ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު އަލުން ފަށްޓަވައިދެއްވައިފިއެވެ.

މިކަމަށްޓަކައި ކަޅުތުއްކަލާކޮށީގައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސިފައިންނަކީވެސް ދިވެހި ރައްޔިތުން ކަމަށާއި، ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ ހުރިހާ ޙައްޤުތަކެއް ސިފައިންނަށް ލިބެންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސިފައިން ޚާއްޞަވަނީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ދިމާވި ކޮންމެ ނުރައްކަލަކާ ކުރިމަތިލައި، އެބައެއްގެ ފުރާނަ ދުއްވާލުމަށް ތައްޔާރުވެ، އެކަމަށް ވަޢުދުވެގެން ތިބޭ ބަޔަކަށްވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއީ މެދުކެނޑުމެއްނެތި، ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަންޖެހޭ މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ. އަދި، ސިފައިންގެ ޢާއިލާތަކުގެ ޙާލަތު ބެލެހެއްޓުމަށް ދައުލަތުގެ ފަރާތުން ދެއްވަންވީ އަހަންމިއްޔަތުކަން ދެއްވިފައި ނެތްކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢު، މެދުނުކެނޑި ކުރިއަށްދާނެ ގޮތަކަށް ސަރުކާރުން ރާއްވަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިގޮތުން، މި މަޝްރޫޢުގައި ދެން އޮތީ ސިފައިންގެ ޢާއިލާތަކަށް 300 ފްލެޓް އިމާރާތްކުރުން ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި އެ 300 ފްލެޓްވެސް ނިމި، ސިފައިންގެ ޢާއިލާތަކަށް ހަވާލުކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިކަންކަމަކީ ވެރިކަމުގައި ތިއްބަވާ ފަރާތްތަކުގެ ހެޔޮފުޅުކަމުން ކުރައްވާ ކަމެއްނޫން ކަމަށާއި، ސިފައިންނާއި ސިފައިންގެ ޢާއިލާތަކުގެ ޙާލު ބެއްލެވުމާއި، އެބޭފުޅުންގެ ޢާންމު ޙާލަތު ރަނގަޅުކޮށްދެއްވުމަކީ، ސަރުކާރު ހިންގަވާ ފަރާތުން ކޮންމެހެން ކުރަންޖެހޭ ކަންތައްތައް ކަމުގައި ވިދާޅުވިއެވެ.