ރާއްޖޭގެ ސްކޫލްތަކުން ނިމޭ ދަރިވަރުންގެ ތެރެއިން މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންގެ ޢަދަދު، ދެގުނައަށް އިތުރުވެގެންދިޔުމަކީ، ކުރައްވާ ވަރަށްބޮޑު އުންމީދެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މަތީ ތަޢުލީމުގެ މަރްޙަލާގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ނޭޝަނަލް ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ލޯނު އެހީ ދިނުމުގެ ލިޔުން ޙަވާލުކުރެއްވުމަށް މިއަދު ހެނދުނު ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި މަތީ ތަޢުލީމުދޭ އެކި ކޮލެޖްތަކާއި، ޔުނިވަރސިޓީތަކުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރެއްވުމަކީވެސް އިސްކަންދެއްވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ މަތީ ތަޢުލީމުގެ ތާރީޚު، ކުރު މުއްދަތެއްގެ ތެރޭގައި މިވަނީ ވަރަށް ދުރަށް ދަތުރުކޮށްފައިކަން ފާހަގަކުރައްވަމުން، ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި، ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން، މަތީ ތަޢުލީމު ޙާޞިލު ކުރުމަށް ވަރަށްގިނަ ޢަދަދެއްގެ ކުދިންނަށް އެހީތެރިވެދެއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މީގެކުރިން އެއްވެސް އަހަރަކު އެހީތެރިވެދީފައި ނުވާހާ ބޮޑަށް، މިވޭތުވެދިޔަ އަހަރު އެހީތެރިވެދެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މަތީ ތަޢުލީމަށް ޝަރުޠުހަމަވާ ކުދިން ރާއްޖޭގައި ގިނަ ކަމަށާއި، އެހެން ނަމަވެސް، މަތީ ތަޢުލީމަށްދާ ކުދިންގެ ޢަދަދު މަދުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. އެހެންވީމާ، އެ ނިސްބަތް އިތުރުކޮށްގެން ނޫނީ ޤައުމަށް ކުރިއަށްދެވޭކަށް ނެތް ކަމަށާއި، ރާއްޖޭގެ އާބާދީ ކުޑަވުމާއެކީގައި، އާބާދީގައި ހިމެނޭ ކޮންމެ މީހަކީ ތަޢުލީމީ ޤާބިލް މީހަކަށް ހަދަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ޤާބިލުކަން އިތުރުކުރުމަކީ، ޙަޤީޤީ އިންވެސްޓްމަންޓެއް ކަމަށާއި، ދައުލަތުގެ ފަރާތުން މި އިންވެސްޓްމަންޓް މި ކުރައްވަނީ، ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި، ރާއްޖެއަކީ ޞުލްޙަވެރި ތަނަކަށް ހަދައި، ރާއްޖޭގައި އުފަލުގައި މީހުން ދިރިއުޅޭ ތަނަކަށް ހެދުމަށްޓަކައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަތީ ތަޢުލީމް ޙާޞިލް ކުރުމަށް ސަރުކާރުން މިދެއްވާ ލޯނުގެ އެހީތެރިކަމުގެ ބޭނުން ހިއްޕަވައިގެން، ރަނގަޅު ނަތީޖާއެއް ނެރުއްވައިދެއްވުމަށް، މި ލޯނު ލިބުނު ދަރިވަރުންނަށް އިލްތިމާސް ކުރެއްވިއެވެ.

ރާއްޖޭގެ މުއްސަނދިކަން ހޯދައި، އޭގެ ބޭނުންކުރާނީ، ދިވެހިން ކަމަށް ވިދާޅުވެ، އެކަމުގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. "އެއީ ބޭރުގެ ބަޔަކު ކުރަންޖެހޭނެ ކަމެއް ނޫނެވެ. އެހެންވީމާ، ރާއްޖޭގެ ފަރުތަކާއި، ފަޅުތަކާއި، ބިންތަކުގައި ހުރި މުއްސަނދިކަން ހޯދުމަށްޓަކައި، ބޭރުގެ ޔުނިވަރސިޓީތަކަށް އެ ފުރްޞަތުދޭކަށް ނުޖެހޭ. ބޭރު ބަޔަކާ ގުޅިގެން އެކަން ކުރުމަކީ މައްސަލައެއް އޮތް ކަމެއް ނޫން. އެހެން ނަމަވެސް، މިބާވަތުގެ ކޮންމެ ކަމެއްގައިވެސް ދިވެހިންގެ ކޮންޓްރޯލް އޮތުމަކީ ވަރަށް މުހިންމު ކަމެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.