ޑިމޮކްރަސީ އަށަގެންނެވުމުގެ އެންމެ އުނދަގޫ މަރްޙަލާ ދިވެހިރާއްޖެ މިއަދު ކަޑައްތު ކުރަމުންދާއިރު، މެދުވެރިވާ ގޮންޖެހުންތަކާ ކުރިމަތިލައްވައި، އެކަންކަމުގެ މައްޗަށް ކުރި ހޯއްދެވުމަށް، އާ ޢަޒުމްތަކެއް ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ދިވެހި ސިފައިންނަށް ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، ސިފައިންގެ 121 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެ ޢަޒުމަކީ ދިވެހި ސިފައިންނަކީ ތާއަބަދު އިސްލާމްދީނުގެ ހިދާޔަތުގައި ސާބިތުވެ ތިބޭނެ ބައެއް ކަމުގެ ޢަޒުމެވެ. އެކަތިގަނޑެއްގެ ގޮތުގައި ދެމިތިބޭނެ ކަމުގެ ޢަޒުމެވެ. ނުގުޑާފަދަ ޢަޒުމެއްގައި، ސާބިތުކަމާއެކު ތިބޭނެ ބައެއްގެ ޢަޒުމެވެ. ދިރިހުރި ވަސީލަތްތަކުން އެންމެ ފުރިހަމައަށް ތަމްރީނުވެ ތިބި، ކެރޭ، ހުޝިޔާރު ބަޔަކަށްވުމުގެ ޢަޒުމެވެ. ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އަދި ޤައުމީ މަޞްލަޙަތު، އެހެން ހުރިހާ ކަމެއްގެ ކުރިއަށް ނެރޭ ބަޔަކަށްވުމުގެ ޢަޒުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއިން އެއްވެސް ކަމެއް ޢަސްކަރިއްޔާގެ ތެރެއިން އުނިވެއްޖެނަމަ، ހީވެސް ނުކުރާހާ ބޮޑެތި ގެއްލުންތަކާ ޤައުމު ކުރިމަތިލާން ޖެހިދާނެ ކަމުގައި ވިދާޅުވިއެވެ. އެއީ މިނިވަން މުސްތަޤިއްލު ކޮންމެ ޤައުމެއްގައިވެސް ޤައުމުގެ ދިފާޢީ ބާރަކީ، އެޤައުމެއްގެ ދިފާޢުގެ އެންމެފަހުގެ އައްޑަނަ ކަމަށާއި، އެ އައްޑަނަ ފެއިލްވެއްޖެނަމަ، އެ ޤައުމެއް އަޅުވެތިވެ، ޤައުމުގެ އަމިއްލަވަންތަކަން ނެތިދިޔުން އޮންނާނީ، ދާދި ގާތުގައި ކަމުގައިވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޢަސްކަރިއްޔާ ވާންޖެހެނޭ، ރައްޔިތުން އިތުބާރުކުރާ، ރައްޔިތުންގެ އިތުބާރު ހޯދާ، އަދި އެ އިތުބާރުގެ ތެރެއިން ބާރުވެރިވާ ބަޔަކަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ސިފައިންގެ މުއައްސަސާ އިތުރަށް ތަރައްޤީ ކުރައްވައި ކުރިއަށް ގެންދެވުމަކީ، އެމަނިކުފާނުގެ އެންމެ އިސް ވާޖިބު ކަމުގައި ވިދާޅުވިއެވެ. އަދި މުއައްސަސާއެއް ތަރައްޤީ ކުރުމަށް ބޭނުންވާ އެންމެ މުހިންމު އެއް ވަސީލަތަކީ، އެ މުއައްސަސާއެއްގެ އިންސާނީ ވަސީލަތްކަން ބަޔާންކުރައްވަމުން، މިރޭ ތަޢާރުފް ކުރެވިގެންދިޔަ މިލިޓަރީ ކޮލިފިކޭޝަން ފްރޭމްވާރކްގެ ސަބަބުން ސިފައިންގޭގައި ތަޢުލީމީ އާ ޖީލެއް ބިނާކުރުމަށް އިތުރު ހިތްވަރެއް ލިބި، ގިނަ ކުރިއެރުންތަކެއް ހޯދުމަށް މަގުފަހިވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޢަސްކަރީ ދާއިރާގެ ޢިލްމާއި ސައިންސް އިތުރަށް ކުރިއަރުވައި، ތަރައްޤީ ކުރުމަށް އިތުރު ޙަރަކާތްތައް ފެށުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ. މިފަދަ އެއްކަމަކީ، ސިފައިންގޭގައި ސްކޮލަރޝިޕް ސްކީމެއް ތަޢާރުފް ކުރެއްވުން ކަމަށް ވިދާޅުވެ، ޗީފް އޮފް ޑިފެންސް ފޯސް ލީޑަރޝިޕް ސްކީމްގެ ނަމުގައި ތަޢާރުފް ކުރައްވާ މި ސްކީމް، މިއަހަރުގެ ތެރޭގައި ތަޢާރުފް ކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ޑިފެންސް މިނިސްޓްރީން މިހާރު ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މީގެއިތުރުން، ޢަސްކަރީ ޢިލްމާއި، ސައިންސާއި ފަންނުގެ ދާއިރާއިން ކުރާ ޢިލްމީ ދިރާސާތަކާއި، އީޖާދުތަކަށް ފަންޑު ކުރެއްވުމުގެ ފުރްޞަތު ތަނަވަސްކޮށްދެއްވުންވެސް ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސިފައިންގޭގައި ތާރީޚު ދިރާސާކުރާ މަޝްރޫޢެއް ޤާއިމް ކުރައްވައި، ރާއްޖޭގެ ޢާންމު އަދި ޢަސްކަރީ ތާރީޚު ދިރާސާކޮށް، އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ވާސިލުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ހަލުވި ބާރުމިނެއްގައި ކުރިއަށް ގެންގޮސްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑިފެންސް މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

ރާއްޖެއަށް މާލީގޮތުން ވަރަށްގިނަ ގޮންޖެހުންތަކެއް މިދުވަސްވަރު ކުރިމަތިވެފައިވީ ނަމަވެސް، ސަރުކާރުގެ މާލީ ޤާބިލުކަން ހުރި މިންވަރަކުން ސިފައިންގެ ތަރައްޤީއާއި ވެލްފެއަރގެ ކަންތައްތައް ކުރިއަށް ގެންދަވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ފަސްއަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާ ތަރައްޤީ ކުރައްވައި ކުރިއެރުއްވުމަށް ރާއްވަވާފައިވާ މައިގަނޑު ހަތަރު ސިޔާސަތުވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތީ އޮނިގަނޑު ހަރުދަނާ ކުރެއްވުމާއި، ދިފާޢީ ނިޒާމު ވަރުގަދަ ކުރެއްވުމާއި، ސިފައިންގެ ވެލްފެއަރ ކަންކަން، ދައުލަތުގެ ބައިތުލްމާލަށް ބަރޯސާނުވެ ކުރެވޭނެފަދަ ޙައްލުތަކެއް ހޯއްދެވުމާއި، ސިފައިންގެ އިންފްރާސްޓްރަކްޗަރ ބިނާކުރައްވައި ތަރައްޤީ ކުރެއްވުމާއި، ސިފައިންނަށް ރަނގަޅު ފެންވަރުގެ ތަޢުލީމާއި، ތަމްރީނުގެ ފުރްޞަތުތައް ހޯއްދަވައި ދެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ކުރިއަށް އޮތް ދުވަސްވަރަކީ، އިންތިޚާބުގެ ދުވަސްވަރު ކަމަށްވުމާއެކު، ސިފައިންނަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަން ދެނެތިއްބަވައިގެން، ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ދިމާވެދާނެ ކޮންމެފަދަ ގޮންޖެހުމަކަށް ފުރިހަމައަށް ތައްޔާރުވެ ތިއްބެވުމަށް ސިފައިންނަށް އިލްތިމާސް ކުރައްވަމުންނެވެ.

ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، މިރޭ ބޭއްވެވި ޖަލްސާގައި، އެމް.އެން.ޑީ.އެފް. މިލިޓަރީ ކޮލިފިކޭޝަން ފްރޭމްވާރކް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ނެރުއްވައިދެއްވިއެވެ. އަދި ސިފައިންގެ ތަޞައްވުރު ރަނގަޅު ކުރެއްވުމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދްމަތްތަކުގެ އަގު ވަޒަންކުރައްވައި، އެކި ޔުނިޓްތަކަށް ހަނދާނީ ފިލައާއި ލިޔުން ޙަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާއެވެ.