ތަރައްޤީގެ މަގުގައި ރާއްޖެ މިހާރު އޮތީ ހަތަރު އަނގޮޅިއެއްގައި ކަމަށާއި، މި ކަމުގައި ރާއްޖެއަށް އިތުރަށް ކުރިއަށް ދެވޭނީ، ކުރިމަތިވެފައިވާ ހަކަތައިގެ މައްސަލައަށް ޙައްލެއް ހޯދިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ބަނޑޮސް އައިލެންޑް ރިޒޯޓްގައި މިއަދު ހެނދުނު ފެށުނު ފަސްޓް އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އިންވެސްޓަރސް ކޮންފަރެންސް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދުގެ ބޮޑުބައެއް ހަކަތައަށް ހޭދަވާކަން ފާހަގަކުރައްވަމުން، އާބާދީގެ ބޮޑު ބަޔަކީ މިހާރުގެ އަގުތަކަށް ހަކަތަ ގަތުމުގެ ޤާބިލުކަން ހުރި ބައެއް ނޫން ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، ތެލުގެ އަގު މައްޗަށްދާ ކޮންމެ ފަހަރަކު ރާއްޖޭގެ އިޤްތިޞާދަށާއި، އާބާދީގެ ބޮޑުބައެއްގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުންނާއި، އާބާދީ ފެތުރިފައިވާ ގޮތުން މައި، އެއް ގުރިޑުން ރައްޔިތުންނަށް ކަރަންޓް ފޯރުކޮށްދިނުމަކީ، ވަރަށް ބޮޑު ދައްޗެއް ކަމަށާއި، ކަރަންޓަށް ހޭދަކުރަން ޖެހޭ އަދަދު ވަރަށް ބޮޑު ވެފައިވާ ކަމަށެވެ. އަދި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ އަގުބޮޑު ދާއިރާއަކަށްވަނީވެސް މި ސަބަބާހުރެ ކަމަށާއި، ރިޒޯޓްތަކުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވިއްޖެނަމަ، ފެންވަރު ރަނގަޅު ފަތުރުވެރިކަމެއް މިހާރަށްވުރެ ހެޔޮ އަގުގައި ރާއްޖޭގައި ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖެއަށް ކުރިމަތިވާ އެހެން ބައެއް ދަތިތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ރާއްޖޭގެ ފެން ލޮނުވެ، ބޭނުން ނުކުރެވޭ މިންވަރަށް ތަޢައްޔަރުވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު މިފެށުނު ކޮންފަރެންސްގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، މި ކޮންފަރެންސްގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށާއި، އަދި ހަމައެއާއެކު ކޮންފަރެންސްގައި ބައިވެރިވާ ފަރާތްތަކަށްވެސް، އިޤްތިޞާދީ ފައިދާތަކެއް ލިބޭނެ ޙައްލެއް ހޯދޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މި ކޮންފަރެންސަކީ، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓް ކުރުމަށް ރާއްޖޭގައި ހުރި ފުރުސަތުތައް އަންގައިދީ، އެފަދަ ފުރުސަތުތަކަށް މަގުފަހިކުރުމުގެ ގޮތުން ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުންނާއި، ރާއްޖޭގެ އިންވެސްޓަރުންނާއި، ރާއްޖެއިން ބޭރުގެ އިންވެސްޓަރުން ބައިވެރިވެވަޑައިގަންނަވައެވެ. އަދި ބައިނަލްއަޤްވާމީ އެހީދޭ ބޭންކުތަކުންނާއި، ރިޒޯޓުތަކުންވެސް މި ކޮންފަރެންސްގައި ބައިވެރިވެއެވެ.