މޮރޮކޯ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ލާރބީ ރެފޫ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، މޮރޮކޯގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، މޮރޮކޯ އާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދޭތެރޭ އޮންނަ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ފަތުރުވެރިކަމަކީ، ދެޤައުމަށްވެސް ވަރަށް މުހިންމު ޞިނާޢަތެއްކަން ފާހަގަކުރައްވަމުން، އެދާއިރާއިން ދެޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މޮރޮކޯ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، އެޤައުމުގެ ސަރުކާރުގެ ފަރާތުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.