ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަވަހާރަވުމުން ގެއްލިގެން އެދިޔައީ، ދިވެހި ޤައުމު އުފެއްދި އެންމެ އަގުހުރި އެއްދަރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ބައެއް އަތޮޅުތަކަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު، ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން މެދުކަނޑާލައްވައި، މާލެ ވަޑައިގެން، ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަވަހާރަވުމަކީ، މުޅި ދިވެހި ޤައުމަށް ލިބުނު ވަރަށްބޮޑު ހިތާމައެކެވެ.
ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲގެ ޚިދްމަތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވަމުން، އެމަނިކުފާނަކީ ދިވެހި ޤައުމަށް ވަރަށް ބޮޑެތި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ޚާރިޖީ ވަޒީރުކަމުގެ މަޤާމު ގަބޫލުފުޅު ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާއަށްވެސް އަދި ދިވެހި ދައުލަތަށްވެސް ވަރަށް ބޭނުންތެރި ވަގުތެއްގައިކަން ފާހަގަކުރެއްވިއެވެ. އަދި އެ މަޤާމުގައި މިވޭތުވެދިޔަ ދުވަސްތަކުގައި އެމަނިކުފާނު ޚިދްމަތް ކޮށްދެއްވާފައިވަނީ، ވަރަށް އިޚްލާޞްތެރިކަމާ އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ ކިޔަވައިވިދާޅުވުމަށްފަހު ރާއްޖެ ވަޑައިގެން، ޑޮކްޓަރެއްގެ ޙައިޘިއްޔަތުން ކޮށްދެއްވި ޚިދްމަތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އެމަނިކުފާނަކީ ބަލިމީހުންގެ އިޙްތިރާމް ވަރަށް ބޮޑަށް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމުގައި ވިދާޅުވިއެވެ. އަދި ބޭސްފަރުވާ ކޮށްދެއްވަމުން ގެންދެވީ، ވަރަށް އޯގާތެރިކަމާ އެކުގައި، ކަމަށް ކަމޭހިއްތަވައިގެން ކަމުގައިވެސް ވިދާޅުވިއެވެ. އޭގެފަހުން މިނިސްޓްރީ އޮފް ހެލްތްގެ ޑިރެކްޓަރ ޖެނެރަލް، ހެލްތް ސަރވިސަސް ކަމުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގެ ޞިއްޙީ ކަންކަން ބައްޓަން ކުރެއްވުމަށް، ދިގު މުއްދަތެއްގައި ކުރެއްވި މަސައްކަތްޕުޅުތައްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އޭގެފަހުން ޑަބްލިޔޫ.އެޗް.އޯ.ގައި ގިނަ އަހަރުތަކެއް ވަންދެން، މުޅި މި ސަރަޙައްދުގެ އަދި ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ޞިއްޙީ ކަންކަން އިޞްލާޙު ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ. އަދި އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.
ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަވަހާރަވީ، ކިޑްނީގެ އާލާސްކަންފުޅަކަށާއި، ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާދެވެމުން ދަނިކޮށް، ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި، ރާއްޖޭ ގަޑިން ރޭ މެންދަމު 1.05 ގައެވެ. ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަވަހާރަވިއިރު ޢުމުރުފުޅަކީ 67 އަހަރެވެ.
ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އަމީނާ ޢަލީއާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ރޭ ފޯނުން ގުޅުއްވައި، އަމީނާއަށާއި ޢާއިލާގެ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވިއެވެ. އަދި މި ޚަބަރު އެއްސެވީ، ކުއްލި ޙައިރާންކަމަކާއި ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވިއެވެ.
ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން، މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ، ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.
ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ، އެންމެ ދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައިވަނީ، ރާއްޖޭގެ ޞިއްޙީ ދާއިރާގައެވެ. ސަރުކާރުގެ ޚިދްމަތް އެމަނިކުފާނު ފެށްޓެވީ، 16 އޯގަސްޓް 1970 ގައި ގަވަރންމަންޓް ހޮސްޕިޓަލްގެ ޑޮކްޓަރެއްގެ ވަޒީފާއިންނެވެ. އޭގެފަހުން މިނިސްޓްރީ އޮފް ހެލްތްގެ ޑިރެކްޓަރ އޮފް ނޭޝަނަލް ހެލްތް ސަރވިސަސް ކަމުގެ މަޤާމާއި، ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް ކަމުގެ މަޤާމު ފުރުއްވާފައިވެއެވެ. 20 އޯގަސްޓް 1989 ގައި އެވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، އެމަނިކުފާނު ޚިދްމަތް ކުރައްވަމުން ގެންދެވީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔޫ.އެޗް.އޯ.ގައެވެ. ޑަބްލިޔޫ.އެޗް.އޯ.ގެ ވަރަށް މުހިންމު މަޤާމުތަކެއް އެމަނިކުފާނު ފުރުއްވާފައިވެއެވެ. އެންމެފަހުން އެމަނިކުފާނު ހުންނެވީ، ޑަބްލިޔޫ.އެޗް.އޯ.ގެ ނިއުދިއްލީގައި ހުންނަ ސަރަޙައްދީ އޮފީހުގެ ކޯޑިނޭޓަރ އޮފް ކޮމިއުނިކެބްލް ޑިޒީޒަސްގެ މަޤާމުގައެވެ.
ޑަބްލިޔޫ.އެޗް.އޯ.ގައި ޚިދްމަތް ކުރެއްވުމަށްފަހު، އަލުން ސަރުކާރުގެ ޚިދްމަތާ ގުޅިވަޑައިގަތީ، 3 ޖޫން 2008 ގައެވެ. ބަންގްލަދޭޝަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް އެމަނިކުފާނު ޢައްޔަން ކުރެއްވީ މި ތާރީޚުގައެވެ. 23 ނޮވެމްބަރ 2009 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަމުގެ މަޤާމަށް އެމަނިކުފާނު ޢައްޔަން ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، 5 މާޗް 2012 ގައެވެ.
ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު ހަވީރު 4.30 ގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުއްވާގޮތަށް ވަނީ ހަމަޖައްސަވާފައެވެ.