ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެ މަދްރަސާއަށް ކުރެއްވި ޒިޔާރަތުގައި، އެ މަދްރަސާގެ ބައެއް ކްލާސްތަކުގެ ކިޔެވުން ކުރިއަށްދާ ގޮތް ބައްލަވާލައްވައި، ކުދިންނާ ބައްދަލުކުރެއްވިއެވެ. އަދި އެމަދްރަސާގެ މުދައްރިސުންނާއި، ޕީ.ޓީ.އޭ ގެ މެންބަރުންނާއި، ބޯޑުގެ ބައެއް މެންބަރުންނާވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި އެ މަދްރަސާއަށް މިވަގުތު ދިމާވެފައިވާ ދަތިތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަން ޙައްލުކުރެއްވުމަށް މިހާރުން މިހާރަށް އެޅުއްވެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. އަދި މަދްރަސާއަށް މިވަގުތު ދިމާވެފައިވާ ބައެއް ދަތިތައް، އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ.

އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރެއްވުމަށްފަހު، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، އެމަދުރަސާއަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުން ޕީ.ޓީ.އޭ އާއި، ބޯޑު މެންބަރުން ދެއްކެވި ވާހަކަފުޅުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، އެމަދުރަސާގެ ލައިބްރަރީއާއި، ލެބޯރެޓަރީ ފުރިހަމަކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިކަންކަން ފުރިހަމަކުރުމަށްފަހު ވަރަށް ކައިރި މުސްތަޤްބަލެއްގައި މަދުރަސާ ރަސްމީގޮތުން ހުޅުވޭނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.