ކުރިއާ އަޅާބަލާއިރު، ރާއްޖޭގެ ސްކޫލްތަކަށް މިހާރު ވަރަށް ބޮޑު ތަޢުލީމީ އިންޤިލާބެއް އަންނަމުން ދާކަމުގައި ރައީސުލްޖުމްހޫއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ހުޅުމާލޭ ނެއިބަރހުޑް 1 ޕްރީސްކޫލާއި، ނެއިބަރހުޑް 3 ގެ ސްކޫލް ބިންގާއެޅުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު މެންދުރުފަހު ހުޅުމާލޭގައި އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މީގެ ސާޅީހަކަށް އަހަރު ކުރީގައި، ރާއްޖޭގައި މަސައްކަތް ކުރެވުނީ ވީހާވެސް އަވަސް ސްޕީޑެއްގައި ކްލާސްތަކެއް އަޅައި ވީހާވެސް ގިނަ ކުދިންނަށް ރޭވިގެން ހިނގާ މަދަރުސީ ތަޢުލީމެއް ދެވޭތޯ ކަމަށާއި، އެހެންނަމަވެސް، މިހާރު ކިތަންމެ ސްކޫލެއްގައި އެއް ދަންފަޅިއަށް ވުރެގިނަ ދަންފަޅިތަކުގައި ކިޔަވައިދޭން ފަށާފައިވާ ކަމުގައި ވިދާޅުވިއެވެ. ހަމައެއާކު، ކިޔަވައިދިނުމުގެ އުސޫލުތަކަށާއި ކިޔަވައިދޭ އެއްޗިއްސަށްވެސް ވަރަށް ބޮޑު ބަދަލުތަކެއް އަންނަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން، ރާއްޖެއަށް އަންނަމުންދާ ތަރައްޤީއާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް މިހާރު ބޭނުންވާ އާ މަޢުލޫމާތުތަކާއި، އާ ހުނަރުތަކާއި، ސްކޫލްތަކުން ކިޔަވައިގެން ނުކުންނާނެ ކުދިންނަށް ބޭނުންވާނެ އާ ކަންތައްތައް، ދަސްކޮށްދިނުމަށްޓަކައި ތަޢުލީމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ގްރޭޑް 12 ނިންމާ ކުދިންނަކީ އެއީ، ވަޒީފާގެ ބާޒާރަށް ނުކުމެވޭ ވަރުގެ ހުނަރުތަކަކާއި ތަޢުލީމެއް ހުރި ކުދިންތަކަކަށް ހެދުމަށް އަޅުގަނޑުމެން މަސައްކަތްކުރަން އެބަޖެހޭ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ދެ ސެޝަނަށް ކިޔަވައިދޭ ތޮއްޖެހިފައިވާ ސްކޫލްތަކުގައި މިފަދަ ގޮތަކަށް ތަޢުލީމީ ކަންކަން ރާވައިގެން ކުރިއަށްގެންދިޔުން އުނދަގޫ ކަމަކަށްވެފައިވީނަމަވެސް، މިހާރު ހުރިހާ މަދަރުސާތަކެއް އެއް ދަންފަޅިއަށް ބަދަލުވެ، ބޮޑެތި ސްކޫލްތައް އުފެދިގެން ދިޔުމުން، އެ ފުރުސަތު މިދަނީ ހުޅުވެމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ގާތްގަނޑަކަށް 200 ކްލާސްރޫމް ހެދިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު ބިންގާ އެޅުނު ޕްރީސްކޫލަކީ، ހަމައެކަނި ޕްރީސްކޫލަށް ކިޔަވައިދިނުމުގެ ގޮތުން ހުޅުމާލޭގައި ޑިޒައިން ކުރެވުނު ފުރަތަމަ ސްކޫލެވެ. އަދި، މި ސްކޫލް ފަރުމާ ކުރެވިފައިވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ވަދެ ނިކުމެ ހެދޭ ގޮތަށެވެ.

ހުޅުމާލޭގައި މިވަގުތު ހުރީ ގްރޭޑްތަކަށް ކިޔަވައިދޭ އެންމެ ދެ ސްކޫލެވެ. މި ދެ ސްކޫލްގައިވެސް މިހާރު ޖާގައިގެ ދަތިކަން ވަރަށް ބޮޑުވެފައިވާއިރު މިއަދު ބިންގާ އެޅުނު ސްކޫލްގެ ސަބަބުން، މިހާރު ދިމާވަމުންދާ ޖާގައިގެ ދަތިކަމަށް ޙައްލެއްލިބިގެންދާނެއެވެ. މި ސްކޫލަކީ ފަސްބުރިއަށް ޢިމާރާތް ކުރެވޭ، ޒަމާނީ ވަސީލަތްތަކާއެކު 44 ކްލާސްރޫމްގެ ޖާގައިގެ ސްކޫލެކެވެ.