އަޅުގަނޑުމެންގެ ދަރިންގެ ތަރުބިއްޔަތާއި، ތަޢުލީމު ބިނާވާންޖެހޭނީ، ޤައުމުގައި އުފެދޭ ވަރުގަދަ ޝަޚްޞިއްޔަތުތަކުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ތަޢުލީމީ މަރްކަޒުގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި، ތިނަދޫގެ ހަރުދަނާ ދަރިއެއް ކަމަށްވާ މަރްޙޫމް ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲގެ ޒިކުރާ އާކުރައްވަމުން ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲގެ ހަނދާނުގައި ރައީސުލްޖުމްހޫރިއްޔާ ސުކޫތެއް ގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތިނަދޫ އުފެއްދި އެންމެ އަގުހުރި ދަރިންގެ ތެރެއިން މި ޤައުމަށް އެންމެބޮޑު ޚިދްމަތެއް ކޮށްދެއްވާފައިވަނީ ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވާ ކަމަށާއި، އެމަނިކުފާނަކީ ނަމޫނާ ބޭފުޅެއްގެ ގޮތުގައި އަޅުގަނޑުމެން ބަލަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲއަކީ، ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނަކީ ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެއް ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގައި އުފެދިގެން އައި ޕަބްލިކް ހެލްތް ސިސްޓަމް ބައްޓަން ކުރައްވައި ފަރުމާ ކުރެއްވުމުގައި، އެންމެބޮޑު ދައުރެއް އަދާކުރެއްވި ބޭފުޅަކީ އެމަނިކުފާނު ކަމަށް ދެންނެވުމަކީ، ކުށަކަށް ނުވާނޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއަށްފަހު، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގައި އެމަނިކުފާނު ކުރެއްވި ޚިދްމަތްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ. އަދި އެއަށްފަހު، ރާއްޖެ ވަޑައިގެން، ޚާރިޖީ ވަޒީރު ކަމުގެ މަޤާމުގައި ހުންނަވައިގެން، އެމަނިކުފާނު ކުރެއްވި ޚިދްމަތްތަކުގެ މައްޗަށް ބައްލަވާލައްވަމުން، ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކަށް ކެރިގެން ކުރިމަތިލެއްވި ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމެވި ނިންމެވުމަށް އިޝާރާތް ކުރައްވައި، ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ ނަމަކީ މިއަދުން ފެށިގެން [ޑޮކްޓަރ ޞަމަދު މެމޯރިއަލް ހޮސްޕިޓަލް] ކަން އިޢުލާނު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 2011 ވަނަ އަހަރާ އަޅާބަލާއިރު، 2012 ވަނަ އަހަރު ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަތީޖާ ވަރަށްބޮޑުތަން ރަނގަޅުވެފައިވާތީ، އެ ސްކޫލްގެ ޕްރިންސިޕަލަށާއި، ޓީޗަރުންނަށާއި، ދަރިވަރުންނަށާއި، ޕީ.ޓީ.އޭ.ގެ ބޭފުޅުންނަށް މަރްޙަބާ ވިދާޅުވިއެވެ. އަދި މިއަހަރުގެ ނަތީޖާ، ކުރީ އަހަރަށްވުރެ ރަނގަޅުވަމުންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިންވެސްޓްމަންޓްތައް މި ކުރަނީ ކުދިންގެ މުސްތަޤްބަލަށްޓަކައި އަދި ފުރިހަމަ ތަޢުލީމެއް ލިބިދިނުމަށްޓަކައި ކަމަށާއި، އެގޮތުން މިއަދު މި އެޅުނީ ވަރަށްބޮޑު އިންވެސްޓްމަންޓެއްގެ ބިންގާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.