ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، ތައިލެންޑްގެ އަމީރާ މަހާ ޗަކްރީ ސްރިންދޯން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުފަހު މުލީއާގޭގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތައިލެންޑާއި ރާއްޖެއާ ދެ ޤައުމަކީ ވަރަށް ގާތް ދެ ޤައުމު ކަމުގައި ވިދާޅުވެ، މި އަހަރުގެ ޖޫން މަހު ތައިލެންޑްގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅާއި އަދި އަމީރާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ސަބަބުން މި ގުޅުން އިތުރަށް ބަދަހިވެގެން ހިނގައްޖެ ކަމުގައި ވިދާޅުވިއެވެ. މި ގޮތުން، ބޮޑުވަޒީރުގެ ދަތުރުފުޅުގައި، ރާއްޖެއާއި ތައިލެންޑާ ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެވުނު ކަމުގައި ވިދާޅުވެ، އެ އެއްބަސްވުންތަކުގެ ތަފުސީލް ޢަމީރާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ގެދޮރު އިމާރާތް ކުރުމުގެ ދާއިރާތަކުން ރާއްޖެއާއި ތައިލެންޑާ ދެ ޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ތައިލެންޑުގެ އަމީރާ މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތައިލެންޑުން ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖޭގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހާލަތާއި އެކުދިންނަށް ސަރުކާރުން ދެއްވާ އިސްކަމާއި އެހީތެރިކަމާ ބެހޭގޮތުން ތައިލެންޑުގެ އަމީރާ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުން މަޢުލޫމާތު އޮޅުން ފިލުއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އަމީރާ ސްރިންދޯން މުލީއާގެއަށް ވަޑައިގަތުމުން، އެކަމަނާއަށް އިސްތިޤްބާލު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިނެވެ. ތައިލެންޑްގެ އަމީރާ މުލީއާގެއަށް ވަޑައިގެން ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވިއެވެ.