ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމަކީ، ކޮންމެ މީހެއްގެ މައްޗަށްވެސް އޮތް ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި، ކޮންމެ މީހަކަށްވެސް އެމީހަކަށް ފެންނަ ކެންޑިޑޭޓަކަށް ވޯޓު ދިނުމުގެ އިޚްތިޔާރު އޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި، އެއަތޮޅު ހޮޅުދުއަށް ވަޑައިގެން، މިއަދު މެންދުރުފަހު އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަމާއެކީގައި ވޯޓު ދީގެން ރައީސުލްޖުމްހޫރިއްޔާއަކަށް މީހަކު އިންތިޚާބުކުރުމުގެ ފުރުޞަތު ލިބުނުތާ އަދި މާ ގިނަ ދުވަހެއް ނުވާކަމުގައި ވިދާޅުވިއެވެ. އަދި މިއަހަރުގެ އިންތިޚާބު މިނިވަންކަމާއި، އަމާންކަމާއެކު ގެންދެވުމަށް ސަރުކާރުން ހުރިހާ މަސައްކަތެއްވެސް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ޙާލަތު އޮތް ގޮތް ރައީސުލްޖުމްހޫރިއްޔާ ސިފަކުރައްވަމުން، އެ ދުވަސްވަރު ބޭރުގެ ވަރަށް ގިނަ ފަރާތްތަކުންވެސް، އެމަނިކުފާނުގެ އިސްތިޢުފާއަށް ގޮވައި، ރާއްޖޭގައި ވަގުތުން ރިޔާސީ އިންތިޚާބެއް ބޭއްވުމަށްވެސް ގޮވާލަމުން ދިޔަކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެއީ ޤާނޫނުއަސާސީއާ ޚިލާފުކަމެއް ކަމަށް ވިދާޅުވެ، ބޭރުގެ ފަރާތްތަކަށް ރައްދު ދެއްވި ކަމަށާއި، ހުރިހާ މަސައްކަތެއްވެސް ކުރެއްވީ ރައްޔިތުންނާއި، ޤައުމުގެ މަޞްލަޙަތަށްޓަކައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ރާއްޖޭގެ ޤާނޫނުއަސާސީ ދަމަހައްޓަވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަބަދުވެސް ދެއްވަމުން ގެންދަވާކަން ބަޔާންކުރައްވަމުން، ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ، ހާމަކަން ބޮޑު ރިޔާސީ އިންތިޚާބަކަށް ވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު މިހާރު ރަނގަޅުވަމުންދާ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދައުލަތުގެ ދަރަނީގެ ވަރަށް ބޮޑު ބައި މިހާރު ދައްކާ ނިމިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، 18 އަހަރުވުމާ ހަމައަށް ކޮންމެ ކުއްޖަކުވެސް ތަޢުލީމުގެ ނިޒާމުގެ ތެރޭގައި ހުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، އޯ ލެވެލް ފާސް އޮތަސް އަދާކުރާނެ ވަޒީފާތަކެއް ނުހުންނަ ކަމަށާއި، މިކަމުގެ ސަބަބުން އެކުދިން މަސައްކަތެއްނެތި އުޅެންޖެހި، އެކިއެކި ޖަރީމާތައް ހިންގައި، މީސްމީހުންގެ ޝިކާރައަކަށް ވެގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.