ޚިޔާލު ތަފާތުވާ ޙާލަތްތަކުގައި، ބޭރުގެ ނުފޫޒުތަކަށް ބައެއް ފަރާތްތަކުން ޖާގަދެމުންގެންދާ ކަމަށާއި، ދިވެހި ޤައުމުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި އެންމެންނަށް އެއްގަލަކަށް ނޭރޭނަމަ، ދިވެހި ދައުލަތް ފެއިލްވެގެންދާކަށް މާގިނަ ދުވަހެއް ނުނަގާނެ ކަމަށާއި، ދައުލަތުގެ އާރާއި ބާރު ދަމަހައްޓައި، ނެގެހެއްޓުމަށްޓަކައި ތާއަބަދު މަސައްކަތް ކުރުމަކީ، ދިވެހި ކޮންމެ ދަރިއެއްގެ ވާޖިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ 48 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ދިވެހި ޤައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މުޖުތަމަޢުގައި ވިސްނުމާއި ޚިޔާލު ތަފާތުވުން އުފެދޭ ކޮންމެފަހަރަކު، އެކަންކަމުގެ ތެރެއަށް ވަނުމަށް، ބޭރު މީހުންނަށް ދަޢުވަތު ދެވޭތަން އަންނަ ކަމަށާއި، ވެރިކަމުގެ ބޭނުމުގައި، ޤައުމުގެ ހަރުމުދާ "ތަބަކަކަށްލާފައި ބޭރުގެ ފަރާތްތަކަށް ދިއްކޮށްލުމަށްވެސް" ފަސްނުޖެހޭތަން އަންނަ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގެ ރައްޔިތުންނަކީ، ބޭސް ސިޓީއަށް ސަލާމް ޖަހަންނުޖެހޭ ބަޔަކަށް ހަދައިދެވެނީ، އެ ޚިދްމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އެހެން ޤައުމުތަކުގައި ބޭސް ސިޓީއަށް ސަލާން ޖަހައިގެންނަމަ، އެ ދައުލަތަކީ މިނިވަން ދައުލަތެއްގެ ގޮތުގައި، އެހެން ފަރާތްތަކުން ބަލައިގަތުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މަސައްކަތްތެރިންގެ މުސާރައާއި، ޤައުމަށް ބޭނުންވާ ތެލާއި، ކާނާއާއި، ސަބްސިޑީ ދިނުމަށް ބޭނުންވާ ފައިސާ ލިބެނީ، އެހެން ބައެއްގެ ހެޔޮކަމުން ކަމުގައި ވެއްޖެނަމަ، އެ ދައުލަތުގެ ސިޔާދަތު ޙިމާޔަތް ކުރެވިދާނެކަމާމެދުވެސް ސުވާލު އުފެދޭ ކަމަށްވެސް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ޤައުމުގެ މިނިވަންކަން ހިފެހެއްޓޭނީ، އިޤްތިޞާދީ ގޮތުންވެސް ޤައުމު ނަގާ ކޮޅަށް ޖެހިގެން ކަމަށާއި، މުސާރަވެރިންނަށް މުސާރަ ދިނުމަށް އަމިއްލަ އާމްދަނީން ކުޅެދިގެން ކަމަށެވެ. އަދި ޤައުމުގެ އާމްދަނީއަކީ 9 ނުވަތަ 12 ބިލިއަން ރުފިޔާ ކަމަށްވާއިރު، ޚަރަދަކީ 22 ބިލިއަން ކަމުގައިވެގެން، ދާޚިލީ މިނިވަންކަމެއް ނުހިފެހެއްޓޭނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދައުލަތް ވަރުގަދަކޮށް، ދައުލަތުގެ ހިންގުން ހަލުވިކޮށް، ޑިމޮކްރަސީ އަށަގެންނެވިފައިވާ މުޖުތަމަޢެއްގެ ގޮތުގައި، ދިވެހި މުޖުތަމަޢު ކުރިއެރުވުމަށްޓަކައި ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، އޭގެތެރޭގައި ޤާނޫނު އަސާސީއަށްވެސް އިޞްލާޙުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ދިވެހި ޤައުމު ހިންގުމާ ޙަވާލުވެވަޑައިގެންނެވިއިރު، ރާއްޖެ އޮތީ ދާޚިލީ ހަމަނުޖެހުންގަނޑެއްގެ ތުންފަތްމަތީގައި ކަމަށާއި، ސިޔާސީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ޤައުމު އޮތީ ފުން އަނދަވަޅަކަށް ވެއްޓިފައިކަން ބަޔާންކުރެއްވިއެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ރައީސްކަމާ ޙަވާލުވެވަޑައިގެންނެވިއިރު، ދައުލަތުގެ ދަރަނި އޮތީ 23 ބިލިއަން ރުފިޔާއަށް އަރާފައި ކަމަށާއި، ދައުލަތުން ނުދައްކައި ހުރި ބިލުތަކުގެ ޢަދަދު 2 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި، ދައުލަތް އޮތީ މަހުންމަހަށް ލިބޭ އާމްދަނީއެއްގެ މައްޗަށް ދައުލަތުގެ ޚަރަދުތައް ދެކޮޅުޖެއްސޭނޭ ޙާލަތެއްގައި ނޫން ކަމަށެވެ. ވަރުބަލިކަމެއްނެތި ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިހާރުވަނީ ޤައުމުގެ ޙާލަތު ބަދަލުވާން ފަށާފައި ކަމަށާއި، ނުދައްކާހުރި ބިލުތަކުގެ ތެރެއިން 1.7 ބިލިއަން ރުފިޔާގެ ބިލަށް މިހާރުވަނީ ފައިސާ ދެއްކިފައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދުން ފެށިގެން ބަރާބަރު 2 އަހަރު ފުރޭ ދުވަހަކީ، ދިވެހި ޤައުމުގެ މިނިވަންކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް ފާހަގަކުރާނޭ ދުވަސްކަން ފާހަގަކުރެއްވިއެވެ. އަދި އިނގިރޭސީންގެ އަތުން 1965 ގައި އަޅުގަނޑުމެންނަށް ލިބުނީ، އަޅުގަނޑުމެންގެ އަމިއްލަ ޚާރިޖީ ގުޅުންތައް، ދިވެހި އުންމަތުގެ ޢިއްޒަތާއި ކަރާމާތް އުފުލޭނޭފަދަޔަކުން އަމިއްލައަށް ކަނޑައެޅުމުގެ މިނިވަންކަން ކަމަށާއި، ނަމަވެސް، އޭގެ 48 އަހަރު ފަހުން، މިއަދު އަޅުގަނޑުމެން ކުރަންޖެހޭ ސުވާލަކީ، އަޅުގަނޑުމެން މިތިބީ، އެ މިނިވަންކަމުގެ ފުރިހަމަ ބޭނުން ހިފޭނޭ ހިސާބުގައިތޯ ކުރެވޭ ސުވާލު ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ޢުމުރުން އެންމެ 20 އަހަރުގައި، މިޤައުމުގެ މިނިވަންކަމުގެ ދިފާޢުގައި ފުރާނަ ޤުރުބާންކުރި ޝަހީދު ޙުސައިން އާދަމުގެ ހަނދާންތަކާއި ޒިކުރާތައް އާކުރައްވަމުންނެވެ. އެޝަހީދުގެ ވަޞިއްޔަތްތަކަށް ފަރުވާތެރިވުމަށާއި، ދިވެހި ޤައުމިއްޔަތުގެ ދަންމަރު އެންމެ އަލިގަދަކޮށް ހުންނާނޭ ފަދައިން ރޯކޮށްފައި ބެހެއްޓުމަށް، ދިވެހި އެންމެހާ ރައްޔިތުންނަށް ގޮވާލައްވަމުންނެވެ.