ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ކޮޅުމަޑުލު ވިލުފުށީ މަގު ހެދުމުގެ މަޝްރޫޢޫ މިއަދު ހެނދުނު އިފްތިތާޙު ކޮށްދެއްވައިފިއެވެ.

މި މަޝްރޫޢޫ އިފްތިތާޙު ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިއީ، ދިވެހިރާއްޖޭގެ އެކިއެކި ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ ދަށުން ކުރަމުންދާ މަސައްކަތެއް ކަމުގައި ވިދާޅުވިއެވެ. އެގޮތުން، މި މަޝްރޫޢޫގެ ދަށުން ވިލުފުށީގެ 9 މަގެއް ހެދިގެންދާނެކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، މި ވޭތުވެދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ފެށިގެން ހިންގާ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ އެކިރަށްރަށުގައި 66 ކިލޯމީޓަރުގެ މަގު ރަނގަޅު ފެންވަރަކަށް ހެދިގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިއީ މާލޭގެ މަގުހެދުމުގެ މަޝްރޫޢު ފިޔަވައި، މިހާތަނަށް ރާއްޖޭގައި ހިންގޭ މަގުހެދުމުގެ އެންމެ ބޮޑު މަޝްރޫޢު ކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ވިލުފުށްޓަކީ ސުނާމީގައި ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވި ރަށެއްކަން ބަޔާންކުރައްވަމުން، މަގުހެދުމުގެ އިތުރުންވެސް އެރަށަށް ބޭނުންވާ އިތުރު ޚިދުމަތްތަކެއް އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، ވިލުފުށީގެ ތަރައައްޤީއަށް ކުރިއަށް ރާވާފައިވާ ބައެއް މަޝްރޫޢުތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ރައްޔިތުންނާ ޙިއްޞާކުރެއްވިއެވެ. އަދި މި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ރައްޔިތުންގެ އެއްބާރުލުން ލިބިގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.