ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ، ހުރިހާ ފަރާތްތަކުގެ އަޑުއަހައިގެން، ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން އޮމާންކަމާއެކު ބޭއްވޭ އިންތިޚާބަކަށްވުމަކީ، އެމަނިކުފާނަށާއި، އެމަނިކުފާނުގެ ސަރުކާރަށް އެންމެ މުހިންމު ކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރިޔާސީ ކެންޑިޑޭޓެއްގެ ޙައިޘިއްޔަތުން އެމަނިކުފާނު އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ބޭނުންފުޅުވި ކަމުގައިވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން އެމަނިކުފާނު ބޭނުންފުޅުވަނީ، ރާއްޖޭގައި ޞުލްޙަވެރި ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް އިންތިޚާބުގެ ކަންތައްތައް ދިޔުމެވެ.

ޤައުމީ ދާރުލްއާޘާރުގައި ރޭ އޮތް މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިނިވަންކަމަށް 48 އަހަރު ފުރިގެން، އެކަން ރާއްޖޭގައި ފާހަގަކުރެވިގެންދާއިރު، އުންމީދު ކުރައްވަނީ، ދިވެހިން ފަޚުރުވެރިވާފަދަ ފުރްޞަތުތަކަކާ ދިމާއަށް ޤައުމު ކުރިއަށް ޖެހެމުން ދިޔުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިން ބޭނުންވަނީ ޑިމޮކްރެޓިކް އުސޫލުތައް ހިފަހައްޓާ، ހާމަކަންބޮޑު މުޖުތަމަޢެއް ކަމަށާއި، އެފަދަ މުޖުތަމަޢެއްގައި ރައްޔިތުންނަށް ދެރައެއް ކުރިމަތިވެއްޖެނަމަ، އެކަން އިޞްލާޙު ކުރާނެ، ރައްޔިތުން އަބަދުވެސް ރައްކާތެރިކޮށްދޭނެ އަދި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް އެމީހުންނަށް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އޮތް، އިތުބާރު ކުރެވޭފަދަ ސަރުކާރެއް އޮންނާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަސްމީ ބައްދަލުކުރެއްވުން ޤައުމީ ދާރުލްއާޘާރުގައި ބޭއްވުމާމެދު ބައެއް ފަރާތްތަކުގެ ހިތް ނުތަނަވަސްވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، މިކަހަލަ ކަމެއްގެ ސަބަބުން އެއްވެސް ކަހަލަ ގެއްލުމެއް ލިބޭނެ ކަމަށް ވިސްނިވަޑައިގެންފައި އޮތްނަމަ ދާރުލްއާޘާރުގައި އެ ޙަފްލާ ނުބޭއްވެވީސް ކަމުގައި ވިދާޅުވިއެވެ. އަދި، ދާރުލްއާޘާރު ފަދަ ތަންތަނަކީ ހަމައެކަނި އާޘާރީ ތަކެތި ރައްކާކުރާ ތަނަކަށް ވެގެން ނުވާނެ ކަމަށާއި، މިފަދަ ޢިމާރާތްތަކަކީ، އެހެނިހެން ކަންކަމަށްވެސް ބޭނުންކުރެވޭ ތަންތަނަށް ވާންޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިންނާއި، ޢިއްޒަތް އަރުވާފައިވާ ބޭފުޅުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، މިނިސްޓަރުންގެ ނައިބުންނާއި، މިނިވަން މުއައްސަސާތަކުގެ އިސްބޭފުޅުންނާއި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި، ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި، ރާއްޖޭގެ މުހިންމު ޞިނާޢަތްތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިނިވަންދުވަހުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއިން ބޭރުން ވަޑައިގެންނެވި ޢިއްޒަތްތެރިންވެސް މި ޙަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.