ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވެ، މި އިންތިޚާބުގައި ހުރިހާ ރައްޔިތުންވެސް ވޯޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދެވި ދަތުރުފުޅުގެ އެންމެފަހު މަންޒިލެއްގެ ގޮތުން އެއަތޮޅު ލަންދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކަށް ފެނިވަޑައިގަންނަވާ މީހަކަށް ވޯޓު ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވަގުތު ވަރަށް ކުޑަތަންވެފައިވާކަން ފާހަގަކުރައްވަމުން، މި އިންތިޚާބުގައި ހޮވޭ މީހަކީ، ކުރިއަށް އޮތް 5 އަހަރުދުވަސް ވަންދެން ދިވެހި ރައްޔިތުންގެ މުސްތަޤްބަލު ބައްޓަންކުރާނެ ފަރާތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، ވޯޓު ދެއްވާނެ ފަރާތެއް ޚިޔާރުކުރައްވާއިރު ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ ކަމަށާއި، އެއީ މީހަކު ބުނާ ގޮތަކަށް ނިންމަންވާ ވަރުގެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ނ. ލަންދޫގެ ރައްޔިތުންނަށް ބޭނުންވެފައިވާ އެކިއެކި ކަންތައްތަކާއި، އެރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ އެކިއެކި ކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، އެރަށުގައި ފުލުހުން ނެތުމުގެ މައްސަލަ ވަރަށް އަވަހަށް ޙައްލުވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އިރުއޮއްސުނުއިރު ވަނީ މާލެ ވަޑައިގެންފައެވެ.