ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔޫ.އެޗް.އޯ.ގެ ދެކުނު އިރުމަތީ އޭޝިޔާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ މަޤާމަށް ކުރިމަތިލައްވާފައިވާ އިންޑިޔާގެ ކެންޑިޑޭޓް އަދި ޑަބްލިޔޫ.އެޗް.އޯ.ގެ ދެކުނު އިރުމަތީ އޭޝިއާ ރީޖަންގެ ޑެޕިއުޓީ ރީޖަނަލް ޑިރެކްޓަރ ޑޮކްޓަރ ޕޫނަމް ކެތްރިޕާލް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި މިދާއިރާ އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަށްޓަކައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާބެހޭ މަޢުލޫމާތު، ޕޫނަމް ކްތްރިޕާލަށް ރައީސުލްޖުމްހޫރިއްޔާ އެރުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި ޑަބްލިޔޫ.އެޗް.އޯ. އިން ވެދެއްވާފައިވާ އަދި ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވަމުން، އެކަމަށްޓަކައި ޑަބްލިޔޫ.އެޗް.އޯ.އަށް ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ޑޮކްޓަރ ޕޫނަމް ކެތްރިޕާލް ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތްތާނގައިވެސް އެ ޖަމްޢިއްޔާއިން ރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.