މިއަދުގެ ސަރުކާރުގެ ހުރިހާވެސް މަޤްޞަދަކީ، ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު މާޅެންދުއަށް ވަޑައިގެން، މިއަދު މެންދުރު އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދުގެ ސަރުކާރަކީ ރައްޔިތުންގެ ޙައްޤުތައް ދިފާއުކޮށްދޭ، ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށްދޭ ސަރުކާރެއް ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ އެމަނިކުފާނު ޙާވަލުވެވަޑައިގެންނެވިއިރު ވަރަށް ބޮޑެތި ދުއްތުރާތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިކަން ބަޔާންކުރައްވަމުން، ދައުލަތުގެ މުއައްސަސާތަކަށާއި މުދަލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދިންކަން ފާހަގަކުރެއްވިއެވެ. އަދި ޤައުމުގެ އިޤްތިޞާދަށް ކުރިމަތިވި ގޮންޖެހުންތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލައްވަމުން، ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ދަރަނި ވަރަށް ބޮޑުވެގެން ދިޔަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެކިއެކި ޚިދުމަތްތަކަށް މިކަމުގެ ސަބަބުން ބުރޫ އަރާފައިވާ ކަމަށާއި، ސަރުކާރުގެ ފަރާތުން ކުރައްވަންޖެހޭ ކަންކަން ނުކުރެވިފައި ހުރީ އެކަންކަން ކުރައްވަން ބޭނުންނުވާތީ ނޫން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް، އެދަރަނީގެ ވަރަށް ބޮޑު ބައެއް މިހާރު ދައްކައި ނިމިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.