ޤާނޫނުއަސާސީން ދައުލަތަށް ގެންނަން ބޭނުންވި އިޞްލާޙީ ބަދަލުތަކުގެ އެންމެ އެދެވޭ ފައިދާ ދައުލަތަށް ކުރަމުންނުދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިނިވަންދުވަހުގެ މުނާސަބަތުގައި، މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި ދައުލަތް އެންމެ ފުރިހަމަގޮތުގައި ހިނގަމުންދާ ކަމަށް ވިދާޅުވެވެން ނެތް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޤާނޫނުތަކުގައިވާ ބަލިކަށިކަމުގެ ނާޖާއިޒު ފައިދާ ނެގުން އާދަޔަކަށްވެފައިވާ ކަމަށާއި، ޚިޔާލު ތަފާތުވެ ބައިބައިވުމަށް ގާތްވެފައިވާ މުޖްތަމަޢުގައި މިއަދު މިފެންނަނީ، ޅަފަތުގައި އޮތް ފުރިހަމަނުވާ ދުސްތޫރީ އޮނިގަނޑެއްގައިވާ ބާގަނޑުގަނޑުގެ ނާޖާއިޒު ފައިދާ ބަޔަކު ނަގާތަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއަދު ފެންނަނީ ޤާނޫނު ލިޔެފައިވާ މަޤްޞަދާއި، ޤައުމުގެ މަޞްލަޙަތު އެއީ އެއްޗަކަށްނުވާ ތަން ކަމަށާއި، ކާބަފައިންގެ ވިސްނުމާއި ޤުރްބާނީގެ ވާހަކައަކީ، ހަމަ ބުނެލާ ޢިބާރާތަކަށްވެފައިވާތަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިރޮނގުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "މިކަންކަމުގެ މިސާލުތައް، ދައުލަތުގެ އެކި ހިސާބުތަކުން ދަނީ ފެންނަމުން. ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތް ވެރިޔަކު، ދައުލަތުގެ އެންމެ ގިނަ މުވައްޒަފުންނަށް އަމުރުކުރައްވަން ހުންނަވަން ބޭނުންފުޅުވާތަން އެބަފެނޭ. ދައުލަތުގެ އެންމެ މަތީ ފަނޑިޔާރުގެއާމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭނޭ ފަދަ ޙާލަތެއް މިއަދުވަނީ މެދުވެރިވެފައި. އެކިއެކި ޖިނާޢީ ކުށުގެ ތުހުމަތުގައި ތިބި މީހުން ދައުލަތުގެ މުއައްސަސާތަކުގައި މިއަދު އެބަތިބި. މީހުން މަރައި، ޤައުމުގައި ހުޅުޖަހާ މީހުން މިނިވަނުންގެ ގޮތުގައި، އެތައް އަހަރެއް ވަންދެން މަގުމަތީގައި އެބައުޅޭ. އަންހެން ދަރިންނާއި ކުޑަކުދިންގެ ޙައްޤުތައް ވަނީ ޙިމާޔަތް ނުކުރެވިފައި. އަޑުގަދަ މީހާގެ ބަސްގަދަވެ ބާރުގަދަވާތަން މިދަނީ ފެންނަމުން. އެންމެ ހިތާމަހުރި ކަމަކީ، މިކަންކަމުގެ ތެރޭގައި ޙައްޤު ގޮތުގައި ޤާނޫނުގެ އިމުގައި ތިބޭ ރައްޔިތުން، އަމިއްލައަށް ގޭގައި ބަންދުވެގެން ތިބެންޖެހޭކަން. މަޑުމައިތިރި ކަމަކީ ޙައްޤުތައް ގެއްލޭ ކަމަކަށްވެފައިވާކަން."
މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ކޮންމެ މީހަކީ ޤައުމުގައި ހުރި މައްސަލަތަކާމެދު ކަންބޮޑުވާ މީހަކު ފަދައިން އަޅުގަނޑުމެންގެ ކޮންމެ މީހަކީ، ޤައުމުގެ ތަރައްޤީއަށްޓަކައި އުފާފާޅުކުރާ، އަދި އެތަރައްޤީ ފާހަގަކުރާ ބަޔަކަށްވެސް ވާންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި މިރޭގެ ޖަލްސާއަކީ އެފަދަ ބޭފުޅުންގެ ޝަރަފުގައި ބޭއްވޭ ޖަލްސާއެއްކަން ފާހަގަކުރައްވަމުން، މި ޖަލްސާގައި އިނާމު ހާސިލު ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިރޭ މި ފާހަގަކުރެވެނީ ދިވެހި ޤައުމަށް ޚިދްމަތް ކުރައްވަމުން ގެންދަވާ ކޮންމެ ޚިދްމަތްތެރިއެއްގެ ޚިދްމަތް ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިރޭގެ އިނާމުތަކުން ރަމްޒުކޮށްދެނީ، މި ޤައުމު މިގޮތަށް ދެމިގެން މިއޮތީ، ކޮންމެ ދިވެހި މުވާޠިނެއްގެވެސް ޚިދުމަތުން ކަމެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބާއްވައި، އިންތިޚާބު ކާމިޔާބުކުރާ ކެންޑިޑޭޓަކު ވެރިކަމާ ހަވާލުވުމަށްޓަކައި، ދުސްތޫރީ އޮނިގަނޑު ހިނގަހިނގާ އޮތުން ކޮންމެހެން ބޭނުން ކަމުގައި ވިދާޅުވިއެވެ. "އަމާންކަމާއި ހަމަޖެހުމާއެކު އިންތިޚާބެއް ބާއްވައި، ޤާނޫނުއަސާސީގައިވާ ގޮތަށް ވެރިކަން ޤާއިމުކުރުމުގެ ބޭނުންތެރިކަން ތިޔައިން ހަމަ އެއްވެސް ރައްޔިތަކަށް ވަންހަނާވެފައި ނޯންނާނެ. މިފަދަ ވަގުތެއްގައި ދުސްތޫރީ އޮނިގަނޑު ފުނޑުފުނޑުވިޔަ ދީގެން ނުވާނެ. މިވަގުތު ޤައުމުގައި ހަމަނުޖެހުން އުފެދެން ވެއްޖެނަމަ، ފަތުރުވެރިކަން ހީނަރުވެ، އިޤްތިޞާދު މިއަށްވުރެ ބޮޑަށް ހަލާކުވެދާނެ. ޤައުމަށް ހީނުކުރާ ވަރުގެ ދެރައެއް ލިބިދާނެ."