އެކި ފަރާތް ފަރާތުން ސަރުކާރަށް ލިބެންޖެހޭ ބިލިއަނަކަށްވުރެ ގިނަ ފައިސާ އެބަހުރި ކަމަށާއި، އެފައިސާ ހޯދަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިނިސްޓްރީތަކުގެ އޮޑިޓް ރިޕޯޓްތަކުގައި އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވާ މައްސަލަތައް ޙައްލުކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމު ކުރައްވައިގެން، މިއަދު މެންދުރުފަހު އެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެ ފައިސާއަކީ ރައްޔިތުންގެ ޙައްޤެއް ކަމަށާއި، އަޅުގަނޑުމެންނަށް މުސާރަދީފައި، ވަޒީފާދީފައި މިތިބެނީ އެ މަސައްކަތްތައް ކުރުމަށް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މި ބޭއްވެވި ބައްދަލުވުމުގެ އެންމެބޮޑު ބޭނުންފުޅަކީ، ސަރުކާރުގެ އޮފީސްތަކުގެ އޮޑިޓް ރިޕޯޓްތަކުގައި، އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން އިޞްލާޙު ކުރެއްވުމަށާއި ފިޔަވަޅު އެޅުއްވުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވާ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައި، އެކަންކަން ތަންފީޛު ކުރެވޭނެ ގޮތްތަކެއް ކަނޑައެޅުއްވުމެވެ. އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތަކުގައި އިޞްލާޙު ކުރުމަށް ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައިވީ ނަމަވެސް، މިހާތަނަށް އައިއިރު، މިކަންކަމަށް ސަރުކާރުގެ އޮފީސްތަކުން އެކަށީގެންވާ ފިޔަވަޅުތައް އެޅުއްވުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް ވަނީ ފާހަގަކުރެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، މަސައްކަތް ކުރަމުންމިދާ އާ ނިޒާމުގެ ތެރޭގައި، ތަފާތު އެކިއެކި އުނދަގޫތަކާއި މައްސަލަތައް އެބަހުރިކަން ފާހަގަކުރެއްވިއެވެ. އަދި އެކަންކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރަން އެބަޖެހޭ ކަމަށާއި، މިހާރު ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިންވެސް ކަންކަން ތަންފީޛު ކުރެވޭނެގޮތް ހޯދަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް މަސައްކަތް ކުރުމަކީ، އެންމެންގެ މައްޗަށް ލާޒިމު ކަމެއް ކަމަށާއި، އެހެންކަމުން، އޮފީސްތައް ހިނގާ ނުހިނގާގޮތްވެސް މިހާރަށްވުރެ ރަނގަޅު ކުރަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. [އޮފީސް އޮފީހުގެ މެނޭޖްމަންޓްގެ ކަންތައް ހިނގާ ނުހިނގާގޮތް ބެއްލެވުމާއި، އޮފީސް އޮފީހަށް ލިބިފައިވާ ވަސީލަތްތައް، ބަޖެޓް ބޭނުންކުރެވޭގޮތާއި، އިންސާނީ ވަސީލަތްތައް ބޭނުންކުރެވޭގޮތާ، މިހުރިހާ ކަމަކަށް އަޅުގަނޑުމެން އަބަދާއި އަބަދު ރިޢާޔަތްކޮށް، އެކަންކަން އެއްދުވަހަށްވުރެ އަނެއް ދުވަހު ރަނގަޅު ކުރެވޭނެ ގޮތެއް ހޯދުމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ މަސައްކަތް ކުރަން.] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ވަރަށްގިނަ ވުޒާރާތަކާއި، އޮފީސްތަކާއި، މުއައްސަސާތައް މިހާރު އޮޑިޓް ކުރެވިފައި ވުމާއެކު، އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކުރައްވާފައި ހުރި ކަންކަމަކީ، އިޞްލާޙު ކުރަންޖެހޭ ކަންކަން ކަމުގައި ވިދާޅުވިއެވެ. އަދި އެކަންކަން އިޞްލާޙުކޮށް، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި، އެކަމުގައި ކުރިއަށް ދެވިފައިވާ މިންވަރު ބަލަން އެބަޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިނިސްޓްރީތަކުގެ އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކުރައްވާފައިވާ މައްސަލަތައް ޙައްލުކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް މިއަދު މިބޭއްވެވި ބައްދަލުވުމުގައި، މި މައްސަލަތަކާމެދު ފިޔަވަޅު އެޅުމުގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދައުރާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ދައުރާ ބެހޭގޮތުން އެ އިދާރާތަކުން ވާހަކަ ދެއްކެވިއެވެ. އަދި އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކުރައްވާފައިވާ މައްސަލަތައް ސާފުކޮށްދެއްވައި، އެ މައްސަލަތަކާމެދު ފިޔަވަޅު އެޅުއްވުމުގައި ޢަމަލު ކުރައްވަންވީގޮތް އޮޑިޓަރ ޖެނެރަލް ސާފުކޮށްދެއްވިއެވެ.

މިބައްދަލުވުމުގައި، ވަޒީރުންނާއި، މިނިސްޓްރީތަކުގެ މާލީ ޒިންމާދާރު ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުން ކީރިތި ޤުރްއާނުގެ ބަރަކާތުން ފަށައިދިނީ، 28 ވަނަ ޤައުމީ ޤުރްއާން މުބާރާތުގައި، މުޅި މުބާރާތުން 3 ވަނަ ހޯދި ދަރިވަރު ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރު މުޙަންމަދު ޝާއިފް މުޞްޠަފާއެވެ.