ހުޅުމާލޭގެ އާބާދީއާއި، އެރަށް ތަރައްޤީވަމުން އަންނަ ހަލުވިމިނުގެ ސަބަބުން މި އާބާދީއަށް ލިބެންޖެހޭ އެކިއެކި ޚިދުމަތްތައް ފުރިހަމަވެގެން ދިޔުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަހަންމިއްޔަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހުޅުމާލޭ ވިޔަފާރި ބަނދަރު ހުޅުވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު ހުޅުވުނު ބަނދަރުގެ ސަބަބުން ހުޅުމާލެއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދޭނެކަން ފާހަގަކުރައްވައި، މީގެ ސަބަބުން ހުޅުމާލޭގައި ވިޔަފާރިކުރާ އެކިއެކި ވިޔަފާރިވެރިންނަށާއި، ހުޅުމާލޭގައި އެކިއެކި އަމިއްލަ ޢުމްރާނީ މަސައްކަތް ހިންގާ ކުންފުނިތަކަށާއި، އަދި ސަރުކާރުގެ ފަރާތުން ހިންގަންޖެހޭ މަޝްރޫޢުތަކަށް ގެންނަންޖެހޭ ތަކެތި ލިބުމުގައި، ވަރަށް ބޮޑު ލުއިކަމެއް ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި ހަމައެގޮތަށް ހުޅުމާލޭގައި މުސްތަޤްބަލުގައި އުފެއްދޭ ތަކެތިވެސް ފަސޭހަކަމާ އެކީގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ފޮނުވުމާއި، ރާއްޖެއިން ބޭރަށް ފޮނުވުމުގައި ވަރަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސީޕޯޓެއް އެއަރޕޯޓަކާ ގުޅިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، މިއަދު މި ހުޅުވުނު ބަނދަރަކީ، ރާއްޖޭގެ ބައިނަލްއަޤްވާމީ މައި ވައިގެ ބަނދަރާ އެއްގަމު މަގުން ގުޅިފައި އޮތް ބަނދަރެއްކަން ފާހަގަކުރެއްވިއެވެ. އަދި މީގެ ސަބަބުން، ހުޅުމާލޭ ބަނދަރަށް ލިބިގެންދާ ޚާއްޞަ ފަސޭހަތަކެއް ހުންނާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކފުޅުގައި، ހުޅުމާލޭ ވިޔަފާރީގެ ބަނދަރުގެ ސަބަބުން ކަނޑުމަގުން ގެންނަ މުދަލާއި، ވައިގެ މަގުން ގެންނަ މުދާ މިހާރަށްވުރެ އިތުރުވަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށާއި، މިއީ ހުޅުމާލޭގެ ތަރައްޤީއަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.