މިއަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށާއި، ޖަމާޢަތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު، ދުވަހުގެ ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް އަރިސް ކުރަމެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ ޝިޢާރަކީ "ޑިމޮކްރަސީއަށްޓަކައި ރައްޔިތުންގެ އަޑުތައް ބާރުވެރިކުރުވުން" Strengthening Voices for Democracy. މި ޝިޢާރެވެ. މި ޝިޢާރު މިއަހަރަށް ކަނޑައެޅުމުގެ މައިގަނޑު މަޤްޞަދަކީ، މި ޒަމާނުގެ ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި، ޓެކްނޮލޮޖީ އަދި ތަރައްޤީއާ ގުޅުންހުރި ބަޙުޘްތަކުގައި، ސީދާކޮށް އަދި ނުސީދާކޮށްވެސް ރައްޔިތުންގެ އަޑު އެހުމުގެ މުހިންމުކަމަށް ސަމާލުކަން ދިނުމެވެ.

ޑިމޮކްރަސީއަކީ، ޤައުމުގެ އެންމެހައި ކަންކަމުގައި ރައްޔިތުންގެ ޙިއްޞާ، އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިމެނޭ ނިޒާމަކަށްވީއިރު، މި ނިޒާމު ރާއްޖޭގައި އަށަގެންނެވުމަކީ، ސަރުކާރު އެންމެބޮޑު އިސްކަމެއްދޭ ކަމެކެވެ. ޑިމޮކްރަސީއަކީ އެންމެ ދުވަހަކުން، ނުވަތަ އެއް އަހަރުން ނުވަތަ ދެތިން އިންތިޚާބެއް ބޭއްވުމުން ފުރިހަމަވެގެންދާނޭ އެއްޗެއް ނޫނެވެ. ޑިމޮކްރަސީ އަށަގެންނެވުމަށް ހުއްޓުމެއްނެތި ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭނެއެވެ. މީގެތެރޭގައި، ޤައުމުގައި ޢަދުލު އިންޞާފު ޤާއިމުކުރުމާއި، ޤާނޫނުއަސާސީއަށް އެންމެ ފުރިހަމައަށް ބޯލަނބާ ވެރިކަމެއް ޤާއިމްކުރުން ހިމެނެއެވެ. މިކަމުގައި ސަރުކާރުން ކާމިޔާބުތަކެއް ހޯދިފައިވީނަމަވެސް، އިތުރަށް ކުރަންޖެހޭ ކަންތައް އަދި ވަރަށް ގިނައެވެ. މިގޮތުން، ޤައުމުގައި ޢަދުލު އިންޞާފާއި ހަމަޖެހުން ގެނައުމަށްޓަކައި، ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤުތައް އުނިނުވާފަދަ ގޮތަކަށް، ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމާއި، ހަދަންޖެހޭ ޤާނޫނުތައް ހެދުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ސަރުކާރުން ދެކެމެވެ.

ރައްޔިތުން ބޭނުންވަނީ ޤައުމުގެ ހަމަޖެހުމާއި، ރައްޔިތުންގެ ހަމަހަމަކަމާއި، ފާގަތިކަން އިތުރުކޮށްދޭނެ އިޞްލާޙުތަކެކެވެ. ރައްޔިތުންގެ އަޑު އަހައިގެން މެނުވީ، މިކަންކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ. ދުވަސްވީ މީހުންގެ ތަޖުރިބާ މުހިންމުވާފަދައިން، ކަންކަމުގައި ޒުވާނުންގެ ބަސްވެސް ހަމައެހާމެ މުހިންމުވާނެއެވެ. ޤައުމުގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުން ކަމުގައިވީއިރު، ޤައުމުގެ އެންމެ އިސް ފަރާތްތަކުން ޒުވާނުންގެ އަޑު އަހަންޖެހޭނެއެވެ.

މި ޤައުމުގެ ކޮންމެ ރައްޔިތަކީ މި ޤައުމުގެ ޙިއްޞާއެއްވާ މީހެކެވެ. ދިވެހިރާއްޖޭގައި އެޅޭ އިޞްލާޙީ ފިޔަވަޅުތަކާމެދު ހަމަކޮންމެ މީހެއްގެވެސް ބަހެއް އޮންނާނެއެވެ. ޑިމޮކްރެޓިކް ސަރުކާރެއް ޤާއިމްކުރުމުގައި، ކޮންމެ މީހެއްގެ ވޯޓަކީވެސް މުހިންމު ވޯޓެކެވެ. ވީމާ، އިންޞާފްވެރިކަމާއި ޞުލްޙަވެރިކަމާއެކު މިހާރު ހިނގަމުންމިދާ ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށްގެންގޮސް ނިންމުމަކީ، ދިވެހިރާއްޖޭގައި ފުރިހަމަ ޑިމޮކްރަސީއެއް އަށަގެންނެވުމަށްޓަކައި އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅެކެވެ.
ރާއްޖޭގައި ޑިމޮކްރަސީ ފުރިހަމައަށް އަށަގަންނަވައި، އަންނަން އޮތް ޖީލުތަކަށް ޑިމޮކްރަސީގެ ރީތި އުސޫލުތަކާއި، އޭގެ ޒަރީޢާއިން ލިބިގެންދާ އެންމެހައި ޙައްޤުތައް ފޯރުކޮށްދިނުމަށްޓަކައި، ކުރެވެންހުރި ހުރިހާ ކަމެއް ސަރުކާރުން ކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މިފުރްޞަތުގައި އަރުވަމެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މާތްﷲ، އަޅުގަނޑުމެންގެ މި މަސައްކަތުގައި ބަރަކާތްލައްވައި، ކުރިއަށް ދިޔުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުމެވެ. އަދި ހަމަނުޖެހުންތަކާއި ބައިބައިވުންތަކުން އަޅުގަނޑުމެންގެ މުޖުތަމަޢު ސަލާމަތް ކޮށްދެއްވުމެވެ.