ފަލަސްޠީނު ސަރުކާރުން ރާއްޖެއަށް ފޮނުއްވައިދެއްވި ޑޮކްޓަރުންގެ ޓީމާއި ދެ އިމާމުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ފަލަސްޠީނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ އަންވަރު އަލް-އަޤްހާ ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ފޯރުވައިދިނުމަށް ފަލަސްޠީނުގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެއަށް ފޮނުއްވައިދެއްވިކަމަށްޓަކައި އަދި މި ރަމަޟާންމަހު ވަޢުޡު ވިދާޅުވެ، އިމާމުވެވަޑައިގެން ނަމާދު ކުރެއްވުމަށް ދެ އިމާމުން ފޮނުއްވައިދެއްވިކަމަށްޓަކައި، ފަލަސްޠީނުގެ ސަރުކާރަށާއި، ޚާއްޞަކޮށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާހަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި އެ ވަފުދުގެ ފަރާތުން މަސައްކަތްކުރައްވާނެ އެކި ރަށްރަށާބެހޭ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނާ ޙިއްޞާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފަލަސްޠީނުގެ ސަފީރުވަނީ، ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ނަންފުޅުގަޔާއި، ސަފީރުގެ އަމިއްލަ ނަންފުޅުގައި ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވާފައެވެ. އަދި ރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދޭތެރޭ އޮންނަ ގާތް ގުޅުން ދެމެހެއްޓުމަށް ފަލަސްޠީނުން އަބަދުވެސް އިސްކަންދޭނެ ކަމުގައި ސަފީރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި، ފަލަސްޠީނުގެ ރައީސް، ފަލަސްޠީނުގެ ޑޮކްޓަރުންގެ ޓީމަކާއި އިމާމުން ރާއްޖެއަށް މި ފޮނުއްވީ، ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ފަލަސްޠީނަށް ކުރެއްވި ދަތުރުފުޅުގައި އެދިވަޑައިގެންނެވި އެދިވަދައިގަތުމުގެ މަތިން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ފަލަސްޠީނުގެ ސަފީރާއި، މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ އަޙްމަދު ޖަމްޝީދު މުޙަންމަދާއި، ޑޮކްޓަރުންގެ ވަފުދުގެ ފަރާތުންވެސް ޚަބަރުފަތުރާ ވަސީލަތްތަކާ މަޢުލޫމާތު ޙިއްޞާ ކުރެއްވިއެވެ.