ޖަޕާނުގެ މިނިސްޓަރ ފޮރ އިންޓަރނަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަން މިސްޓަރ ޔޮށިޓަކަ ޝިންޑޯ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާއި، އިޤްތިޞާދީ އަދި އިޖުތިމާޢީ ޙާލަތާބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ވަޒީރަށް މަޢުލޫމާތު އެރުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވަނީ ވަރަށް ޒަމާންވީ ގާތް ގުޅުމެއްކަން ފާހަގަކުރައްވަމުން، ދިވެހިރާއްޖެ މިހާރު މިދެކޭ ތަރައްޤީއަށް ވާސިލުވުމަށްޓަކައި އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން، ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ. ވަކިން ޚާއްސަކޮށް، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށާއި، ޓެލެކޮމިއުނިކޭޝަނާއި ޓެކްނޮލޮޖީ ކުރިއެރުވުމަށްޓަކައި ޖަޕާން ސަރުކާރުން ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށާއި، ތިމާވެށީގެ ރޮނގުން ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތްތަކަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ. އަދި މި ދާއިރާއަށް ޖަޕާނުގެ އެހީތެރިކަން ހޯއްދެވުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދެއްކެވިއެވެ.

މީގެއިތުރުން، މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ހުރިހާ ކަމެއް، ވީހާވެސް މިނިވަންކަމާއި އިންޞާފުވެރިކަމާއެކު، ކުރިއަށް ގެންދެވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަން ޖަޕާނުގެ ވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މިސްޓަރ ޔޮށިޓަކަ ޝިންޑޯ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، ޖަޕާނުން ރާއްޖެއަށް އަބަދުވެސް އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. އަދި ރާއްޖޭގައި މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބަކީ، މިނިވަން އަދި އިންޞާފުވެރި އިންތިޚާބަކަށް ހެއްދެވުމަށާއި، އިންތިޚާބުގެ ކަންތައްތައް އޮމާންކަމާއެކު ކުރިއަށް ގެންދެވުމަށްޓަކައި، ޖަޕާނު ސަރުކާރުގެ ފަރާތުން ވެދެއްވެން އޮތް އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމަށްފަހު، މިސްޓަރ ޔޮށިޓަކަ ޝިންޑޯގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުގެ ފަރިއްކޮޅެއް ދެއްވިއެވެ. މި ފަރިއްކޮޅު އޮތީ މުލީއާގޭގައެވެ.