ކަސްޓަމްސްގެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ނުލިބި ވަރަށް ގިނަ ދުވަސްތަކެއް ވުމަށްފަހު، ކަސްޓަމްސްގެ އާ އޮނިގަނޑުގެ ދަށުން 400 އަށްވުރެ ގިނަ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ލިބިގެން ދިޔުމަކީ، ވަރަށް އުފާފުޅު ކުރައްވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކަސްޓަމްސްގެ 123ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުމަވަންތަ ސްކޫލްގައި ރޭ ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކަސްޓަމްސްއަކީ އެހާ ގިނަ ދުވަސްވީ މުއައްސަސާއަކަށްވާއިރު، އެ މުއައްސަސާއަކީ ހަމަ އެހާމެ ބޮޑެތި އިސްލާޙީ ބަދަލުތަކެއްވެސް އަންނަމުންދާ މުއައްސަސާއެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ކަސްޓަމްގެ ޤާނޫނެއް އެކުލަވާލެވި، އެ ޤާނޫނުގެ ދަށުން ހެދުނު ގަވާއިދުތަކާ އޮނިގަނޑުތަކުގެ ދަށުން، އެ މުއައްސަސާއަށް ވަރަށް މުހިންމު އިސްލާޙީ ބަދަލުތަކެއް މިހާރު އަންނަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ކަސްޓަމްސްގެ މުވައްޒަފުންނަކީ، އެހެނިހެން މުއައްސަސާތަކާ އަޅާބަލާއިރު، އަދި ވަކިން ޚާއްޞަކޮށް، ޤާބިލު، ތަޢުލީމީ ޒުވާނުންތަކެއް ތިބި މުއައްސަސާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު މިމޭރުމުން ކުރިއަށް ގެންދަވަމުން، އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް އައި ބަދަލުތަކަކާ ގުޅިގެން، ކަސްޓަމްސްގެ ތެރެއިން ބަޖެޓަށް ލިބެމުންދިޔަ ވަރަށް ބޮޑު ބައެއް ކުރިއާ އަޅާބަލާއިރު މިވަނީ ކުޑަކުރެވިފައި ކަމަށާއި، އެހެންނަމަވެސް ކަސްޓަމްސްގެ މަސައްކަތް ދިޔައީ އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން ކަމުގައި ވިދާޅުވިއެވެ. "އެހެންވީމާ އެއިން އެބަ އެނގޭ، ކަސްޓަމުން ކުރަންޖެހޭ މަސައްކަތް ކުރިއަށްވުރެ މާބޮޑަށް އިތުރުވެފަވާކަން. އެހެންވީމާ، އެ އިތުރުވި މަސައްކަތަށް އެކަށޭނަ އިސްލާޙީ ބަދަލުތަކެއް މުއައްސަސާއަށް އައުމަކީ އެއީ، ރާއްޖެއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އަޅުގަނޑު ޤަބޫލުކުރަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިނިސްޓަރ އޮފް ހޯމްއެފެއާޒުގެ ދަށަށް ކަސްޓަމްސް ބަދަލުކުރެއްވި ކުރެއްވުމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި، ރާއްޖޭގެ ދޮރޯށިތައް ބެލެހެއްޓުމުގެ ޒިންމާ މިއޮންނަނީ ކަސްޓަމްސްގެ އިތުރުން އަދި، އިމިގްރޭޝަން ޑިޕާޓްމަންޓާއި މޯލްޑިވްސް ޕޮލިސް ސަރވިސްގައި ކަމުން، ވަރަށް ގުޅިގެން މި ތިން މުއައްސަސާއިން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ޙަފްލާގައި، ޓްރޭޑް ފެސިލިޓޭޝަން ޕެކޭޖް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހުކޮށްދެއްވިއެވެ.