނުވައިގެން ރަށުކޯޓުތަކުގައި ނުނިމި ގިނަދުވަސްވެފައި ހުރި މައްސަލަތައް ބަލައި ނިންމުނު. ވޭތުވެދިޔަ އަހަރު މާލެއާއި ރާއްޖެތެރޭގެ ކޯޓުތަކަށް 15,705 ޤަޟިއްޔާ ހުށަހެޅި 13,827 ޤަޟިއްޔާ ނިންމިފައިވޭ. އަދި 104 މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ހައިކޯޓަށް ހުށަހެޅި 96 މައްސަލަ ނިންމިފައިވޭ.
ދައުލަތް ހިންގުމުގެ ދާއިރާގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ކުރިން ހިނގަމުން އައިސްފައިވާ އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީއަކީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި މިދިޔަ އަހަރު ހަމަޖެއްސުނު.
ސަރުކާރުގެ އޮފީސްތަކުގެ ހިންގުން ޒަމާނާ އެއްގޮތަށް ބަދަލުކުރުމަށްޓަކައި، ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް މަސައްކަތް ކުރެވުނު. އޭގެތެރޭގައި، ބައެއް ތަންތަނުގެ އޮނިގަނޑަށާއި، އެތަންތަނުގައި މަސައްކަތް ހިންގޭ އުޞޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެވުނު. އަދި އޮފީސްތަކުގެ މަސައްކަތް ހަލުއިކުރުމަށާއި، މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި، ކޮމްޕިއުޓަރުގެ ވަސީލަތް އިތުރަށް ތަޢާރުފްކޮށް، ކުރިން އަތުން ކުރަމުންއައި ކިތަންމެ މަސައްކަތެއް ކޮމްޕިއުޓަރުން ކުރާގޮތަށް ހަމަޖެއްސުނު.
ވޭތުވެދިޔަ އަހަރު ކުރީކޮޅު، އޭރުގެ މިނިސްޓަރ އޮފް ހެލްތު އެންޑް ވެލްފެއަރ ކަމުގެ މަގާމުގައި ހުންނެވި އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީ، އެ މަނިކުފާނުގެ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން އެ މަގާމުން އިސްތިޢުފާ ދެއްވި. އެ މަނިކުފާނަކީ، މެދުކެނޑުމެއްނެތި 35 އަހަރުވަންދެން ތަފާތު މަޤާމުތަކުގައި ސަރުކާރަށް ވަރަށް މަތިވެރި ޚިދްމަތްތަކެއް، ނުހަނު އިޚްލާޞްތެރިކަމާއެކު، އަދާކުރައްވާފައިވާ ބޭފުޅެއްކަން މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކުރަން. އަދި އެކަމަށްޓަކައި، އެ މަނިކުފާނަށް އަޅުގަނޑު ޝުކުރު ދަންނަވަނީ، ހިތުގެ އެންމެ ފުންމިނުން.
ދާޚިލީ ހިންގުން
ވޭތުވެދިޔަ 1992 ވަނަ އަހަރަކީވެސް، އިޖްތިމާޢީގޮތުންނާއި އިޤްތިޞާދީގޮތުން ރާއްޖޭގެ ރައްޔިތުންނަށް ފައިދާކުރަނިވި ގިނަ ކަންތައްތަކެއް ކުރެވުނު އަހަރެއް. އޭގެތެރޭގައި، ރާއްޖެތެރޭގެ ތަރައްޤީއަށާއި، ކުރިއެރުމަށްވަނީ، ވަރަށްބޮޑު ސަމާލުކަމެއް ދެވިފައި. އަދި ލާމަރުކަޒީ އުޞޫލަށް ކަންތައްތައް ހިންގުމަށްޓަކައި، އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއްވަނީ އަޅަންފެށިފައި.
ރައްޔިތުންނަށް ދެވޭ ޚިދްމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ތަނަވަސްކޮށްދިނުމުގެ ގޮތުން، މިދިޔަ އަހަރު ކުރެވުނު ބައެއް ކަންތައްތަކުގެ ތެރޭގައި، 15,000 ޔޫ.އެސް. ޑޮލަރަށްވުރެ މަތީ އަގުގެ މުދާ އެތެރެކުރާނަމަ، ބޭންކުން އެލް.ސީ. ހުޅުވައިގެން ގެންނަގޮތަށް ހަމަޖެހިފައި އޮންނަ އުޞޫލު، މިއަހަރުގެ ޖެނުއަރީ 1ން ފެށިގެން ދޫކޮށްލާގޮތަށް ހަމަޖެއްސުނު. އަދި ސިޔާސީ ކުށާއި، މަސްތުވާ ތަކެތީގެ ކުށްތައް ނޫން އެހެން ކުށްކުށުގައި އަރުވާލާފައި ތިބޭ މީހުންނާ ބައްދަލުކުރުމަށް ދާން ބޭނުންވާ މީހުން، އެ ރަށްރަށަށް ދިޔުމުގައި ހުއްދަ ހޯދަންޖެހޭ އުޞޫލު އުވާލައި، އެފަދަ މީސްމީހުންނަށް ފޮނުވާ ސިޓީއާއި، އެހެން ތަކެތިވެސް ފާސްކުރަން ނުޖެހޭގޮތަށް ހަމަޖެއްސުނު. އަދި ކަނޑުން ލަގުވާ ތަކެއްޗާއި، ހޮވާތަކެތީގެ ތެރެއިން، މާވަހަރާއި އުޅަނދު ނޫން އެހެން ތަކެތިން މީގެކުރިން ސަރުކާރަށް ލިބޭބައި، ސީދާ އެ އެއްޗެއް ހޮވި އަތޮޅަކަށް ލިބޭގޮތަށްވެސް ހަމަޖެއްސުނު. މީގެއިތުރަށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ތަނަވަސްކޮށްދިނުމުގެ ގޮތުން ކުރަން ޤަޞްދުކޮށްފައިވާ ބައެއް ކަންތައްތަކާ ބެހޭގޮތުން ޤާނޫނަށް އިޞްލާޙު ގެންނަންޖެހޭތީ، އޭގެތެރެއިން ބައެއް ކަންތައްތައް މިހާރުވަނީ، ތިޔަ ޢިއްޒަތްތެރި މަޖްލިހަށް ހުށަހެޅިފައި.
ދާޚިލީ ހިންގުމުގެ ދާއިރާގައި ވޭތުވެދިޔަ އަހަރު ހިނގި އެންމެ ޚާއްޞަ އެއްކަމަކީ، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، މީހުން މަދު، އަދި ލަފާފުރުމުގެ ގޮތުން، ނުވަތަ އެނޫންވެސް ގޮތްގޮތުން އެރަށްރަށުގައި ދިރިއުޅުން ދަތި ރަށްރަށުގެ މީހުން، އެމީހުންގެ އެދުމުގެމަތިން، އެހެން ރަށްރަށަށް ބަދަލުކުރުމުގެ މަޝްރޫޢެއް އެއަހަރުގެ ތެރޭގައި ފެށްޓުނުކަން. މިގޮތުން، މިލަދުންމަޑުލު ދެކުނުބުރީ ތޮޅެންދޫ މީހުން އެ އަތޮޅުގެ ކެނދިކުޅުދުއަށް މިދިޔަ އަހަރުގެ ތެރޭގައި ބަދަލުކުރެވުނު. އެމީހުން ބަދަލުކުރީ، އެމީހުން ދޫކުރި ރަށުގައިހުރި އެ މީހުންގެ ގެދޮރާ އެއްފެންވަރަށް، ނުވަތަ އެއަށްވުރެ ރަނގަޅު ފެންވަރަކަށް، އެމީހުން ބަދަލުކުރެވުނު ރަށުގައި ގޭގެ ޢިމާރާތްކޮށްދީފައި. މިކަމާބެހޭ ހުރިހާ ޚަރަދެއްކުރީ ސަރުކާރުގެ ބަޖެޓުން. މީގެއިތުރަށް މާޅޮސްމަޑުލު އުތުރުބުރީ އުނގުލު މީހުންނާއި ގާއުނޑޫދޫ މީހުން، އެ އަތޮޅު ހުޅުދުއްފާރަށް ބަދަލުކުރަން ފެށުމުގެ ތައްޔާރީތަކާއި، މިލަދުންމަޑުލު އުތުރުބުރީ މާކަނޑޫދޫ މީހުން އެ އަތޮޅު މާކޯމިލަންދުއަށް ބަދަލުކުރަން ފެށުމުގެ ތައްޔާރީތައް މިހާރު ކުރެވެމުން އެބަދޭ.
ރާއްޖޭގެ ރައްޔިތުންގެ ޙާލު އަޙުވާލު ބެލުމަށްޓަކައި، ރާއްޖޭގެ ބައެއް އަތޮޅުތަކަށް މިދިޔަ އަހަރުގެ ތެރޭގައިވެސް އަޅުގަނޑު ޒިޔާރަތްކުރިން. އަދި އަޅުގަނޑުގެ އިތުރަށް ދައުލަތުގެ މިނިސްޓަރުންނާއި އެކި އޮފީސްއޮފީހުގެ ވެރިންވެސް ޒިޔާރަތްކުރެއްވި. އަޅުގަނޑު ޒިޔާރަތްކުރި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، އެ މީހުންނަށް ބޭނުންވާ ކަންތައްތައް އޮޅުންފިލުވައި، އެ ކަންތައްތައް ކޮށްދެވޭތޯ މަސައްކަތްކުރިން. އަޅުގަނޑަށް ޔަޤީންކުރެވޭގޮތުގައި، ސަރުކާރުގެ އޮފީސްއޮފީހުގެ ވެރިންވެސް ރާއްޖެތެރެއަށް ކުރައްވާ ދަތުރުތަކުގެ ސަބަބުން ރާއްޖެތެރޭގެ ޙާލަތަށް އިތުރު އިޞްލާޙާއި، އިތުރު ދިރުން ދަނީ ލިބެމުން.
ވޭތުވެދިޔަ އަހަރުގެ ތެރޭގައި، އެއް އަތޮޅެއްގެ އަތޮޅުއޮފީސް އަލުން ޢިމާރާތްކޮށްދެވުނު. އަދި 33 ރަށެއްގެ ރަށުއޮފީހާއި، 16 ރަށެއްގެ މިސްކިތް އަލަށް ޢިމާރާތްކޮށްދެވުނު. އަދި 3 އަތޮޅެއްގެ ތަޢުލީމީ މަރްކަޒުގައި ކިޔަވާކުދީން އިތުރުވުމުގެ ސަބަބުން، އިތުރު ޢިމާރާތް ހަދައިދެވުނު.
1992 ވަނަ އަހަރުވެސް އެންމެ ޚާއްޞަގޮތެއްގައި ކުރެވުނު އަނެއް މަސައްކަތަކީ، ރާއްޖޭގައި ހުރި، ފަޅުގެގޮތުން ދަތި ރަށްރަށުގެ ފަޅު ފުންކޮށްދިނުމުގެ މަސައްކަތް. އެ އަހަރުގެ ތެރޭގައި 13 ރަށެއްގެ ފަޅު ފުންކުރުމުގެ މަސައްކަތް ކުރެވިފައިވޭ. އޭގެތެރެއިން 4 ރަށެއްގެ މަސައްކަތް މުޅިންނިމި، އަލަށް 7 ރަށެއްގައި ފަޅު ފުންކުރުމުގެ މަސައްކަތް ފެށިފައިވޭ.
ރާއްޖޭގައި، މީހުން ގިނައިން އުޅޭ ބައެއް ރަށްރަށުގައި އިލެކްޓްރިސިޓީގެ ޚިދްމަތް ލިބޭނޭގޮތް ހަދައިދިނުމަށް، ވޭތުވެދިޔަ އަހަރުވެސް ސަރުކާރުގެ ފަރާތުން އިތުރު މަސައްކަތްތަކެއް ކުރެވުނު. އޭގެތެރޭގައި، އައްޑުއަތޮޅު ހިތަދުއަށް ކަރަންޓްލައިދިނުމާއި، އެ އަތޮޅު މަރަދޫފޭދުއަށާއި މަރަދުއަށް، ގަމުގައި ހުންނަ އިންޖީނުތަކުން ކަރަންޓް ދޫކުރުމާއި، ފުވައްމުލަކަށް ކަރަންޓްލައިދިނުން ފާހަގަކޮށްލެވޭ. އަދި ތިލަދުންމަތީ ދެކުނުބުރީ ހަނިމާދުއަށް ކަރަންޓުގެ ޚިދްމަތްދޭން ފެށުނު. މި މަޝްރޫޢުގެ ދަށުން މިހިނގާ އަހަރުގެ ތެރޭގައިވެސް، ރާއްޖޭގެ އިތުރު ބައެއް ރަށްރަށަށް ކަރަންޓްލައިދިނުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދެވޭނެ.
މާލެއަކީ ރާއްޖޭގައި އެންމެގިނަ މީހުންއުޅޭ ރަށް. ގޯތިގެދޮރުގެ ގޮތުން އެންމެދަތި، އެންމެ މައްސަލަ ބޮޑުވެފައިވާ ރަށް. ވީމާ، މިކަމަށް ކޮންމެވެސްވަރެއްގެ ޙައްލެއް ހޯދޭތޯ ބެލުމުގެ ގޮތުން ހިންގަމުންގެންދާ، މާލޭ ހައުސިންގ ސްކީމްގެ ދެވަނަ ޢިމާރާތްނިމި، ވޭތުވެދިޔަ އަހަރުގެތެރޭގައި އެ ޢިމާރާތުގެ ފްލެޓްތައްވަނީ މީހުން އުޅުމަށް ދޫކުރެވިފައި. އަދި އާބާދީ އިތުރުވުމުގެ ސަބަބުން މާލެއަށް އުފުލަންޖެހިފައިވާ ބުރަ ލުއިކޮށްދިނުމުގެ މަޤްޞަދުގައި، މާލޭގެ ބައެއްގެ ގޮތުގައި ވިލިނގިލި ތަރައްޤީކުރުމަށް ފެށިފައިވާ މަސައްކަތް، ވޭތުވެދިޔަ އަހަރުވެސް ކުރިއަށް ގެންދެވުނު. އަދި މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތާއި، މާލޭގައި އިތުރަށް ގަސް އިންދުމާއި، މާލެ ފެހިކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައިވެސް އިތުރަށް ކުރެވުނު. އަދި މީގެއިތުރަށް، މާލޭގެ ފެނާއި ފާޚާނާގެ މައްސަލައަކީވެސް ވަރަށްބޮޑު މައްސަލައަކަށް ވެފައިވާތީ، އެކަން ޙައްލުކުރުމަށް މިގެންދަނީ، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން.
ވޭތުވެދިޔަ އަހަރު މާލޭގައިވެސް، މުހިންމު ދެ މަޝްރޫޢެއް ނިމިގެންދިޔަ. އެއީ، އިޖްތިމާޢީ ތަޢްލީމުދޭ މަރްކަޒުގެ ޢިމާރާތް ބިނާކޮށް ނިމިގެން، "މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަން" ހުޅުވުމާއި، މާލޭގެ ވިޔަފާރި ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިގެން، އެ ބަނދަރު ހުޅުވުން. މީގެއިތުރަށް، އިންސްޓިޓިއުޓް އޮފް ހެލްތް ސައިންސަސްގެ އާ ޢިމާރާތް ހުޅުވުމުގެ ސަބަބުން، އެތަނުން ހިންގާ ކަންތައްތަކަށް އާ ދިރުމެއް ގެނެވުނު.
އިޖްތިމާޢީ ޚިދްމަތް
ރާއްޖޭގެ ރައްޔިތުންނަށް ދެވޭ އިޖްތިމާޢީ ޚިދްމަތްތައް އިތުރުކޮށް، އަދި އެ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅުކުރަމުން ގެންދިޔުމަށް، ސަރުކާރުން އަބަދުވެސް ވަރަށް މުހިންމު ސަމާލުކަމެއް ދެމުންގެންދޭ. މިގޮތުން، 1992 ވަނަ އަހަރު ހިންގުނު އެންމެބޮޑު އެއްކަމަކީ، ރާއްޖޭގެ ޒުވާނުންގެ ކަންތައްތައް ހަރުދަނާކުރުމަށްޓަކައި، މުޅިރާއްޖޭގައި ކުރެވުނު މަސައްކަތްތައް. ރާއްޖޭގެ ތާރީޚުގައި ފުރަތަމަފަހަރަށް ބޭއްވުނު، ރާއްޖޭގެ ހުރިހާ އަތޮޅުތަކުގައާއި، މާލޭގެ އަވަށްތަކުގެ ޒުވާނުންގެ މަންދޫބުން ހިމެނުނު ޒުވާނުންގެ ޤައުމީ ޖަލްސާ "ދިވެހި ޒުވާނުން 1992" މިދިޔަ އަހަރު ބޭއްވުނު. އަދި އެ ޖަލްސާއިން ދިވެހި ޒުވާނުންގެ ޤަރާރަކާއި، ޒުވާނުންގެ ކަންތައްތައް ރަނގަޅުކުރުމަށްޓަކައި އަޅަންވީ ފިޔަވަޅުތަކުގެ ޢަމަލީ މަޝްރޫޢެއް ފާސްކުރެވުނު. ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބަޔަކީ، ޒުވާނުން ކަމަށްވާއިރު، މިދިޔަ އަހަރު ރާއްޖޭގެ ޒުވާނުންނާ ބެހޭގޮތުން މި ނިންމުނު ނިންމުންތަކަކީ، އޭގެ އަސަރު ރާއްޖޭގެ މުސްތަޤްބަލަށް ވަރަށް އެދެވޭގޮތެއްގައި ފޯރާނެ ކަމެއްކަމުގައި އަޅުގަނޑު ދެކެން.
ހަމަ މިނޭވާގައި ދަންނަވާލަންޖެހޭ މުހިންމު އަނެއް ވާހަކައަކީ، ވޭތުވެދިޔަ އަހަރު ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މަޖްލިހެއް އުފައްދައި، އަދި ކުޑަކުދިންނާ ބެހޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި، އިޞްލާޙީ ފިޔަވަޅުތައް އެޅުމަށްޓަކައި، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޚާއްޞަ ޔުނިޓެއް މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް ސްޕޯޓްސްގެ ދަށުގައި އުފެއްދިފައިވާ ވާހަކަ. މިކަންތައްތަކަކީ، 1991 ވަނަ އަހަރު ތިޔަ ޢިއްޒަތްތެރި މަޖްލިހުން ފާސްކުރެއްވި "ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު" ހިންގުމަށްޓަކައި އެޅިފައިވާ މުހިންމު ފިޔަވަޅުތަކެއް. މި ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ މިހާރުވެސްދަނީ ފެންނަމުން.
ވޭތުވެދިޔަ އަހަރު ކުޑަކުދިންނާ ބެހޭގޮތުން ކުރެވުނު ކަންތައްތަކުގެ ތެރޭގައި، ޔުނިސެފުން އިންތިޒާމު ކޮށްގެން، ދުނިޔޭގެ ހުރިހާ ޤައުމުތަކުގައި ފާހަގަކުރި ކުޑަކުދިންގެ ބްރޯޑްކާސްޓް ކުރުމުގެ ދުވަސް ރާއްޖޭގައިވެސް ފާހަގަކުރުން ހިމެނޭ.
އިޖްތިމާޢީ ޚިދްމަތުގެތެރެއިން ސަރުކާރުން އެންމެމަތީ އަހަންމިއްޔަތެއް އަބަދުވެސް ދެމުންގެންދާ އެންމެ ޚާއްޞަ އެއްކަމަކީ، ރާއްޖޭގެ ދަރިންނަށް ތަޢްލީމު ޙާޞިލްކޮށްދިނުމުގެ މަސައްކަތް. މިގޮތުން މިދިޔަ އަހަރު ކުރެވުނު އެންމެ މުހިންމު ކަމަކީ، ރާއްޖޭގެ ފުރަތަމަ، ސަރަޙައްދީ ޘާނަވީ ތަޢްލީމުދޭ މަދަރުސާ "ސަދަން ސެކަންޑްރީ ސްކޫލް" އައްޑުއަތޮޅު ހިތަދޫގައި ހުޅުވައި، އެ ސްކޫލްގައި ކިޔަވައިދޭން ފެށުން. މި ސްކޫލަކީ، ވާރލްޑް ބޭންކުން ދިވެހި ސަރުކާރަށް ލިބުނު ލޯނު އެހީއެއްގެ ދަށުން ޢިމާރާތްކުރި ސްކޫލެއް. އެ ސްކޫލާއެކު، މިހާރު ރާއްޖެތެރޭގައި ސަރުކާރުން ހިންގާ 47 ސްކޫލް އެބަހުރި. މި ތަންތަނާއި، މާލޭގައި ހުރި ސަރުކާރުން ހިންގާ 10 ސްކޫލާއެކު، މިހާރު ރާއްޖޭގައި ހުރި ސަރުކާރުގެ ސްކޫލްތަކާއި މަދަރުސާތަކުގައި 32,475 ކުދީން ތަޢްލީމު ޙާޞިލްކުރަމުން އެބަ ގެންދޭ. މިއީ، މީގެ ކުރީ އަހަރަށްވުރެ %16 އިތުރުވެފައިވާ އަދަދެއް. 1992 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގައި ތިބި ކިޔަވާކުދިންގެ އަދަދަކީ 73,642. އެއީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް %32.
އައްޑުއަތޮޅުގައި ހުޅުވުނު ސެކަންޑްރީ ސްކޫލްގެ އިތުރަށް، ވޭތުވެދިޔަ އަހަރު ނިމުނުއިރު، ރާއްޖެތެރޭގެ 11 ތަނެއްގައި ޘާނަވީ ތަޢްލީމު ދިނުމުގެ ކްލާސްތައް ހިނގަމުންދޭ. އޭގެތެރޭގައި، މިދިޔަ އަހަރު އަލަށް ހުޅުވިފައިވަނީ 4 ތަން. ސަރުކާރުން ހިންގާ ސްކޫލްތަކުގެ އިތުރަށް، އަމިއްލަ ފަރާތްތަކުން ހިންގަމުން ގެންދާ 211 ސްކޫލް މަކްތަބުފަދަ ތަންތަންވެސް، 1992 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ހިނގަމުންދާކަން މި ފުރްޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން. އޭގެތެރެއިން ވަރަށްގިނަ ތަންތަނަކީ، ޓީޗަރުންގެ ގޮތުން، ނުވަތަ ފައިސާގެ ގޮތުން، ނުވަތަ ތަކެތީގެ ގޮތުން، ސަރުކާރުގެ ގިނަ އެހީތަކެއް ލިބެމުންދާ ތަންތަން.
ތަޢްލީމު ފެތުރުމުގެ ދާއިރާގައި، މިދިޔަ އަހަރުވެސް ސަމާލުކަން ދިން އެއްރޮނގަކީ، ކިޔަވާކުދިންނަށް ބޭނުންވާ ފޮތްތައް ރާއްޖޭގައި ތައްޔާރުކޮށް، ފަސޭހައިން ކުދިންނަށް ލިބެން ހުންނާނެގޮތެއް ހަމަޖައްސައިދިނުން. ވޭތުވެދިޔަ އަހަރު ރާއްޖޭގެ އިބްތިދާއީ ތަޢްލީމަށް ބޭނުންވާ 2 ލައްކައަށްވުރެ ގިނަ ފޮތް ރާއްޖޭގައި އުފެއްދުނު. އަދި ޘާނަވީ ތަޢްލީމުގެ ބައެއް މާއްދާތަކަށް ބޭނުންވާ ފޮތްވެސް ރާއްޖޭގައި އުފެއްދުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން.
ރާއްޖޭގެ ދަރިންނަށް އުނގަންނައިދޭނޭ ޓީޗަރުން އުފައްދައި، އެމީހުން ތަމްރީނުކުރުމަކީވެސް، ވަރަށްބޮޑު އަހަންމިއްޔަތެއް ދެމުންގެންދާ ކަމެއް. މިދިޔަ އަހަރުވެސް ރާއްޖޭގައި މުދައްރިސުން ތަމްރީނުކުރުމުގެ ކޯސްތައް ހިންގުނު. އަދި އެފަދަ ތަމްރީނުތައް ރާއްޖެއިން ބޭރުން ލިބިގަތުމަށްޓަކައި 46 މީހުން ބޭރުޤައުމުތަކަށް ވަނީ ފޮނުވިފައި.
މީހުން ބިނާކުރުމުގެ މަސައްކަތުގެ ތެރޭގައި، ރާއްޖޭގެ ދަރިން ތަފާތު ރޮނގުރޮނގުން ތަމްރީނު ހޯދުމަށާއި، މަތީ ތަޢްލީމު ޙާޞިލްކުރުމަށްޓަކައި، ބޭރުޤައުމުތަކަށް ފޮނުވުން ހިމެނޭ. މިގޮތުން ޑިގްރީ ފެންވަރުގެ އެކިއެކި ކޯހަށް 77 މީހުންނާއި، ޑިޕްލޯމާއާއި ސަރޓިފިކެޓް ފެންވަރުގެ ކޯސްތަކުގައި 319 މީހުން، 1992 ވަނަ އަހަރު ރާއްޖެއިން ބޭރަށް ފޮނުވިފައިވޭ. ކޯސް ފުރިހަމަކޮށް ނިމިގެން، މިދިޔަ އަހަރު ރާއްޖެއަށް އެނބުރި އައިސްފައިވަނީ 359 މީހުން. އޭގެތެރޭގައި، ޑިގްރީ ކޯސް ނިންމި 46 މީހުން ހިމެނޭ. ރާއްޖޭގެ ތަރައްޤީގެ ބޭނުންތަކާ ގުޅޭގޮތުން އުފައްދަންޖެހޭ މީހުން ބިނާކުރުމަކީ، ބޭރު ޤައުމުތަކުން ރާއްޖެއަށް ލިބޭ ސްކޮލަރޝިޕްތަކުން އެކަނި ހަމަޖެއްސޭވަރުގެ ކަމަކަށްނުވާތީ، ދުނިޔޭގެ ބޭންކުގެ ލޯނުގެ އެހީއެއްގެ ދަށުން މީހުން ތަމްރީނުކުރުމަށް ހިންގަމުން ގެންދާ ޕްރޮގްރާމް، މިހާރުވަނީ ނިމުމަކާ ހަމައަށް ގޮސްފައި. އެހެންކަމުން، އެފަދަ އެހެން ޕްރޮގްރާމެއް ރޭވޭތޯ މިހާރު މިގެންދަނީ މަސައްކަތް ކުރަމުން. އަދި ރާއްޖޭގައި މަތީ ތަޢްލީމުދޭ މަރްކަޒެއް އުފެއްދުމާބެހޭ ދިރާސާއެއްވެސް ސަރުކާރުން މިހާރު ކުރަމުން އެބަގެންދަން.
ތަޢްލީމީގޮތުން ދެވޭ ޚިދްމަތްތަކުގެ ތެރޭގައި، ޒުވާނުންނަށް އެކިއެކި މަސައްކަތް ދަސްކޮށްދިނުމުގެ ގޮތުން ހިންގާ ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރުގެ މަސައްކަތް މިދިޔަ އަހަރުވެސް ކުރިއަށް ގެންދެވިފައިވޭ. އަދި އިދާރީ ހިންގުމުގެ ރޮނގުތަކުން ސަރުކާރަށާއި އަމިއްލަ ފަރާތްތަކަށް ބޭނުންވާ މީހުން ތަމްރީނުކުރުމުގެ ކަންތައް، އެމް.ސީ.އެމް.އޭ.އިން މިދިޔަ އަހަރުވެސް ހިންގަމުންގެންދިޔަ. އަދި ޒުވާނުންގެ މަރްކަޒާއި އެނޫންވެސް، ސަރުކާރުގެ ތަފާތު އެކި ދާއިރާތަކާއި، މި ތަންތަނުން އެކިއެކި މަސައްކަތް ދަސްކޮށްދިނުމުގެ ކޯސްތައް މިދިޔަ އަހަރުގެ ތެރޭގައިވަނީ ހިންގިފައި.
އަމިއްލަ ފަރާތްތަކުން ރާއްޖޭގެ ތަޢްލީމު ކުރިއަށް ގެންދިޔުމަށް ކުރަމުންދާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކޮށް، މާލޭގައި އަމިއްލަ ދެފަރާތަކުން ހިންގަމުން ގެންދާ އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑްރީ ސްކޫލާއި، މާލޭ އިންގްލިޝް ސްކޫލް ހިންގާނޭ އާ ޢިމާރާތް ސަރުކާރުން އަޅައިދޭގޮތަށް ހަމަޖައްސައި، މިހާރުވަނީ ޢިމާރާތްކުރުމުގެ މަސައްކަތް ފަށާފައި. މީގެކުރިންވެސް، އެ ދެ ސްކޫލް ހިންގަމުން އައިސްފައިވަނީ، އެއްވެސް ކުއްޔެއްނެތި، ސަރުކާރުން އެ ދެ ފަރާތަށް ދޫކޮށްފައިވާ ޢިމާރާތްތަކެއްގައި. އަދި ރާއްޖެތެރޭގައި އަމިއްލަގޮތުން ހިންގަމުންގެންދާ މަދަރުސާ މަކްތަބުފަދަ ތަންތާނގެ ތެރެއިން 14 ތަނެއްގެ ފެންވަރު މިދިޔަ އަހަރުގެ ތެރޭގައިވަނީ މަތިކޮށްދެވިފައި.
ރާއްޖޭގެ ރައްޔިތުންނަށް ސަލާމަތް ޞިއްޙަތެއްގައި ތިބެވޭނެ މަގުތައް ތަނަވަސްކޮށްދިނުމަކީ، އިޖްތިމާޢީ ޚިދްމަތުގެ ދާއިރާގައި ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް. ރާއްޖޭގެ ޞިއްޙީ ދާއިރާގައި މިހާރު އެންމެބޮޑު ސަމާލުކަމެއް ދެމުންގެންދާ އެއްކަމަކީ، އެއިޑްސް ބަލިން ދިފާޢުވުމާއި، އެ ބަލީގެ ސަބަބުން ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ކޮށްފާނެ އަސަރުތަކާމެދު ހޭލުންތެރިކަން އިތުރުކުރުން. މިގޮތުން، ވޭތުވެދިޔަ އަހަރު ސަރުކާރުގެ އޮފީސްއޮފީހުގެ ވެރިންގެ ފެންވަރުގައި އެއިޑްސް ބައްޔާބެހޭ ސެމިނާރެއް ބޭއްވުނު. މި ސެމިނާރުގައި، އެއިޑްސް ބައްޔާ ބެހޭގޮތުން ޤައުމީ ސިޔާސަތެއް އޮތުމުގެ ބޭނުންތެރިކަމުގެ މައްޗަށާއި، އެ ސިޔާސަތު ހިންގުމުގައި ސަރުކާރުގެ ހުރިހާ ދާއިރާތަކަކުން އެއްބާރުލުމުގެ މައްޗަށް ޚާއްޞަ އަހަންމިއްޔަތެއް ދެވުނު.
ޞިއްޙީގޮތުން ސަރުކާރުން ދެމުންގެންދާ ޚިދްމަތްތަކުގެ ތެރޭގައި، ވޭތުވެދިޔަ އަހަރުވެސް އެންމެބޮޑަށް ސަމާލުކަން ދެވިފައިވަނީ، ރާއްޖެތެރޭގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމުގެ މައްޗަށް. މިގޮތުން، އިތުރު ހަތަރު އަތޮޅެއްގައި، އާ ޞިއްޙީ މަރްކަޒު އިމާރާތްކޮށް، އެތަންތަން ހުޅުވިފައިވޭ. އަދި ރާއްޖެތެރޭގެ އެކި ރަށްރަށުގައި ބޯފެން ރައްކާކުރާކަހަލަ ގިނަ ޢަދަދެއްގެ ތާނގީ ހަދައިދެވުނު. ރާއްޖޭގެ މީހުންއުޅޭ ރަށްރަށުގައި ފާޚާނާހޮޅިލުމުގެ ކަންތައް ތަޖްރިބާކުރުމުގެ ގޮތުން، މިދިޔަ އަހަރު ނިމުނުއިރު ވަނީ، އެއްރަށެއްގައި ހޮޅި ވަޅުލައި ނިމިފައި. އިތުރު ރަށްރަށުގައި ކަމާބެހޭ ސަރވޭތައް މިހާރު ކުރަމުން އެބަގެންދެވޭ. އަދި ރާއްޖޭގެ މީހުންއުޅޭ ރަށްރަށުގެ ފެން ލޮނުވަމުންދާ މައްސަލައިގައި، 21 ރަށެއްގައި އެކަމާބެހޭ ތަޙްލީލުތަކެއްވެސް މިދިޔަ އަހަރު ކުރެވުނު.
މީގެއިތުރުން، ސެންޓްރަލް ހޮސްޕިޓަލާއި، މާލޭ ޞިއްޙީ މަރްކަޒުން ދެވޭ ޚިދްމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، މިދިޔަ އަހަރުވެސް އިތުރު މަސައްކަތް ކުރެވުނު. ސެންޓްރަލް ހޮސްޕިޓަލްގައި މިހާރު ދެވެންނެތް ޞިއްޙީ ފަރުވާތައް ދޭގޮތަށް އިންޑިޔާ ސަރުކާރުގެ އެހީގައި ހަދަމުންގެންދާ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތް، ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ހިނގަމުންދިޔަ. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މި ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތް ނިމިގެން، އެ ހޮސްޕިޓަލް ހުޅުވޭނެ. އެ ހޮސްޕިޓަލްގައި މަސައްކަތްކުރުމަށް އިތުރަށް ބޭނުންވާ ޑޮކްޓަރުންނާއި، އެނޫން ފަންނީ މީހުން ހޯދުމުގެ ކަންތައްތަކާއި، ހޮސްޕިޓަލް ހުޅުވެންވާއިރަށް އެ ކަންތައްތައް ތައްޔާރުކުރުމުގެ ގޮތުން ހަމަޖައްސަންޖެހޭ އިންތިޒާމުތައް، އިންޑިޔާ ސަރުކާރުގެ އެހީގައި ހަމަޖެއްސުމަށް މިހާރު މިގެންދަނީ މަސައްކަތް ކުރަމުން.
ރީޖަނަލް ހޮސްޕިޓަލްތަކުން ދެވޭ ޚިދްމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، 1992 ވަނަ އަހަރު ނިމުނުއިރު ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކުގައިވެސް ލެބޯރެޓަރީގެ ޚިދްމަތް ދެވޭނޭ އިންތިޒާމު ވަނީ ހަމަޖެހިފައި. އަދި އައްޑުއަތޮޅު ރީޖަނަލް ހޮސްޕިޓަލްގައި މިހާރު ވަނީ އޮޕަރޭޝަން ތިއޭޓަރެއްވެސް ހުޅުވިފައި. އެހެން ރީޖަނަލް ހޮސްޕިޓަލްތަކުގައިވެސް އޮޕަރޭޝަން ތިއޭޓަރ ހެދުމަށް މިހާރުދަނީ ރޭވެމުން.
ރާއްޖޭގައި ދެވޭ ޞިއްޙީ ޚިދްމަތުގެ ދާއިރާ ފުޅާކޮށް، އަދި ދެވޭ ޚިދްމަތުގެ ފެންވަރު އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅުކުރުމުގެ ގޮތުން، އެ ޚިދްމަތްދޭ މީހުން އުފެއްދުމަށްޓަކައިވެސް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދޭ. އޭގެތެރޭގައި، އާދަވެގެން ދެވޭ ތަމްރީނުތަކުގެ އިތުރަށް، ވޭތުވެދިޔަ އަހަރު ހިންގުނު، ފާމަސީ އެސިސްޓެންޓުން ތަމްރީނުކުރުމުގެ ކޯސް، އަޅުގަނޑު ފާހަގަކޮށްލަން. އެނގިވަޑައިގަންނަވާނޭ ފަދައިން، ވޭތުވެދިޔަ ދެތިން އަހަރެއްގެ ތެރޭގައި، އަމިއްލަ ވަރަށްގިނަ ފަރާތްތަކަށްވަނީ، ބޭސް އެތެރެކުރުމާއި ވިއްކުމުގެ ހުއްދަ ދެވިފައި. އެހެންކަމުން، ބޭސް ވިއްކާ ތަންތާނގައި ތިބޭ މީހުންނަށް ކަމާބެހޭ ތަމްރީނުދިނުމަކީ ވަރަށް ބޭނުންތެރި ކަމަކަށްވާތީ، މިދިޔަ އަހަރުގެ ނިޔަލަށް 35 ފާމަސީ އެސިސްޓެންޓުން ވަނީ ތަމްރީނުކުރެވިފައި.
ޞިއްޙީ ދާއިރާއިން ތަމްރީނު ދިނުމަށްޓަކައި ރާއްޖެއިން ބޭރަށް މިދިޔަ އަހަރުވެސް މީހުން ފޮނުވިފައިވޭ. މިގޮތުން، ވޭތުވެދިޔަ އަހަރު ޞިއްޙީ ދާއިރާގެ އެކިއެކި ކޯސްތަކަށް 35 މީހުން ފޮނުވިފައިވޭ. މީގެތެރޭގައި، ޑޮކްޓަރުކަން ކިޔަވާ 11 މީހުންނާއި، ނަރުސްކަން ދަސްކުރަންދިޔަ 11 މީހުން ހިމެނޭ. އަހަރު ނިމުނުއިރު ރާއްޖެއިން ބޭރުގައި 81 މީހުން ޞިއްޙީ ދާއިރާގެ އެކިއެކި ތަމްރީނުތައް ހޯދަމުންގެންދޭ. މި މީހުންގެ ތެރެއިން 38 މީހުންނަކީ، ޑޮކްޓަރުކަން ކިޔަވަމުން ގެންދާ މީހުން.
ވޭތުވެދިޔަ އަހަރަކީ، ރާއްޖޭގައި ސިފައިން އުފެދުނުތާ 100 އަހަރުފުރުން ފާހަގަކުރެވުނު އަހަރު. ރާއްޖޭގެ ސަރުކާރާއި ރައްޔިތުން ޙިމާޔަތްކޮށް، ބޭރުން އަންނަ ދުޝްމަނުންގެ ނުރައްކާތަކުން ޤައުމު ދިފާޢުކުރުމުގެ މުހިންމު ވާޖިބު އަދާކުރުމުގައި އިސްވެ ތިބެންޖެހޭ ބަޔަކީ، ރާއްޖޭގެ ސިފައިން. ޤައުމުގެ އަމަންއަމާންކަން ދަމަހައްޓައި، ރާއްޖެއަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި، ޤައުމާއި ރައްޔިތުން ސަލާމަތްކުރުމުގައި އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާން ތިބެނީވެސް ހަމަ ސިފައިން. ރާއްޖޭގެ ސިޔާސީ އަދި އިޤްތިޞާދީ ސަރަޙައްދު ރައްކާތެރިކުރުމުގެ މުހިންމު މަސައްކަތުގައި ޙަރަކާތްތެރިވާންޖެހޭ ބަޔަކީވެސް ހަމަ އެއީ.
ރާއްޖޭގެ ސިފައިން ވޭތުވެދިޔަ 100 އަހަރު ދުވަހުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ކުރިއަށް ގޮސްފައި. ރާއްޖޭގަޔާއި ރާއްޖެއިން ބޭރުގައި ހިންގާ، ސިފައިންނާބެހޭ ކޯސްތައް ފުރިހަމަކުރުމުގެ ސަބަބުން، އެމީހުންގެ ލަޔާޤަތާއި ޤާބިލިއްޔަތާއި، ހުޝިޔާރުކަން ވަނީ ކުރިއަށްވުރެ އިތުރުކުރެވިފައި.
ސިފައިން އުފެދުނުތާ 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސިފައިން ހިންގި ޕްރޮގްރާމްތަކުގެ ތެރޭގައި، މާލޭގެ ތަފާތު ތަންތާނގައި ގަސް އިންދުމާއި، މާލެއިން މީދާ މަދުކުރުމާއި، ރާއްޖެތެރޭގެ ބައެއް ރަށްރަށުން ކާޅާއި ވައު މަދުކުރުމުގެ މަސައްކަތް ހިމެނޭ. ސިފައިންނަށް 100 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ހިންގި ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ ސިފައިންނަށް މަތިވެރި ޚިދްމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކަށް، ސެންޓިނަރީ މެޑެއްޔެއް އުފައްދައި، މިދިޔަ އަހަރުގެ ތެރޭގައި، އޭގެ ޙައްޤުވެރި ފަރާތްތަކަށް އެ މެޑެލް ދެވިފައިވޭ.
ޤައުމުގެ ތަރައްޤީގައި އަންހެނުންގެ ދައުރާ ބެހޭގޮތުން ވާހަކަ ދެއްކުމަށްޓަކައި، ޤައުމީ ފެންވަރުގައި މިދިޔަ އަހަރު ވަރަށް ޚާއްޞަ ސެމިނާރެއް ބޭއްވުނު. މި ސެމިނާރުގައި، ރާއްޖޭގެ ހުރިހާ އަތޮޅުތަކާއި، މާލޭގެ އަވަށްތަކާއި، އެކިއެކި އަމިއްލަ ޖަމްޢިއްޔާތަކުގެ މަންދޫބުންނާއި، ސަރުކާރުގެ ވަރަށްގިނަ އޮފީސްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި. މި ސެމިނާރުން، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކުގައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އަންހެނުން ބައިވެރިވުމުގެ މުހިންމުކަމާމެދު ނިންމުންތަކެއް ނިންމުނު. އަދި އަންހެނުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް އެއްބަސްވެވުނު.
ދިވެހިރާއްޖޭގެ އަޑުންނާއި ޓެލެވިޜަން މޯލްޑިވްސްއިން ދެމުންގެންދާ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުމުގެ އިތުރަށް، ޤައުމީ ފެންވަރުގައި އެކިއެކި ކަންތައްތަކާއި ދުވަސްތައް ފާހަގަކުރުމުގައި ވޭތުވެދިޔަ އަހަރުވެސް އެ ދެތަނުން ޚާއްޞަ މަސައްކަތްތަކެއް ކޮށްފައިވޭ. ދިވެހިރާއްޖޭގެ އަޑުގެ އާ ޢިމާރާތުގެ މަޝްރޫޢަށް ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއިން އެ މަޝްރޫޢުގެ މަސައްކަތް ނިންމާލެވޭވަރު ނުވާތީ، އެ މަޝްރޫޢުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން، އެ ޢިމާރާތް ނިންމާގޮތަށް ހަމަޖެއްސުނު. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އެ ޢިމާރާތް މުޅިން ނިމި، ހުޅުވޭވަރުވާނެ.
ރާއްޖޭގެ އިޤްތިޞާދިއްޔަތު
ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއްބައި ކަމުގައިވާ، މަސްވެރިކަމުގެ ރޮނގުގައި ވޭތުވެދިޔަ އަހަރުވަނީ، ރާއްޖެއަށް ބޭނިމަހުގެ ޢަދަދު، އޭގެ ކުރީ އަހަރަށްވުރެ ކުޑަތަންކޮޅެއް އިތުރުވެފައި. އެހެންނަމަވެސް، ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މަހާއި، އެ މަހުގެ ބާވަތްތައްވަނީ، އޭގެ ކުރީ އަހަރަށްވުރެ ގާތްގަނޑަކަށް %12 މަދުވެފައިކަން، މި ފުރްޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން. މިހެން ދިމާވުމުގެ އެއްސަބަބަކީ، ދުނިޔޭގެ ބާޒާރުތަކުގައި މަހުގެ އަގު ދަށްވުމާއި، ހުއިފިލަނޑާފަދަ ބައެއް ބާވަތުގެ ތަކެތި ރާއްޖެއިން މިހާރު ލިބެމުންދާލެއް މަދުކަން. އަދި މަސްވެރިކަން އެންމެބޮޑަށް އިތުރުވެފައިވާ ސަރަޙައްދަކީ، މާލެއާއި މާލެކައިރީގެ ރަށްރަށް ކަމުގައިވުމުން، އެކްސްޕޯޓް ކުރުމަށް އެހިސާބުގެ މަސް ލިބިފައިވާލެއްވެސް މަދުކަން.
މިކަން މިހެން ދިމާވިނަމަވެސް، މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް މިދިޔަ އަހަރުވެސް ކުރިއަށް ގެންދެވިފައިވޭ. މިގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، އިނގިރޭސި ސަރުކާރާއި ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ލިބިފައިވާ އިންޖީނު، މަސްދޯނިފަހަރުގައި އަޅައިދިނުމާއި، އިންޖީނު އަޅާފައިހުރި އިތުރު މަސްދޯނި ދޫކުރުން ހިމެނޭ. ވޭތުވެދިޔަ އަހަރު ނިމުނުއިރު، މަސްވެރިކަންކުރާ ދޯނީގެ ގޮތުގައި ރަޖިސްޓަރީކޮށްގެން ދުއްވާ 230 އިންޖީނުދޯނި، ކުރީ އަހަރަށްވުރެ އިތުރުވެފައިވޭ. މީގެއިތުރަށް، މަސްވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ރާއްޖޭގެ އެކިހިސާބުގައި ހަރުކުރަމުންގެންދާ އޮއިވާލި ކަނދުފަތި ހަރުކުރުމުގެ މަސައްކަތްވެސް މިދިޔަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދެވުނު.
މަސްވެރިކަމުގެ ދާއިރާގައި، މަހުގެ އަގު ހެދުމުގައި މަސްވެރިންގެ މަޞްލަޙަތު ރައްކާތެރިކޮށްދިނުމަށްޓަކައި، މަސް ގަންނަ އަގު ކަނޑައަޅާނޭ ޚާއްޞަ ރިޔާސީ ކޮމިޓީއެއް މިދިޔަ އަހަރުގެ ތެރޭގައިވަނީ އުފެއްދިފައި. އަދި މަސްވެރިކަމާބެހޭ އިޤްތިޞާދީ ކަންތައްތައް ބަލައި، ތަޙްލީލުކޮށް، އަދި ޕްރޮގްރާމްތައް ރޭވުމަށްޓަކައި، އިކޮނޮމިކް ޕްލޭނިންގ އެންޑް ކޯޑިނޭޝަން ޔުނިޓުގެ ނަމުގައި ވަކި ޔުނިޓެއްވެސް މިދިޔަ އަހަރު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގައި ވަނީ ޤާއިމުކުރެވިފައި.
މަސްވެރިކަމުގެ ތިންވަނަ މަޝްރޫޢުގެ ދަށުން ހުވަދުއަތޮޅު އުތުރުބުރީ ކޫއްޑޫގައި ހަދާ، ފިނިކުރިމަސް ތައްޔާރުކުރާ ގުދަނާއި ބަނދަރު ހެދުމާބެހޭ ބައެއް ތައްޔާރީތައް، މިދިޔަ އަހަރު ތެރޭގައިވަނީ ފެށިފައި. ޢަމަލީގޮތުން މި މަސައްކަތް ހިނގައިގަންނަން ފަށާނީ އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި. ޖަޕާން ސަރުކާރުގެ އެހީގައި ހަދަމުންގެންދާ، ހައްދުންމަތީ މާންދޫގައި ހަދާ ބަނދަރާއި، އެ ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް، މިދިޔަ އަހަރުގެ ތެރޭގައިވަނީ ނިމިފައި. އަދި އެތަނާ ގުޅިގެން ހަދާ، ފިނިކުރި މަސް ރައްކާކުރާ ތަނާއި، ދެވަނަ ފިޔަވަހީގައި ހިމެނޭ، ބަނދަރު ހެދުމުގެ މަސައްކަތް މިހާރު ހިނގަމުން އެބަދޭ. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އެތަންތަން ނިމި، ބޭނުންކުރަން ފެށޭވަރުވާނެ. އަދި މަސްވެރިންގެ އަތުން މަސްގަނެ، ފިނިކުރި މަސް ރައްކާކޮށްފައި ބެހެއްޓޭކަހަލަ އިތުރު ބޯޓެއް މިދިޔަ އަހަރުގެ ތެރޭގައި އެފް.ޕީ.އައި.ޑީ. އަށް ވަނީ ހޯދިފައި.
ރާއްޖޭގެ މަސްވެރިކަން ދެމިއޮންނަނިވި ގޮތެއްގައި ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ތަޙްލީލުތައްވެސް، ވީވަރަކުން މިގެންދަނީ ކުރަމުން. މިރޮނގުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ރާއްޖޭގެ ސަރަޙައްދުގައި، މިޔަރުގެ މަސްވެރިކަމާއި، ފަރުމަހުގެ މަސްވެރިކަން ކުރެވެންހުރި މިންވަރު ދެނެގަތުމަށްޓަކައި ތަޙްލީލުތަކެއް ކުރެވިފައިވޭ. މިފަދަ ހޯދުންތަކުން ލިބޭ މަޢްލޫމާތު، ރޭޑިޔޯގެ ޛަރީޢާއިން މަސްވެރިންނަށް ދިނުމާއެކު، މަސްވެރިކަމުގެ އެކި ރޮނގުރޮނގުން ތަމްރީނުކުރުމުގެ ކޯސްވެސް މިދިޔަ އަހަރު ތެރޭގައި ހިންގިފައިވޭ.
މަސްވެރިކަމުގެ ދާއިރާގައި އެންމެބޮޑު ސަމާލުކަމެއް ދޭންޖެހޭ، އަދި ދެމުންގެންދާ އަނެއްކަމަކީ، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ރައްކާތެރިކޮށް ބެލެހެއްޓުން. މިދިޔަ އަހަރުވެސް ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ފަރާތުން މި މަސައްކަތް ވަރަށް ރަނގަޅަށް ކުރަމުން ގެންގޮސްފައިވޭ. އެ އަހަރުވެސް، ރާއްޖޭގެ ސަރަޙައްދުގެ ތެރެއަށް ޤަވާޢިދާ ޚިލާފަށް ވަދެގެން އުޅުނު މަސްހިފާ ބޭރުގެ 6 ބޯޓު އަތުލެވިފައިވާކަން މި ފުރްޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން.
ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ކަމުގައި "ދިވެހިރާއްޖެއަށް ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާބެހޭ ޤާނޫނު" ގައި ކަނޑައަޅާފައި އޮންނަ ކަނޑުގެ ސަރަޙައްދާއި، ރާއްޖޭގެ ދެކުނުން އޮންނަ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ފޯޅަވަހީ)ގެ ކަނޑުގެ ސަރަޙައްދުގައި، ފުށުއަރާ ބައެއް އޮންނާތީ، އެ ސަރަޙައްދު ވަކިކުރުމާ ބެހޭގޮތުން ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދުގައި މިދިޔަ އަހަރު ވާހަކަ ދައްކަން ފެށުނު. އަދި މިހާރު ބޭނުންކުރެވެމުންދާ ރާއްޖޭގެ ޗާޓަކީ ވަރަށް ކުރިން ކުރަހާފައިވާ ޗާޓަކަށްވެފައި، މިހާރަށް ކަމުދާ ޗާޓަކަށް ނުވާތީ، މިހާރު ޤަޞްދުކުރެވިފައިވަނީ، ރާއްޖޭގެ ޗާޓު އަލުން ކުރެހުމަށް. އެހެންކަމުން، އިނގިރޭސި ސަރުކާރާ ދެކެވެމުންދާ ވާހަކަތަކާއި، އަލަށް ކުރަހާ ޗާޓު ނިމޭއިރު، އ.ދ. މަޖްލިސްގެ، ކަނޑާބެހޭ ޤާނޫނުގެ މުޢާހަދާއާ އެއްގޮތްވާ ގޮތުގެމަތީން، ރާއްޖޭގެ ސިޔާސީ އަދި އިޤްތިޞާދީ ސަރަޙައްދު އަލުން ކަނޑައެޅި ހަމަޖެހޭނެ. އެކަމަށްޓަކައި ރާއްޖޭގެ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މައްސަލަ އިރާދަކުރެއްވިއްޔާ ތިޔަ ޢިއްޒަތްތެރި މަޖްލިހަށް ހުށަހަޅަމުން ގެންދާނަން.
ރާއްޖޭގެ އިޤްތިޞާދިއްޔަތުގެ މުހިންމު އަނެއްބައި ކަމުގައިވާ ޓޫރިޒަމްގެ ރޮނގުގައި މިދިޔަ އަހަރު ރާއްޖެވަނީ، އެކަށީގެންވާ ކުރިއެރުމެއް ހޯދާފައި ކަމުގައި މި ދަންނަވަނީ ނުހަނު އުފަލާއެކު. އެ އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ ޢަދަދު، އޭގެކުރީ އަހަރަށްވުރެ ގާތްގަނޑަކަށް %20 އިތުރުވެފައިވޭ. ހަމައެހެންމެ، އެއަހަރު ތެރޭގައި އިތުރު 2 ރިޒޯޓް ހުޅުވިފައިވޭ. މިތަންތަނާއެކު، އަހަރު ނިމުނުއިރު ރާއްޖޭގައި އޮތީ 69 ޓޫރިސްޓް ރިޒޯޓް. އޭގެއިތުރަށް، މާލޭގައި ޓޫރިސްޓުން ތިބޭކަހަލަ 37 ގެސްޓްހައުސް، އަދި ދެ ހޮޓާ ހިނގަމުންދޭ. ޓޫރިޒަމްގެ ދާއިރާއިން ސަރުކާރަށް ލިބޭ އާމްދަނީއަށް ބަލާއިރު، ވޭތުވެދިޔަ އަހަރު ލިބުނު އާމްދަނީ، އޭގެ ކުރީ އަހަރަށްވުރެ ގާތްގަނޑަކަށް %21 އިތުރުވެފައިވޭ.
ޓޫރިޒަމަކީ، އިޤްތިޞާދީ ގޮތުން މަތިވެރި ފައިދާތަކެއް ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ލިބެމުންދާ ކަމަކަށްވާތީ، ރާއްޖޭގެ އިތުރު ސަރަޙައްދުތަކުގައި ޓޫރިޒަމްގެ މަސައްކަތް ހިންގުމުގެ ގޮތުން، މިދިޔަ އަހަރު، އައްޑުއަތޮޅު ގަމުގައި ޓޫރިޒަމްގެ މަސައްކަތްވަނީ ފެށިފައި. އަދި އެނޫން ބައެއް އަތޮޅަށްވެސް، އެ މަސައްކަތް ގެންދިޔުމާ ބެހޭގޮތުން ކުރަންޖެހޭ ސަރވޭތައް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ކުރެވޭނެ.
ރާއްޖޭގައި ޓޫރިޒަމްގެ މަސައްކަތް ފުޅާކުރަމުންދާއިރު، ދުނިޔޭގެ އިޤްތިޞާދިއްޔަތަށް އަންނަމުންދާ ބަދަލުތަކާމެދުވެސް އަޅުގަނޑުމެން ވިސްނަންޖެހޭނެ. ވަކިން ޚާއްޞަކޮށް، ރާއްޖެއަށް އެންމެގިނަ ޓޫރިސްޓުން އަންނަ ޤައުމުތަކުގެ އިޤްތިޞާދީ ޙާލަތާމެދު އަޅުގަނޑުމެން ތިބެންޖެހޭނީ ހޭލާ. މިކަންކަމާ ކުރިމަތިލާންޖެހޭނީ، އަޅުގަނޑުމެން ޓޫރިސްޓުންނަށް ދޭ ޚިދްމަތުގެ ފެންވަރު ރަނގަޅުކޮށްގެން. އަދި ހަމައެހެންމެ، އެ ޚިދްމަތުގެ އަގުހެޔޮކޮށްގެން. ވީމާ، ޓޫރިޒަމް ހިންގާ ފަރާތްތަކުން މި ނުކުތާއަށް ސަމާލުކަން ދިނުމަކީ، އަޅުގަނޑު ވަރަށް އެދޭ ކަމެއް. މިހެން ދަންނަވާއިރު، މިހާރުވެސް ރާއްޖޭގެ ޓޫރިޒަމްގެ މަސައްކަތުގެ ބޮޑުބައި، ނުހަނު ތާރީފުކުރުން ޙައްޤު ގޮތެއްގައި ހިންގަމުން ގެންދަނީ އަމިއްލަ ފަރާތްތަކަކުންކަން ޝުކުރުވެރިކަމާއެކު އަޅުގަނޑު ފާހަގަކުރަން.
ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ޓޫރިސްޓުން އަންނަނީ ޔޫރަޕުން ކަމަށްވާތީ، ޔޫރަޕާ ރާއްޖެއާ ދެމެދު އޮންނަ ޗާޓަރު ފްލައިޓްތަކުގެ އިތުރަށްވެސް، ރަނގަޅު ފެންވަރެއްގައި ވައިގެ ދަތުރުފަތުރު ކުރެވޭނެގޮތެއް އޮތުމަކީ، ކޮންމެހެން ބޭނުންކަމެއް. މިހާތަނަށް މި ދަތުރުތައް ކުރަމުންގެންދިޔަ އެއަރލައިނުން، އެމީހުންގެ ދަތުރުތައް އެހެންގޮތަކަށް ބަދަލުކޮށްލުމާ ގުޅިގެން، ރާއްޖޭގެ ޓޫރިޒަމަށް މިހާރު ވަނީ އެކަމުގެ އަސަރު ފޯރަން ފަށާފައި. މިކަމަށް ޙައްލެއް ހޯދޭތޯ ސަރުކާރާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒްއާ ގުޅިގެން ވަނީ މަސައްކަތްތަކެއް ކޮށްފައި. ސަރުކާރުން މިހާރުވެސް މިގެންދަނީ، އެ މައްސަލަ ޙައްލުކުރެވޭނެ ގޮތެއް ފެނޭތޯ މަސައްކަތް ކުރަމުން.
އިޤްތިޞާދުގެ ބައެއް ދާއިރާއަށް މާ ފުރިހަމަ ކާމިޔާބީއެއް ލިބުނު އަހަރެއް ކަމުގައި، 1992 ވަނަ އަހަރު ނުވިކަމުގައިވިޔަސް، އެ އަހަރުވެސް ރާއްޖޭގެ އިޤްތިޞާދިއްޔަތު ދެކެފައިވަނީ، ހަރުދަނާ ކުރިއެރުމެކޭ އަޅުގަނޑު މި ދަންނަވަނީ ތަފާސްހިސާބުން އަޅުގަނޑުމެންގެ ކުރިއެރުން، ޤައުމީ އުފެއްދުންތެރިކަމުގެ ކުރިއެރުން މިދިޔަ އަހަރު، އޭގެ ކުރީ އަހަރަށްވުރެ %6.3 މައްޗަށް ޖެހިފައިވާތީ. މިފަދަ ކުރިއެރުމެއް ޙާޞިލްކުރެވިފައިވަނީ، އެކިއެކި އިޤްތިޞާދީ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކުން ސަރުކާރާ އެއްބާރުލައިގެން ކުރަމުންގެންދާ މަސައްކަތްތަކުގެ ސަބަބުން. ވީމާ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ޝުކުރު އަދާކުރަން. ވަކިން ޚާއްޞަކޮށް، ޓޫރިޒަމް ކުރިއެރުވުމަށްޓަކައި "މަޓީ"އިން ކުރައްވަމުން ގެންދަވާ ޚިދްމަތްތަކާއި، ވިޔަފާރިއާއި މަސައްކަތްތެރިކަން ކުރިއެރުވުމަށްޓަކައި ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާއިން ކުރައްވާ މަސައްކަތްތަކަށްޓަކައި އެ ދެފަރާތަށް އަޅުގަނޑު ޝުކުރު ދަންނަވަން.
ދައުލަތުގެ ބަޖެޓުން ކުރަން ހަމަޖެހިފައިވާ ބައެއް ކަންތައްތައް ނުކޮށް ދޫކޮށްލައި، ޚަރަދު ކުޑަކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އެޅުމާއެކުވެސް، ވޭތުވެދިޔަ 1992 ވަނަ އަހަރުވެސް ނިމިގެންދިޔައީ، ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ދައުލަތުން ހިނގި ޚަރަދު އިތުރުވެގެންދިޔަ އަހަރެއްގެ ގޮތުގައި. ދައުލަތުން ހިނގި ޚަރަދުގެ އެންމެބޮޑު ބައެއް ހޭދަވެފައިވަނީ، އިޤްތިޞާދީ ތަރައްޤީއަށްޓަކައި ކުރެވޭ ޚަރަދަށް. ދެވަނަޔަށް އެންމެބޮޑު ޚަރަދެއް ކުރެވިފައިވަނީ، ރައްޔިތުންނަށް ދެވޭ ޢާންމު ޚިދްމަތަށް.
ތިޔަ ޢިއްޒަތްތެރި މަޖްލިހަށް އެނގިވަޑައިގަންނަވާނޭ ފަދައިން، މިހިނގާ އަހަރަށްވެސް ފާސްކުރެވިފައިވަނީ، ލިބޭ އާމްދަނީއަށްވުރެ ޚަރަދު އިތުރުކޮށް ދައްކާ ބަޖެޓެއް. އެހެންކަމުން، ދައުލަތަށް އިތުރު އާމްދަނީ ލިބޭނޭ މަގުތައް ހޯދުމަކީ، މިހާރު ވަރަށްބޮޑު އަހަންމިއްޔަތެއް ދޭންޖެހިފައިވާ ކަމެއް. އަދި އެކަމަށްޓަކައި ސަރުކާރުން މިއަހަރު އިތުރު ފިޔަވަޅުތަކެއް އެޅުމަށްވަނީ ޤަޞްދުކޮށްފައި.
ރާއްޖޭގެ ޢާންމު ވިޔަފާރިއަށް ބަލާއިރު، ފާހަގަކޮށްލަންޖެހޭ އެއްކަމަކީ، ވޭތުވެދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު، އޭގެ ކުރީ އަހަރަށްވުރެ ގާތްގަނޑަކަށް %23 މަދުވެފައިވާކަން. މިކަން މިހެން ދިމާވުމުގެ އެއް ސަބަބެއް ކަމުގައިވީ، ރާއްޖެއިން އެކްސްޕޯޓްކުރާ މައިގަނޑު މުދަލެއް ކަމުގައިވާ މަހުގެ ބާވަތްތަކުގެ އަގު ދުނިޔޭގެ ބާޒާރުގައި ދަށަށްދިޔުން. މިކަން އެހެން ދިމާވިއިރު، ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ ޢަދަދު މިދިޔަ އަހަރުވެސްވަނީ، އޭގެކުރީ އަހަރަށްވުރެ އިތުރުވެފައި. މިހެންކަމާއެކުވެސް، ޚިދްމަތުގެ ދާއިރާތަކުން ރާއްޖެއަށް ލިބުނު ބޭރުފައިސާ ހިމަނައިގެން ބަލާއިރު، ރާއްޖޭގެ ބޭރުގެ ވިޔަފާރީގެ ޖުމްލަ ބާކީ، ވޭތުވެދިޔަ އަހަރު ނިމުނުއިރު ދައްކަނީ ރާއްޖެއަށް ފަހިކޮށް.
ސަރުކާރުގެ ފަރާތުން ވިޔަފާރި ހިންގާ އެކިއެކި ތަންތަނުން ހިންގާ ވިޔަފާރީގެ ޙަރަކާތްތަކަށް، ސަރުކާރުން ގެންގުޅޭ ވިޔަފާރީގެ ހުޅުވާލެވިފައިވާ ސިޔާސަތުގެ ދަށުން ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ބަލައި، އެ ބަދަލުތައް މިގެންދަނީ ގެންނަމުން. މިގޮތުން، ވޭތުވެދިޔަ އަހަރު ހަމަޖެއްސި ކަންތައްތަކުގެ ތެރޭގައި، މޯލްޑިވްސް އެއަރ ސަރވިސަސް ލިމިޓެޑަކީ، ޑިރެކްޓަރުންގެ ބޯޑެއްގެ ލަފަޔާއެކު، ވިޔަފާރި އުޞޫލުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖެއްސުން ހިމެނޭ. އަދި މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ޗާޓަރެއް ކަނޑައަޅައި، އެ ޗާޓަރާ އެއްގޮތްވާ ގޮތުގެމަތިން އެތަނުގެ ޑިރެކްޓަރުންގެ ބޯޑެއް އަލުން އިންތިޒާމް ކުރެވުނު.
ސަރުކާރުގެ ފަރާތުން ވިޔަފާރި ހިންގާ އެންމެ މުހިންމު ތަން ކަމުގައިވާ އެސް.ޓީ.އޯ.އިން މަސްވެރިކަމުގެ ދާއިރާގައި ހިންގަމުން ގެންދާ ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ އިތުރަށް، ވިޔަފާރީގެ އާގޮތެއް ތަޢާރުފްކުރުމުގެ ގޮތުން، އެއްތަނަކުން ގިނަ ބާވަތްތަކުގެ މުދާ ގަންނަން ލިބެން ހުންނަގޮތަށް، މިދިޔަ އަހަރު ސުޕަރމާކެޓެއް ހިންގަން ފަށާފައިވޭ. އަދި އެސް.ޓީ.އޯ.ގެ އިތުރު ފިހާރައެއް މިދިޔަ އަހަރު މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީގައި ހުޅުވުނު. އެ ފިހާރައާއެކު، މިހާރު ރާއްޖެތެރޭގެ 14 ތަނެއްގައި އެސް.ޓީ.އޯ.ގެ ފިހާރަ ހިނގަމުން އެބަދޭ.
ސަރުކާރުގެ ފަރާތުން ހިންގާ، ބޯޓުފަހަރު ދުއްވުމުގެ ކަންތައް ބަލަހައްޓާ ކުންފުނި ކަމުގައިވާ މޯލްޑިވްސް ނޭޝަނަލް ޝިޕް މެނޭޖްމަންޓް ލިމިޓެޑްގެ މަސައްކަތް، މިދިޔަ އަހަރުގެ ތެރޭގައި އެދެވޭގޮތެއްގައި ހިނގަމުން ގޮސްފައިވޭ. އާގުބޯޓުފަހަރުން މުދާ އުފުލުމުގެ، ބައިނަލްއަޤްވާމީ ދާއިރާއަށް އައި އަޑިގަނޑެއްގެ ސަބަބުން، ވިދިވިދިގެން އެތައް އަހަރެއް ވަންދެން ގެއްލުންވުމަށްފަހު، މިހާރު އެ ކުންފުނިންވަނީ މަޑުމަޑުންނަމަވެސް ފައިދާވާން ފަށާފައި. ސިންގަޕޫރާއި މާލެއާ ދޭތެރޭގައި މިހާތަނަށް އެ ކުންފުނިން ދުއްވަމުން ގެންދިޔަ، ކުއްޔަށް ހިފާފައިވާ ކޮންޓެއިނަރު ބޯޓުގެ ބަދަލުގައި އެ ކުންފުނިން މިހާރުވަނީ، ކޮންޓެއިނަރު އުފުލާ ބޯޓެއް ގަނެފައި.
މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ ފަރާތުން، ރާއްޖެތެރޭގެ އިތުރު ބައެއް ރަށްރަށުގައި ކަރަންޓް ދިނުމުގެ ޚިދްމަތް، މިދިޔަ އަހަރުގެ ތެރޭގައި ފެށްޓުމާ ގުޅިގެން، އަހަރު ނިމުނުއިރު އެތަނުގެ ހުރިހާ ބައިތަކެއް ހިމެނޭ ޖުމްލަ ހިސާބުތަކުން ދައްކަނީ، ގެއްލުންވެފައިވާ ކަމަށް. މާލޭގައި ދެމުންގެންދާ ކަރަންޓުގެ ޚިދްމަތުން ފައިދާވިނަމަވެސް، ރާއްޖެތެރޭގައި ފެށުނު ޚިދްމަތްތަކުން އަދި ފައިދާ ލިބޭވަރަށް އެތަންތާނގައި ކަރަންޓުގެ ބޭނުންކުރާ މިންވަރު އިތުރުވެގެނެއްނުދޭ. ކަރަންޓުގެ ޚިދްމަތަކީ ދިރިއުޅުމުގެ ފަސޭހަތައް ލިބިގަތުމަށާއި، އިޤްތިޞާދީ ކުރިއެރުމަށް ނުހަނު ބޭނުންތެރި ޚިދްމަތެއް. އެހެންނަމަވެސް، އިޤްތިޞާދީ ޙަރަކާތްތައް އިތުރުވެ، އެކަމުގެ ތަނަވަސްކަން ގިނަބަޔަކަށް ޢާންމުވުމަށް މުއްދަތެއް ބޭނުންވާނެ. ވީމާ، ރާއްޖެތެރޭގައި ސަރުކާރުން ކަރަންޓުގެ ޚިދްމަތްދޭ ރަށްރަށުގެ މީހުން، އެ ޚިދްމަތުގެ ބޭނުންކޮށްގެން ކުރިއެރުމަށް ފުރުޞަތު ދިނުމުގެ ގޮތުން، ކަރަންޓް ދޫކުރަމުން މިގެންދަނީ، ވިޔަފާރިއަކަށްވުރެ ބޮޑަށް ޚިދްމަތެއްގެ ގޮތުގައި.
ސަރުކާރާއި ބޭރުގެ ފަރާތަކާ ގުޅިގެން މީގެ ދިހަވަރަކަށް އަހަރު ކުރިން އުފައްދާފައިވާ ބޭންކް އޮފް މޯލްޑިވްސް ވަނީ، ވޭތުވެދިޔަ އަހަރު ނިމުނުއިރު ސަތޭކައަކުންސަތޭކަ ދިވެހި ބޭންކަކަށް ބަދަލުކުރެވިފައި. އެ ބޭންކުގެ ރައުސްމާލުގެ ތެރެއިން، ބޭރުގެ ފަރާތަށް އޮތް %40 ދިވެހި ސަރުކާރަށް ގަނެ، އެމީހުންނަށް އޭގެ ފައިދާއާއެކު އަގުދީ، މިހާރުވަނީ ނިންމިފައި. އެހެންކަމުން، ސަރުކާރުން ނިންމާފައިވަނީ، ބޭންކް އޮފް މޯލްޑިވްސްގެ ރައުސްމާލުގެ %25 ޙިއްޞާ ޢާއްމު ރައްޔިތުންނަށް ވިއްކުމަށް. މިއަހަރު މިކަންތައް ހަމަޖެހިގެން މިހާރު ހިނގަމުން އެބަދޭ. ރާއްޖެތެރޭގައި ބޭންކް އޮފް މޯލްޑިވްސްގެ ގޮފިތަކެއް ހުޅުވައިގެން، ތަރައްޤީއަށްޓަކައި ބޭންކުން މާލީ އެހީ ލިބޭނެ އިންތިޒާމެއް މިހާރުވަނީ ހަމަޖައްސާފައި. މި މަޝްރޫޢުގެ ބޭނުމަކީ، އެންމެމަދު އާމްދަނީ ލިބޭ މީހުންނަށް ލޯނު ދޫކޮށްގެން، އެމީހުންގެ އަމިއްލަ މަސައްކަތުން އާމްދަނީ އިތުރުކުރުމުގެ މަގު ތަނަވަސްކޮށްދިނުން. އަދި މީގެއިތުރަށް، ބޮޑެތި މަސައްކަތްތައް ހިންގުމަށްޓަކައި، ދިގުމުއްދަތަށް ލޯނު ދޫކުރާ ބޭންކެއް ރާއްޖޭގައި އުފެއްދުމުގެ މަސައްކަތް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާ ގުޅައިގެން ސަރުކާރުން މިހާރު ކުރަމުން އެބަގެންދަން.
ބޭރުގެ ފަރާތަކާ ސަރުކާރާ ގުޅިގެން ހިންގާ އަނެއް ކުންފުނި ކަމުގައިވާ "ދިވެހިރާއްޖޭގެ ގުޅުން" މިހާތަނަށް ހަމަޖެހިފައިވަނީ، މި ކުންފުނީގެ ރައުސްމާލުގެ %49 ދިވެހި ސަރުކާރަށް. އަދި ބޭރުގެ ފަރާތް ކަމުގައިވާ ކޭބަލް އެންޑް ވަޔަރލެސްއަށް %51 އޮންނަ ގޮތަށް. އެހެންނަމަވެސް، ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ކޭބަލް އެންޑް ވަޔަރލެސްއާ ދިވެހި ސަރުކާރާ ވާހަކަ ދައްކައިގެން، މިހިނގާ 1993 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން، ދިރާގުގައި ދިވެހި ސަރުކާރުގެ ޙިއްޞާ %55 އަށް އިތުރުކުރުމަށްވަނީ އެއްބަސްވެވިފައި.
ސަރުކާރާ ރައްޔިތުން ބައިވެރިވާ ކުންފުންޏެއް ކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީންވެސް، 1992 ވަނަ އަހަރު، އޭގެ ކުރީ އަހަރަށްވުރެ ރަނގަޅު ފައިދާއެއް ވަނީ ލިބިފައި. އަދި ކުންފުންޏަށް ފައިދާ ނުލިބޭގޮތަށް ހިނގަމުންދާ ކަންތައްތައް ހުއްޓާލައި، ކުންފުނިން ކުރަމުންދާ މަސައްކަތްތައް ކުރިއަށްވުރެ ބޮޑަށް ވިޔަފާރީގެ އުޞޫލުން ހިންގަމުން ގެންދިޔުމަށްޓަކައި މިދިޔަ އަހަރުވެސް މަސައްކަތް ކުރެވިފައިވޭ.
ރާއްޖޭގެ އިޤްތިޞާދިއްޔަތުގައި ދަނޑުވެރިކަމަކީވެސް، ވަރަށް މުހިންމު ބައެއް އަދާކުރާ ރޮނގެއް ކަމަށްވާތީ، ދަނޑުވެރިކަން ތަރައްޤީކުރުމަށް، ވޭތުވެދިޔަ އަހަރުވެސް އިތުރު މަސައްކަތް ކުރެވުނު. ދަނޑުވެރިކަމާ ގުޅޭ ކަންތައްތައް ދަސްކޮށްދޭ ތަމްރީނު ކޯސްތައް އެކިއެކި ރަށްރަށުގައި ހިންގައި، ބައެއް ރަށްރަށުގައި ނަމޫނާ ދަނޑުތައް ހައްދައިގެން މަސައްކަތް ކުރެވިފައިވޭ. މޭވާއަޅާ ގަސްގަހާއި، މުޑުވަކާއި، ގަހަށްޖަހާ ބޭސްފަދަ ތަކެތި ގެނެސް، ދަނޑުވެރިންނަށް ފަސޭހައިން ލިބޭނޭ އިންތިޒާމެއްވެސް ހަމަޖެއްސިފައިވޭ.
މުވާޞަލާތުގެ ގޮތުން ބަލާއިރު، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް، މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދެވިފައިވޭ. މި މަސައްކަތްތަކުގެ ތެރެއިން، އަހަރު ނިމުނުއިރު، ރަންވޭއާއި އޭޕްރަން ބޮޑުކުރުމުގެ މަސައްކަތްވަނީ ނިމިފައި. ސަރަޙައްދީ ވައިގެ ބަނދަރުތަކުގެ ތެރެއިން، ހުވަދުއަތޮޅު ދެކުނުބުރީ ކާޑެއްދޫގައި ހަދާ އެއަރޕޯޓް ހެދުމުގެ މަސައްކަތް، މިދިޔަ އަހަރުވެސް ވަރަށް ހަލުވިކަމާއެކު ކުރިއަށް ގެންދެވިފައިވޭ. އިރާދަކުރެއްވިއްޔާ މިހިނގާ އަހަރުގެ ތެރޭގައި އެ އެއަރޕޯޓް ނިމޭވަރުވާނެ. އައްޑުއަތޮޅު ގަމުގެ އެއަރޕޯޓުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންއައި މަސައްކަތް، ވޭތުވެދިޔަ އަހަރު ނިމި، ރޭގަނޑުގެ ފްލައިޓްތައް ޖެއްސޭވަރަށް މިހާރުވަނީ އެތަން ހެދިފައި.
ތެލެފޯނުގެ ޚިދްމަތް ރާއްޖެތެރެއަށް ދިނުމަކީ، ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއް ދެމުންގެންދާ ކަމެއް. ރާއްޖޭގެ އެންމެ ދެކުނާއި އުތުރަށް ސެޓެލައިޓް މެދުވެރިކޮށްގެން، އާ ނިޡާމެއް ޤާއިމުކޮށް، އެ ނިޡާމާ ގުޅައިގެން، މިހާތަނަށް ތެލެފޯނުގެ ޚިދްމަތް ނުދެވިއޮތް 9 އަތޮޅަށް ތެލެފޯނުގެ ޚިދްމަތް ދިނުމުގެ މަޝްރޫޢެއް، މިދިޔަ އަހަރުގެ ތެރޭގައިވަނީ ރޭވިފައި. މި މަޝްރޫޢުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރު ފެށޭނެ.
އެކުވެރި ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ރާއްޖެއަށް ލިބޭ ހިލޭ އެހީއާއި ލޯނުގެ އެހީއަކީ، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި ވަރަށް މުހިންމު ޙިއްޞާއެއް އަދާކުރާ އެއްޗެއް. 1992 ވަނަ އަހަރުގެ ތެރޭގައި ބޭރުގެ ހިލޭ އެހީގެ ގޮތުގައި، ފައިސާއާއި ތަކެތީން ރާއްޖެއަށް ލިބިފައިވާ ކަމަށް ދައްކަނީ 189 މިލިޔަން ރުފިޔާ. އަދި ވޭތުވެދިޔަ އަހަރު ލޯނުގެ އެހީގެ ގޮތުގައި ލިބުނުކަމަށް ދައްކަނީ 233 މިލިޔަން ރުފިޔާ.
ރައްޔިތުންގެ މަޖްލިސް
ވޭތުވެދިޔަ 1992 ވަނަ އަހަރުގެ ތެރޭގައިވެސް، ރައްޔިތުންގެ މަޖްލިހުގެ މަސައްކަތް ހިނގަމުން ގޮސްފައިވަނީ، ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް ފައިދާހުރި ގޮތެއްގައި ކަމަށް އަޅުގަނޑު ދެކެން. އަދި މަޖްލިހުގެ މެންބަރުން މަސައްކަތްޕުޅު ކުރައްވާފައިވަނީ، ނުހަނު އިޚްލާޞްތެރިކަމާއި ހީވާގިކަމާއެކުގައި ކަމަށް އަޅުގަނޑު ޤަބޫލުކުރަން. އަދި ވޭތުވެދިޔަ އަހަރަކީ، ރައްޔިތުންގެ މަޖްލިހުގެ ޢިއްޒަތްތެރި މެންބަރުންނަށް ޙައްޤުވެގެންވާ ޚާއްޞަ ޢިނާޔަތްތަކެއް އެ ބޭފުޅުންނަށް އަރުވާގޮތަށް ހަމަޖެހުނު އަހަރެއްކަންވެސް މި ފުރުޞަތުގައި އަޅުގަނޑު ނުހަނު އުފަލާއެކު ފާހަގަކޮށްލަން.
ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ދައުލަތުގެ ބަޖެޓާއި، 17 ބިލް މަޖްލިހަށް ހުށަހެޅިފައިވޭ. އޭގެތެރެއިން ބަޖެޓާއި 9 ބިލްވަނީ ފާސްކުރައްވައި ނިމިފައި. އަނެއް 8 ބިލުގެ ތެރެއިން 3 ބިލް މިހާރުވަނީ، މަޖްލިހުން އެކަމަށް ހޮއްވަވާފައިވާ ކޮމިޓީތަކަށް ހުށަހެޅިފައި. އަދި 2 ބިލެއް ވަނީ ހުށަހެޅިގޮތަށް މަޖްލިހުން ފާސްނުވެ. މަޖްލިހުގެ ކުރިފުޅުމަތީގައި އަދި ވަކިގޮތެއް ނުނިމޭ 2 ބިލެއް އެބައޮތް. އަނެއް ބިލްވަނީ ބިލް ހުށަހެޅި ފަރާތުން އަނބުރާ ގެންގޮސްފައި.
ރައްޔިތުންގެ މަޖްލިހުގެ ޢުމުރުން މި ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި، މަޖްލިހުގެ ޤަދަރާއި ހައިބަތަށް އެކަށީގެންވާފަދަ ޢިމާރާތެއް މަޖްލިހަށް ލިބިފައެއްނުވޭ. ކަން މިހެން އޮތުމާއެކު، އެފަދަ ޢިމާރާތެއް ބިނާކުރެވޭތޯ ސަރުކާރުން ކުރަމުން ގެންދިޔަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ޕާކިސްތާން ސަރުކާރުގެ އެހީގައި ރައްޔިތުންގެ މަޖްލިސްކުރާ ގެއެއް ޢިމާރާތް ކުރުމަށް މިހާރުވަނީ ހަމަޖެހިފައި. މި ޢިމާރާތް ބިނާކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ފެށޭނެ.
ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށްޓަކައި އެއްކުރެވިފައިވާ ރައްޔިތުންގެ ޚާއްޞަ މަޖްލިހުގެ ދެ ޖަލްސާއެއް، މިދިޔަ އަހަރުގެ ތެރޭގައި ބޭއްވިފައިވޭ. އަދި މަޖްލިހުން އަލުން ޑްރާފްޓް ކުރައްވަން ފަށްޓަވާފައިވާ، ޤާނޫނުއަސާސީ ޑްރާފްޓް ކުރުމުގެ މަސައްކަތް، އިތުރު ބާރަކާއެކު ކުރިއަށް ގެންދަވާނެ ގޮތަކާމެދު މެންބަރުން މަޝްވަރާ ކުރެއްވި. ވޭތުވެދިޔަ އަހަރުގެ ޕްރެޒިޑެންޝަލް އެޑްރެސްގައިވެސް އަޅުގަނޑު ދަންނަވާލާފައި ވާނޭ ފަދައިން، ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފެށިފަހުން މިހާރު މިވަނީ ވަރަށް ދިގު މުއްދަތެއް ފާއިތުވެފައި. އަދި އެ މުއްދަތުގެ ތެރޭގައި އަޅުގަނޑުމެންގެ ޤައުމީ ޙަޔާތަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި. އެހެންކަމުން، ޤާނޫނުއަސާސީ އިޞްލާޙުކޮށް ނިންމުމުގެ ބޭނުންތެރިކަން މިހާރުވަނީ މީގެ ކުރިއަށްވުރެ ބޮޑުވެފައި.
ޚާރިޖީ ހިންގުން
ރައްޔިތުންގެ މަޖްލިހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން!
ކުރީ އަހަރުތަކެކޭ އެއްފަދައިން، 1992 ވަނަ އަހަރުވެސް، ރާއްޖޭގެ ޚާރިޖީ ހިންގުމުގެ ކަންތައްތައް ހިނގަމުން ގޮސްފައިވަނީ، ހިތްހަމަޖެހޭފަދަ ގޮތެއްގައި. ރާއްޖެއަށް ރީތިނަމާއި ތާރީފް ލިބެނިވި ގޮތެއްގައި.
ވޭތުވެދިޔަ އަހަރު ޚާރިޖީ ހިންގުމުގެ ދާއިރާގައި ހިނގި އެންމެ މުހިންމު އެއްކަމެއް ކަމުގައި އަޅުގަނޑު ފާހަގަކޮށްލާހިތްވަނީ، ބޭރުގެ ގިނަ ޢަދަދެއްގެ ޢިއްޒަތްތެރިން ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަން. މިދިޔަ އަހަރު ރާއްޖެއަށް ވަޑައިގެންނެވި ޢިއްޒަތްތެރި ބޭފުޅުންގެ ތެރޭގައި، ކުވައިތުގެ އަމީރު ޝައިޚް ޖާބިރުލް އަޙްމަދު އަލްޖާބިރުއްޞަބާޙް، އަދި ޝްރީލަންކާގެ ޕްރެޒިޑެންޓް ރަނަސިންހަ ޕްރެމަދާސަ، އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު މިސްޓަރ ޖޭމްސް ބޭކަރ، އ.ދ.ގެ ސެކްރެޓެރީ ޖެނެރަލް ޑޮކްޓަރ ބުތުރުސް ބުތުރުސް ޣާލީ، އަދި ކޮމަންވެލްތުގެ ސެކްރެޓެރީ ޖެނެރަލް ޗީފް އަންޔާއޮކޫ ހިމެނިވަޑައިގެންނެވި. އަދި އޭގެއިތުރަށް، މިދިޔަ އަހަރު ރާއްޖޭގައި ބޭއްވުނު ކޮމަންވެލްތް ޤައުމުތަކުގެ ޒުވާނުންނާބެހޭ ވަޒީރުންގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ގިނަ ޤައުމުތަކެއްގެ ވަޒީރުން ރާއްޖެއަށް ވަޑައިގެންނެވި.
ވޭތުވެދިޔަ އަހަރު ބޭރު ދުނިޔޭގައި ހިނގި އެންމެ ޚާއްޞަ އެއްކަމަކީ، ބްރެޒީލްގެ ރިއޯޑިޖެނީރޯގައި ބޭއްވުނު އ.ދ.ގެ ތިމާވެށްޓާއި ތަރައްޤީއާބެހޭ ޖަލްސާ. "އާރތު ސަމިޓް"ގެ ނަމުން ފާހަގަވެގެންދިޔަ މި ޖަލްސާގައި، ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގެ އެންމެމަތީ ވެރިން ބައިވެރިވެޑައިގެންނެވި. އެ ޖަލްސާގައި ރާއްޖޭގެ ފަރާތުން އަޅުގަނޑު ބައިވެރިވެ، ދުނިޔޭގެ ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭގޮތުން، ދުނިޔޭގެ ޤައުމުތަކުގެ ސަމާލުކަން ހޯދުމަށް މަސައްކަތް ކުރިން. އަދި އެ ޖަލްސާއިން ފާސްކުރި މުހިންމު ދެ ކޮންވެންޝަން ކަމުގައިވާ "މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުޢާހަދާ" އާއި، "ތަފާތު ބާވަތްތަކުގެ ދިރުންހުރި ތަކެއްޗާބެހޭ މުޢާހަދާ"ގައި ރާއްޖޭގެ ފަރާތުން އަޅުގަނޑު ސޮއިކުރިން. މިހާރު މި ދެ މުޢާހަދާވަނީ، ދިވެހި ސަރުކާރުން ތަޞްދީޤުކޮށް، އެކަމާބެހޭ ލިޔުން، އެކަމަށް ހަމަޖެހިފައިވާ އުޞޫލުން އ.ދ.ގެ ސެކްރެޓޭރިއަޓްގައި ބާއްވާފައި.
ދުނިޔޭގެ ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުން، ޚާއްޞަކޮށް ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުސްވަމުންދިޔުމާ ގުޅިގެން ރާއްޖެއަށް ލިބިދާނެ ގެއްލުންތަކާ ބެހޭގޮތުން ބައިނަލްއަޤްވާމީ މުޖްތަމަޢަށް ދިވެހި ރައްޔިތުންކުރި "ދިވެހީންގެ އިލްތިމާސް" ރިއޯގެ ޖަލްސާއަށް ވަޑައިގެންނެވި ބައެއް ޤައުމުތަކުގެ ވެރީންނަށާއި، ބައިނަލްއަޤްވާމީ ބައެއް ޖަމާޢަތްތަކުގެ ވެރީންނަށް އަޅުގަނޑު ރައްދުކުރިން. އަދި ތިމާވެށީގެ މައްސަލަތަކުގައި ރާއްޖެއާ ވަރަށް ޚާއްޞަގޮތެއްގައި އެއްބާރުލައްވާ ސްވިޓްޒަރލަންޑްގެ ސަރުކާރާވެސް، މި ދެންނެވި އިލްތިމާސްވަނީ ރިއޯގެ ޖަލްސާގެ ކުރިން ޙަވާލުކުރެވިފައި. ރާއްޖޭގެ ރައްޔިތުންގެ ފަރާތުން މި މުހިންމު ވާޖިބު އަދާކޮށްދެއްވީ، ތިޔަ ޢިއްޒަތްތެރި މަޖްލިހުގެ ރައީސް އަލްފާޟިލް އަޙްމަދު ޒަކީ.
ރާއްޖޭގެ ބައެއް ޖަމާޢަތްތަކާއި ސްވިޓްޒަރލަންޑްގެ މުހިންމު ފަރާތްތަކަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ ތިމާވެށްޓާ ބެހޭގޮތުން މިދިޔަ އަހަރު ފަހުކޮޅު ސްވިޓްޒަރލަންޑްގައި އުފެއްދި ގްރީން ކްރެސެންޓް/ގްރީން ކްރޮސް ފައުންޑޭޝަން އިފްތިތާޙުކުރުމުގެ ގޮތުން ބޭއްވުނު ސްވިސް ޕާރލަމެންޓްގެ ޖަލްސާއަށް އަޅުގަނޑު ޚިޠާބެއް ފޮނުވިން. އެ ޚިޠާބުގައި އެފަދަ ފައުންޑޭޝަނެއް އުފެދުނުކަމާމެދު ރާއްޖޭގެ ފަރާތުން މަރްޙަބާ ކިޔައި، ދުނިޔޭގެ ތިމާވެށި ރައްކާތެރި ކުރުމަށްޓަކައި އެފަދަ ޖަމާޢަތްތަކުން ކުރާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެކަން ހާމަކުރިން.
1992 ވަނަ އަހަރު އިންޑޮނީޝިޔާގެ ވެރިރަށް ޖަކާޓާގައި ބޭއްވުނު، ވަކިފަރާތަކަށް ނުޖެހޭ ޤައުމުތަކުގެ އެންމެ އިސްވެރީންގެ 10 ވަނަ ޖަލްސާގައިވެސް ރާއްޖޭގެ ފަރާތުން އަޅުގަނޑު ބައިވެރިވިން. މި ޖަލްސާގައި އެންމެ މުހިންމު ގޮތެއްގައި ވާހަކަ ދެކެވުނީ، ކުރީގެ ޔޫ.އެސް.އެސް.އާރު. އުވިގެންދިޔުމާއި، ފިނި ހަނގުރާމަ ނިމުމާ ގުޅިގެން، ވަކިފަރާތަކަށް ނުޖެހޭ ޙަރަކާތުގެ ދައުރު އޮންނަންވީ ގޮތަކާ މެދުގައި. އަދި ދުނިޔޭގެ، ބަދަލުވެފައިވާ ސިޔާސީ މަސްރަޙުގައި އދ.ގެ މަޖްލިހުގެ ނިޡާމު ހަރުދަނާކޮށް، އަލުން ތަންޒީމު ކުރުމުގެ ބޭނުންތެރިކަމާމެދުގައިވެސް އެ ޖަލްސާގައި ވާހަކަ ދެކެވުނު. އަދި މިކަމުގައި ވަކިފަރާތަކަށް ނުޖެހޭ ޙަރަކާތުން އިސްނަގައިގެން މަސައްކަތް ކުރުމަށްވެސް އެއްބަސްވެވުނު.
ވޭތުވެދިޔަ އަހަރު ދަނޑުވެރިކަން ތަރައްޤީކުރުމާބެހޭ ބައިނަލްއަޤްވާމީ އިދާރާ (އިފާޑް)ގެ ފަރާތުން އިންތިޒާމުކޮށްގެން، ރަށްފުށުގެ އަންހެނުންގެ އިޤްތިޞާދީ ތަރައްޤީއަށްޓަކައި މަސައްކަތް ކުރުމަށް ބޭއްވުނު ޖަލްސާއެއް ޖެނީވާގައި އޮތް. އެ ޖަލްސާއަކީ، ޤައުމުތަކުގެ އެންމެ އިސްވެރިންގެ އަނބިއަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް އިފާޑުން ހަމަޖައްސާފައިވާ ޖަލްސާއެއް. އެ ޖަލްސާގައި ރާއްޖޭގެ ފަރާތުން އަޅުގަނޑުގެ އަންހެނުން ނަސްރީނާ އިބްރާހީމް ބައިވެރިވި. އަދި މިކަމަކީ، ރާއްޖޭގެ ތަރައްޤީގައި އަންހެނުން މިހާރު އަދާކުރަމުންގެންދާ މުހިންމު ދައުރު، ބޭރުގެ ދުނިޔެއަށް ތަޢާރުފްވެގެންދިޔަ ކަމެއް.
މިކަންކަމުގެ އިތުރަށް، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒާއި، ރާއްޖޭގެ އެހެން މިނިސްޓަރުން ބޭރު ޤައުމުތަކަށް ޒިޔާރަތް ކުރައްވައި، ރާއްޖެއާ އެ ޤައުމުތަކާ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރެއްވުމަށާއި، ރާއްޖެއަށް ފައިދާހުރި މަގުތައް ތަނަވަސްކޮށްދެއްވުމަށް މަސައްކަތް ކުރެއްވި. އަދި އެ މަސައްކަތްތަކުގެ ސަބަބުން ރާއްޖެއަށް އެދެވޭ ފައިދާތަކެއްވެސް ލިބެމުން ގޮސްފައިވޭ.
1992 ވަނަ އަހަރު ރާއްޖެ އިތުރު ޤައުމަކާ ސިޔާސީގޮތުން ގުޅުން އުފެއްދި. އެ ޤައުމަކީ، ކުރީގެ ރޫސީވިލާތުން މިނިވަންވެފައިވާ ތުރްކުމާނިސްތާނު. ވޭތުވެދިޔަ އަހަރު އިތުރު ބައިނަލްއަޤްވާމީ ދެ ޖަމްޢިއްޔާއެއްގައިވެސް ރާއްޖެ ބައިވެރިވި. އެ ދެޖަމްޢިއްޔާއަކީ، ދެކުނު އޭޝިއާގައި އިދާރީ ހިންގުން ތަރައްޤީކުރުމަށް މަސައްކަތްކުރާ މަރްކަޒުތަކުގެ ޖަމްޢިއްޔާ "އެސޯސިއޭޝަން އޮފް މެނެޖްމަންޓް ޑިވެލޮޕްމަންޓް" އާއި، "އޭޝާގެ ޒުވާނުންގެ މަޖްލިސް".
ދައުލަތުގެ ސިޔާސަތު
ރައްޔިތުންގެ މަޖްލިހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން!
ވޭތުވެދިޔަ 14 އަހަރުވެސް، ދައުލަތް ހިންގުމުގެ ސިޔާސަތުގެ މައިގަނޑު އުޞޫލެއްކަމުގައި އަޅުގަނޑު ބަލަމުން އައިސްފައިވަނީ، ރާއްޖޭގެ ރައްޔިތުންނަށް ލާބައާއި މަންފާ ލިބެނިވި ގޮތްތަކުން، ރާއްޖޭގެ އެންމެހައި ކަންތައްތައް ތަރައްޤީކުރަމުން ގެންދިޔުމުގެ އުޞޫލު. ރައްޔިތުންގެ އަސާސީ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމާއެކު، ރައްޔިތުންގެ މެދުގައި ޢަދްލުއިންޞާފާއި ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތް ކުރުމުގެ އުޞޫލު. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ދެމެހެއްޓުމުގެ އުޞޫލު. މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކުގެމަތިން، ރާއްޖޭގެ އެންމެހައި ކަންތައްތައް އިޞްލާޙުކޮށް ކުރިއަށް ގެންދިޔުމުގެ އުޞޫލު. އަޅުގަނޑުމެންގެ ނަޞީބުކަމަށް ވެފައިވާ ވަޙްދަތު، އާދެ، ދީނާއި ނަސްލާއި ވާހަކަދައްކާ ބަހުން، އަޅުގަނޑުމެންނަށް ލިބިފައިވާ އެއްބައެއްވަންތަކަން ރައްކާތެރިކޮށް ދެމެހެއްޓުމުގެ އުޞޫލު.
މި އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ ސިޔާސަތަކީ، ރާއްޖެއަށް މަތިވެރި ކާމިޔާބީތަކެއް ހޯދައިދެމުންދާ ސިޔާސަތެއްކަން ވޭތުވެދިޔަ އަހަރުތަކުގައި ވަނީ، އަޅުގަނޑުމެންނަށް ސާބިތުކޮށްދީފައި. އެހެންކަމާއެކު، ކުރިއަށް އޮތް އަހަރުވެސް، ދައުލަތް ހިންގުމުގެ ސިޔާސަތަކަށްވާނީ، މި ދެންނެވި އުޞޫލުތަކުގެ މައްޗަށް ބިނާކުރެވޭ ސިޔާސަތެއް ކަމުގައި އަޅުގަނޑު މި ދަންނަވަނީ ނުހަނު ހިތްހަމަޖެހުމާއެކުގައި. އަދި އެ ސިޔާސަތަށް، މި ވޭތުވެދިޔަ 14 އަހަރު ދުވަހެކޭ އެއްފަދައިން، މި އަހަރުވެސް ތިޔަ ޢިއްޒަތްތެރި މަޖްލިހުގެ ފުރިހަމަ ތާއީދު ލިބޭނެކަމުގެ ޔަޤީންކަމާއެކުގައި. އަދި ރާއްޖޭގެ އެންމެހައި ރައްޔިތުންގެ ތަރުޙީބާއި އެއްބާރުލެއްވުންވެސް، އެ ސިޔާސަތަށް ލިބޭނޭކަމުގެ މަތިވެރި އުންމީދާއެކުގައި.
ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން، ކުރިއަށް އޮތް އަހަރުވެސް ދައުލަތް ހިންގުމުގެ ދާޚިލީ ސިޔާސަތަކަށްވާނީ، ރައްޔިތުންނަށް ފައިދާވާނޭ ގޮތުގެމަތިން، ޤައުމުގެ އެންމެހައި ކަންތައްތައް ތަރައްޤީކުރަމުން ގެންދިޔުން. ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި މުސާވާތު ދެމެހެއްޓުމާއި، ޤާނޫނުގައިވާ ގޮތުގެމަތީން، ރައްޔިތުންގެ އަސާސީ ޙައްޤުތައް ރައްކާތެރިކޮށްދިނުން. ރައްޔިތުންގެ ހިތްތަކުގައި އިސްލާމީ މާތް އުޞޫލުތަކަށް ޙުރްމަތްތެރިކަން އިތުރުވާނެގޮތަށް މަސައްކަތްކުރުމާއި، ޤައުމީ ރޫޙު އާލާކޮށް، ދިވެހީންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.
ސަރުކާރު ހިންގުމުގެ ދާއިރާގައި ރައްޔިތުންނަށް ދެވޭ ޚިދްމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި ކުރެވެންހުރި ކަންތައްތައް ކޮށްދިނުމުގެ ގޮތުން، މިދިޔަ އަހަރު ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންދިޔުމަކީ، ކުރިއަށް އޮތް އަހަރަށް ކަނޑައެޅޭ ދާޚިލީ ސިޔާސަތުގެ އެއްބައި ކަމުގައިވާނެ. ހަމަ އެފަދައިން، ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމާއެކު ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލްކުރެވޭނޭ ގޮތެއްގެމަތީން، އިޖްތިމާޢީ އަދި އިޤްތިޞާދީ މަޝްރޫޢުތައް ކުރިއަށް ގެންގޮސް، އެ މަޝްރޫޢުތަކުގެ ފައިދާ ރައްޔިތުންނަށް ހޯދައިދެވޭތޯ މަސައްކަތްކުރުމަކީ، ރާއްޖޭގެ ދާޚިލީ ސިޔާސަތުގެ މުހިންމު ބައެއް ކަމުގައިވެސްވާނެ.
މި ހިނގާ 1993 ވަނަ އަހަރަކީ، ރާއްޖޭގައި މިހާރު ހިނގަމުންދާ ޖުމްހޫރީ ވެރިކަމަށް 25 އަހަރު ފުރޭ އަހަރު ކަމަށްވާތީ. އަޅުގަނޑުމެންގެ މުޖްތަމަޢުގައި ޖުމްހޫރީ ނިޡާމު އިތުރަށް ހަރުދަނާކޮށް، އަޅުގަނޑުމެންގެ މުޖްތަމަޢުގައި ޖުމްހޫރީ އުޞޫލުތައް އިތުރަށް އަށަގެންނެވުމަށްޓަކައި، ގެންނަން ބޭނުންވެފައިވާ އިޞްލާޙުތައް ގެނައުމަށް ސަރުކާރާއި ރައްޔިތުން އެއްބާރުލައިގެން މަސައްކަތްކުރުމަކީވެސް، ދާޚިލީ ސިޔާސަތުގެ ވަރަށް މުހިންމު ބައެއްކަމުގައިވާނެ.
ޖުމްހޫރިއްޔަތަށް 25 އަހަރު ފުރުމާ ގުޅިގެން، މިއަހަރު ފާހަގަކުރަން ކަނޑައެޅިފައިވަނީ، ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި. އެހެންކަމުން، މިއަހަރު ރާއްޖޭގެ ދާޚިލީ ސިޔާސަތުގެ ވަރަށް މުހިންމު ބައެއްކަމުގައި ވާނޭ އެއްކަމަކީ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން. ސަރުކާރުގެ ދާއިރާތަކުގެ އަދި ޢާއްމު ފަރާތްތަކުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތްކުރުން.
ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއިން ގެންގުޅެފައިވާ ޚާރިޖީ ސިޔާސަތަކީ، އޭގެ ސަބަބުން ރާއްޖެއަށް ކާމިޔާބީއާއި ފައިދާއާއި ޤަދަރު ލިބިފައިވާ ސިޔާސަތަކަށް ވަނީ ވެފައި. އެހެންކަމުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތު، އެގޮތުގެމަތިން ދެމެހެއްޓުމަށް، އިރާދަކުރެއްވިއްޔާ ސަރުކާރުން މަސައްކަތްކުރާނެ. އާދެ! ކުރިއަށް އޮތް އަހަރުވެސް، ދައުލަތް ހިންގުމުގެ ޚާރިޖީ ސިޔާސަތަކަށްވާނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމުގެ ސިޔާސަތު. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޙުރްމަތްތެރިކޮށްހިތާ ކޮންމެ ޤައުމަކާވެސް ރަޙްމަތްތެރިކަން އުފެއްދުމުގެ ސިޔާސަތު. ވަކީން ޚާއްޞަކޮށް، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާއި، އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހިކުރުމުގެ ސިޔާސަތު. އަދި އެއްވެސް ޤައުމެއްގެ ދާޚިލިއްޔަތާ ނުބެހުމާއި، ދޭދޭ ޤައުމުގެމެދުގައި ހިނގަމުންދާ މައްސަލަތައް ޞުލްޙަވެރިކަމާއެކު ޙައްލުކުރުމަށް ތާއީދުކުރުމުގެ ސިޔާސަތު. ބައިނަލްއަޤްވާމީ މައިދާނުގައި، އެއްވެސް ބައެއްގެ ނުފޫޒަށް ނުލެނބި ތިބެ، ރާއްޖެއާ އެކަށީގެންވާ މިންވަރަކުން، ޙައްޤާއި އިންޞާފުގެ އަޑު އުފުލުމުގެ ސިޔާސަތު.
ރައްޔިތުންގެ މަޖްލިހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން!
ވޭތުވެދިޔަ އަހަރު ދައުލަތުގެ ކަންތައްތައް ހިނގިގޮތުގެ ޢާންމު ރިޕޯޓަކާއި، ކުރިއަށް އޮތް އަހަރު ދައުލަތުގެ ސިޔާސަތު ހަމަޖެހިފައިވާގޮތް، ދެންމެ މި ދަންނަވާލެވުނީ. އެނގިވަޑައިގަންނަވާނޭ ފަދައިން، ދައުލަތުގެ ސިޔާސަތު ބިނާކުރެވެންވާނީ، ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއްގެ މައްޗަށް، އަދި ރައްޔިތުންގެ ޝުޢޫރުތަކާއި އިޙްސާސްތައް ވަޒަންކޮށްގެން. ނަމަވެސް، ވަކި ފަރުދެއްގެ ނުވަތަ ވަކިބައެއްގެ ފައިދާއަށް ނުބަލައި، ޤައުމުގެ އެންމެންގެ ލާބައާއި މަންފާއަށް ތަރްޖީޙު ދީގެން. އަދި އެގޮތުގެމަތީން ބިނާކުރަމުންގެންދާ ސިޔާސަތެއްގެ ސަބަބުން، އެއްދުވަހުން އަނެއްދުވަހަށް ޤައުމަށް ލިބެމުންދާނީ، އެދެވޭ ހެޔޮ ނަތީޖާ. ކުރިއެރުމާއި ތަރައްޤީ. ތަނަވަސްކަމާއި ހަމަޖެހުން.
މިދެންނެވި ގޮތުގެމަތިން ޤައުމުގެ ސިޔާސަތު ބިނާކުރަމުން ގެންދާއިރު، މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެން އެދޭ ޤައުމީ ތަޞައްވުރެއް އެކަށައެޅުމަކީ، ކުރަންޖެހިއްޖެ ކަމެއްކަމުގައި އަޅުގަނޑު ދެކެން. ރާއްޖޭގެ ޖުމްހޫރީ ޙަޔާތުން 25 އަހަރު މާޒީވެގެންގޮސް، އަޅުގަނޑުމެންގެ ޖުމްހޫރީ ޙަޔާތުގެ، ކުރިއަށް އޮތް ދައުރަށް ފެށޭއިރު، އަދި ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި މި އަހަރު ފާހަގަކުރާއިރު، އަޅުގަނޑުމެންގެ މުސްތަޤްބަލާމެދު އުންމީދުކުރާ ލަނޑުދަނޑިތަކެއް ކަނޑައެޅިފައި އޮތުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. އާދެ! މީގެ 10 އަހަރު ފަހުން، ނުވަތަ 20 އަހަރު ފަހުން، ރާއްޖޭގެ ތަޢްލީމީ ފެންވަރު އޮންނާނެ ހިސާބެއް. އަދި ޞިއްޙީގޮތުން ރާއްޖޭގެ ކޮންމެ ފަރްދަކަށްވެސް ރާއްޖެއިން ލިބެން ހުންނާނެ ޚިދްމަތްތަކުގެ މިންވަރެއް، މިއަހަރުގެ ތެރޭގައި ކަނޑައެޅޭތޯ ބަލަމާތޯ! ހަމައެފަދައިން، އިޤްތިޞާދީ ދާއިރާގައިވެސް، މީގެ 10 އަހަރު ފަހުން، ނުވަތަ 20 އަހަރު ފަހުން، ރާއްޖޭގެ އިޤްތިޞާދީ އުފެއްދުންތެރިކަމުގެ ޖުމްލައާއި، އެއިން ރާއްޖޭގެ މީހެއްގެ ބޮލަކަށްޖެހޭ ޢަދަދު އޮންނާނޭވަރެއް ކަނޑައެޅޭތޯ ބަލަމާތޯ! އަދި މަސްވެރިކަންފަދަ، ޓޫރިޒަމްފަދަ އިޤްތިޞާދީ މަސައްކަތްތަކުގައި، އެ މުއްދަތުގެ ތެރޭގައި އަޅުގަނޑުމެން ޙާޞިލްކުރަން ބޭނުންވާ ހިސާބެއް ފާހަގަކުރެވޭތޯ ބަލަމާތޯ! އަޅުގަނޑަށް ވިސްނޭގޮތުގައި، އަވަހަށް ކުރިއަރައި ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި، ކަން ކޮށް އުޅެނީ، މިދެންނެވިފަދަ ގޮތަކަށް. ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި ޙާޞިލްކުރަން ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން، އެ ލަނޑުދަނޑިތަކާ ދިމާއަށް ދަތުރުކުރަމުންދަނީ.
މި ދަނޑިވަޅުގައި އަޅުގަނޑުމެން ވިސްނާލަންޖެހޭ، ވަރަށް މުހިންމު އެހެން ނުކުތާއެއްވެސް އަޅުގަނޑު ފާހަގަކޮށްލާނަން. އާދެ! އިޖްތިމާޢީ ކުރިއެރުމާއި، އިޤްތިޞާދީ ތަރައްޤީ ޙާޞިލްކުރެވެމުންދާނީ، ޤައުމުގައި ރައްޔިތުންގެ އެއްބައިވަންތަކަމާއި، ސިޔާސީ ހަމަޖެހުން ޤާއިމުވެފައި އޮވެގެންކަން، ފަހަރެއްގައިވެސް އަޅުގަނޑުމެން ހަނދާންނައްތާލައިގެން ނުވާނެ. އެއްވެސް ޤައުމެއްގައި، ރައްޔިތުންގެ އެއްބައިވަންތަކަމާއި، ސިޔާސީ ހަރުދަނާކަމާއި ހަމަޖެހުން ނެތިއްޖެނަމަ، އެޤައުމެއް ކުރިމަތިލާންޖެހޭނީ، އިޤްތިޞާދީ ވެއްޓުންތަކާ. އިޖްތިމާޢީ ފަސާދަތަކާ. މިއީ ދުނިޔޭގެ ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލިކަމުގައިވިޔަސް، އޭގެ ތެދުކަން ސާބިތުވާނެ ޙަޤީޤަތެއް. ކުޑަވެސް ޝައްކެއްނެތްގޮތުގައި، ވޭތުވެދިޔަ ސާދަވަރަކަށް އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ޤައުމަށް އައިސްފައިވާނަމަ، އައިސްފައިވާ ހުރިހާ ތަރައްޤީއެއްވެސް އައިސްފައިވަނީ، އަޅުގަނޑުމެންގެ ތެރޭގައި ރައްޔިތުންގެ އެކުވެރިކަމާއި ސިޔާސީ ހަމަޖެހުން ޤާއިމުވެފައި އޮތުމުގެ ސަބަބުން.
ކަން މިހެން އޮތްއިރު، މި އަހަރަކީ ވަކިން ޚާއްޞަ ގޮތެއްގައި މިކަމާމެދު އަޅުގަނޑުމެން ވިސްނަން ޖެހިފައިވާ އަހަރެއް ކަމުގައި އަޅުގަނޑު މި ދަންނަވާލަނީ، ވޭތުވެދިޔަތާނގެ ތަޖްރިބާގެ މައްޗަށް ބުރަވެހުރެގެން. ޤައުމާއި ރައްޔިތުންނަށް އިޚްލާޞްތެރިކަންމަތީ ދެމިހުރެ. އާދެ! މި އަހަރަކީ ރާއްޖޭގެ ރިޔާސަތުގެ އާ ދައުރަކަށް މީހަކު ހޮވަންޖެހޭ ރިއާސީ އިންތިޚާބުގެ އަހަރު. މީގެކުރިން، މި އިންތިޚާބު ބޭއްވުނު ދެ އަހަރުވެސް، އާދެ، 1983 ވަނަ އަހަރާއި، 1988 ވަނަ އަހަރުވެސް، ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ކޮންމެވެސްކަހަލަ ނޭދެވޭ ކަންތައްތަކެއް ހިނގާފައިވާކަން އަޅުގަނޑުމެންނަށް ޖެހެނީ، ހިތާމަޔާއެކުނަމަވެސް ޤަބޫލުކުރަން. އެއިން ކޮންމެ ފަހަރަކުވެސް، ރައްޔިތުންގެ މަޖްލިހުގެ ޢިއްޒަތްތެރި މެންބަރުން ދެއްކެވި އިޚްލާޞްތެރި، ވަފާތެރި އަދި ހަރުދަނާ ސާބިތުކަން، ރާއްޖޭގެ ތާރީޚުގައި އަބަދުވެސް ރައްޔިތުން ހަނދާންކުރާނެ. އެހެންވީމާ، މިފަހަރުވެސް، އެ ދެފަހަރު އެ ހިނގިކަހަލަ ކަމެއް ހިނގިޔަ ނުދިނުމަށްޓަކައި އެކަމާމެދު އަޅައިނުލާ ތިބުމަށްވުރެ ރައްކާތެރިކަންބޮޑީ، އެފަދަ ކަންކަމާމެދު ހޭލުންތެރިވެގެން ތިބުން ކަމުގައި އަޅުގަނޑު ދެކެން. އަދި އެފަދަ ކަންތައްތައް ހިނގާނޭ އެއްވެސް ފުރްޞަތެއް ނުދިނުން ކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވޭ.
ހަމަ މި ފުރްޞަތުގައި، ރައްޔިތުންގެ ވަކީލުން ކަމުގައިވާ ތިޔަ ޢިއްޒަތްތެރި މެންބަރުން މެދުވެރިކޮށް، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށްވެސް އަޅުގަނޑު ގޮވާލާނީ، އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމާއި، އެއްބަނޑުއެއްބަފާކަމަށް ކުޑަވެސް ބުރުލެއްއެރިޔަ ނުދެއްވުމަށް. ޤައުމުގެ މަޞްލަޙަތާއި، ރައްޔިތުންގެ ފައިދާ އަމިއްލައަށް ވިސްނައި، ވަޒަންކުރާ ބަޔަކު ކަމުގައި އަޅުގަނޑުމެން އެންމެންވެސްވުމަށް.
ރައްޔިތުންގެ މަޖްލިހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން!
އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހި ޤައުމު، އަމަންއަމާންކަމާއި ޞުލްޙަވެރިކަމުގައި، ހުރިހާ ރޮނގަކުން ތަރައްޤީގެ މަގުތައް ހުޅުވަމުންދާގޮތެއްގައި، އަންނަނިވި ޖީލުތަކަށް ގެންގޮސްދިނުމުގެ ހެޔޮ ވިސްނުމާއި ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން އެދި اللّـه سبحانه وتعالى ގެ ޙަޟްރަތަށް ދުޢާކުރާ ޙާލު، އެކަލާނގެ އިސްމުފުޅުގެ ބަރަކާތުން، ޤާނޫނު ނަންބަރު 1/68ޖ.ގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން، 1993 ވަނަ އަހަރަށް ރައްޔިތުންގެ މަޖްލިސް ހުޅުވުމުގެ މަތިވެރި އުފަލާއި ޝަރަފް އަޅުގަނޑު ލިބިގަންނަން.
رَبَّـنَا آتِنَا مِن لَّدُنْكَ رَحْمَةً، وَهَيِّىءْ لَنَا مِنْ أَمْرِنَا رَشَدًا. رَبَّـنَا عَلَيْكَ تَوَكَّلْنَا، وَإِلَيْكَ أَنَبْنَا، وَإِلَيْكَ الْمَصِيرُ.
وَالسَّلاَم عَلَيْكُمْ وَرَحْمَةُ اْللَّـهِ وَبَركَاتُهُ.