"ދިވެހިންގެ ފަންނު" ގެ ނަމުގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިންތިޒާމްކޮށްގެން ބާއްވަވާ އުފެއްދުންތެރިކަމުގެ މަޢުރަޒު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހަވީރު ހުޅުއްވައިދެއްވައިފިއެވެ. މި މަޢުރަޒު އޮންނާނީ ނޭޝަނަލް އާޓް ގެލެރީގައެވެ.

މިކަމަށްޓަކައި ނޭޝަނަލް އާޓް ގެލެރީގައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި މަޢުރަޒު ހުޅުއްވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިންގެ ފަންނުވެރި މަސައްކަތް ދައްކައިދޭ، ތުނޑުކުނާ ފަދަ ތަކެތި ޢާންމުކޮށް ގަންނަން ލިބެން ނުހުންނަކަން ހިތާމައާއެކު ފާހަގަކުރެއްވިއެވެ. ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންވެސް އެފަދަ ތަކެތި ގަންނަން ބޭނުންވާނެ ކަމަށާއި، މިފަދަ އުފެއްދުންތެރި މަސައްކަތް އެކަށީގެންވާ ގޮތުގައި ނުކުރެވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މިއަދު މި ހުޅުވޭ މަޢުރަޒު މިކަންކަން ބަދަލުކުރުމަށް ވަރަށް މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިފަދަ މަޢުރަޒުތައް އިތުރުވެ، މީގެ ސަބަބުން އުފެއްދުންތެރިކަމާއި ޚިދުމަތްތަކަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ރާއްޖޭގައި ކުދި، އަދި މެދުފަންތީގެ ވިޔަފާރިއަށްވެސް ކުރިއެރުން ލިބިގެންދާނެ ކަމަށާއި، ރާއްޖޭގެ އިޤްތިޞާދު ކުރިއަށް ގެންދެވޭނީ މިކަންކަން ކުރެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.