ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއަށް މިއަދު ޒިޔާރަތް ކުރައްވައި، އެތާނގެ އިސް ވެރިންނާއި މުދައްރިސުންނާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ކުއްލިއްޔާއަށް މިވަގުތު ދިމާވެފައިވާ ދަތިތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަން ޙައްލުކުރެއްވުމަށް މިހާރުންމިހާރަށް އެޅުއްވެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. އަދި އެ ކުއްލިއްޔާއަށް މިވަގުތު ދިމާވެފައިވާ ބައެއް ދަތިތައް، އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކުއްލިއްޔާގައި ކިޔަވައިދެއްވާ ލެކްޗަރަރުންގެ ފެންވަރު މަތިކުރެއްވުމަށްޓަކައި ލެކްޗަރަރުންނަށް އިތުރު ފުރުސަތުތައް ލިބޭނެ ގޮތެއް ހޯއްދަވައިދެއްވުމަށް އެޑިޔުކޭޝަން މިނިސްޓްރީން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މިހާރުން މިހާރަށްވެސް، ޙައްލުކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބައްލަވައި، އެކަންތައްތައް ޙައްލުކޮށް ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.