އީ.ޔޫ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ބަރނަރޑް ސަވާޖް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އީ.ޔޫ.އަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމަށް ވިދާޅުވެ، އީ.ޔޫ.އިން ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި އީ.ޔޫ.އިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެއަށް އެކި ގޮތްގޮތުން ދެއްވި އެއްބާރުލެއްވުމާއި ބެހެއްޓެވި ގާތްކަމަށްޓަކައި އީ.ޔޫ.ގެ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އީ.ޔޫ.ގެ ޤައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުން، ކުރިއަށް އޮތްތާނގައި އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އީ.ޔޫ. ސަފީރުގެ ވާހަކަފުޅުގައި، އީ.ޔޫ.އިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ، އެމަނިކުފާނަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭނުންވާ ކަންކަމުގައި އީ.ޔޫއިން އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.