ދިވެހިރާއްޖެއަކީ އަބަދުވެސް ވަރަށް މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އޮންނަ ޤައުމެއް ކަމަށާއި، ބޭރުގެ ބައެއްގެ އަޅުވެތިކަން ނުވަތަ ނުފޫޒު ޤަބޫލުކުރާނެ ބައެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ކެނދިކުޅުދުއަށް ވަޑައިގެން، މިއަދު ހެނދުނު އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާ ބަލާއިރު، ދިވެހިރާއްޖެއަކީ، ރައްޔިތުންގެ މިނިވަންކަމާއި، ރައްޔިތުންގެ އަސާސީ ޙައްޤުތައް ހޯދުމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ފުރަތަމަ މިނިވަން އިންތިޚާބެއް ބޭއްވުމަށްޓަކައި އިޞްލާޙީ ބަދަލުތައް ގެންނަން ކުރި މަސައްކަތްތައް، ދިވެހި ތާރީޚުގައި ވަރަށް ކުލަގަދަކޮށް ލިޔެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤާނޫނާ އެއްގޮތަށް، އެމަނިކުފާނު 7 ފެބްރުއަރީ 2012 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމުން އިސްތިޢުފާ ދެއްވާފައި، އަލުން އިންތިޚާބެއް ބާއްވަން ބޭރުގެ ފަރާތްތަކުން އެދުނު ކަމުގައި ވިދާޅުވިއެވެ. އަދި އެއީ، މިނިވަން، ބާރުވެރި ޤައުމެއްގެ ގޮތުގައި އޮތުމަށް ދިވެހިރާއްޖެއަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ހުރަސްއަޅައި، ފަތުރުވެރިން ރާއްޖެ އަޔަނުދިނުމަށް ބޭރުގެ ބަޔަކާ ގުޅިގެން ދިވެހިންގެ ބަޔަކު ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލައިލެއްވިއެވެ. މިގޮތުން، ރާއްޖެއަކީ އަމާންކަމެއް ނެތް، ކުޑަކުދިންނަށް ގޯނާކުރާ ތަނެއް ކަމާއި، އަދި ރާއްޖެއަކީ އަންހެނުންނަށް ނިކަމެތިކޮށްހިތާ ތަނެއް ކަމަށް ބޭރުގެ ފަރާތްތަކަށް ވިސްނައިދީގެން، ރާއްޖެއަށް އަންނަ ފަތުރުވެރިން އަޔަނުދިނުމަށްޓަކައި ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަމުން ގޮސްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިޔާސީގޮތުން ދިވެހިރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކުން ﷲ އިރާދަކުރެއްވީތީ، މިވަނީ ސަލާމަތްވެ، ބޭރުގެ ނުފޫޒުތަކުން އެއްކިބާވެފައި ކަމުގައި ވިދާޅުވިއެވެ. އަދި ވެރިކަން ކުރެއްވުމަށްޓަކައި ބޭރުގެ ބައެއްގެ ރުހުން ހޯއްދެވުމަށް، ރައީސުލްޖުމްހުރިއްޔާ ބޭރު ޤައުމުތަކަށް ވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އޭގެ ބަދަލުގައި ރުހުން ހޯއްދެވުމަށް ވަޑައިގަންނަވަންޖެހޭނީ ދިވެހި ރައްޔިތުންގެ އަރިހަށް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު ދެކުނުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަނަދުއަށް ވަޑައިގެން، މަނަދޫ ރައްޔިތުންނާ ރޭ ވަނީ ބައްދަލުކުރައްވާފައެވެ.

މަނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގަތީ، ވަކި ބަޔަކަށް، ވަކި ޕާޓީއަކަށް ނުވަތަ ވަކި ކުލައަކަށް ޚިދުމަތް ކުރައްވާކަށް ނޫންކަމުގައި ވިދާޅުވިއެވެ. އަދި ވަކި ޕާޓީއެއްގެ މީހުންނަށް އެކަނި ވަޒީފާ ދިނުމަކީ، އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ކަމެއްނޫން ކަމަށާއި، އޭގެ ސަބަބުން ޤައުމުގައި ފިތުނަފަސާދަ އުފެދުން ނޫން ކަމެއް ނުވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ފަރާތުން ނ. އަތޮޅުގެ ތަރައްޤީއަށްޓަކައި ރޭވިފައިހުރި މަޝްރޫޢުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.