ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވުމަކީ، ޒުވާނުންގެ ޙައްޤެއް ކަމަށާއި، އެކަންކަމަށް މަގުފަހިކޮށްދެއްވުމަކީ، ސަރުކާރުގެ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ވާޖިބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިރޭ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސިނަމާލެ ފުޓްސަލް ދަނޑު ހުޅުވުމާއި، "ފްލެޓްކަޕް ފުޓްސެލް މުބާރާތް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޒުވާނުންނަށް އަމާޒުކޮށްގެން މި ފަދަ ތަންތަން ހެދުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި، މިއީ ސަރުކާރުގެ މުޢައްސަސާއަކުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ހެޔޮފުޅުކަމުން ކޮށްދެއްވާ ކަމެއް ނޫންކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ޒުވާނުންނަށް އަމާޒުކޮށްގެން ހިންގަންޖެހޭ ކަންކަން ހިންގުމަށްޓަކައި ސަރުކާރުގެ ފަރާތުން މަސައްކަތްކުރަންވީ ވަރަށް އަދިވެސް ނުކުރެވޭކަން ޤަބޫލުފުޅު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މިހެންވާންޖެހެނީ ސަރުކާރުގެ މިވަގުތުގެ މާލީ ޙާލަތު ހުރި ގޮތުން ކަމަށާއި، އެހެންނަމަވެސް މިފަދަ ޚިދުމަތްތައް ވީހާވެސް ބޮޑަކަށް ފޯރުކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިރޭ އިފްތިތާޙު ކޮށްދެއްވި ޓަރފް ފުޓްސެލް ދަނޑަކީ، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތް އެންޑް ސްޕޯޓްސްއާއި، އެސް.ޓީ.އޯ އަދި އެމް.އެން.ޑީ.އެފް.އާ ދެމެދު 2012 ވަނަ އަހަރު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ފެށުނު "ޔުނިޓީ ތްރޫ ފުޓްސަލް" މަޝްރޫޢުގެ ދަށުން ހުޅުވުނު ދެވަނަ ދަނޑެވެ. މީގެ ކުރިން މިދިޔަ އަހަރު ވަނީ ހުޅުމާލޭގައި ފުޓްސެލް ދަނޑެއް ހުޅުވާފައެވެ. މިދަނޑަކީ، ޔޫތް މިނިސްޓްރީގެ ޚަރަދުގައި، އެސް.ޓީ.އޯ.އާއި އެފް.އޭ.އެމް.ގެ އެހީތެރިކަމާއެކު، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެމް.އެން.ޑީ.އެފް.އިން ތައްޔާރުކޮށްދެއްވި ދަނޑެކެވެ.