އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހަވީރު އިފްތިތާޙު ކޮށްދެއްވައިފިއެވެ. މިކަމަށްޓަކައި މިއަދު ހަވީރު ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަދު މި ފެށުނު މަޝްރޫޢަކީ ދެކުނުގެ އަތޮޅުތަކުގެ ތަރައްޤީއަށްޓަކައި ވަކިން ޚާއްޞަކޮށް، އައްޑުއަތޮޅުގެ ތަރައްޤީއަށްޓަކައި އެންމެ މުހިންމު އެއް މަޝްރޫޢުކަން ފާހަގަ ކުރައްވަމުން، އެކަމަށްޓަކައި އައްޑުއަތޮޅުގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖިއޮގްރަފީގޮތުން ރާއްޖެ ހިމެނޭ ސަރަޙައްދުގެ ގޮތުން އަދި ޚާއްޞަކޮށް، ގަން އެއަރޕޯޓް އޮތް ހިސާބުގެ ސަބަބުން، މުޅި އިންޑިޔާ ކަނޑުގައި ހިމެނޭ ހުރިހާ ޤައުމުތަކަކުން ވަރަށް ފަސޭހަކަމާއެކީގައި މި އެއަރޕޯޓަށް ދަތުރުކުރެވޭނެ ކަމުގައި ވިދާޅުވިއެވެ. އަދި މި އެއަރޕޯޓް ވެގެންދާނީ ބައިނަލްއަޤްވާމީ ދަތުރުފަތުރު ކުރުމުގެ ވަރަށް ބޮޑު ހަބަކަށްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި އެއަރޕޯޓު ވެގެންދާނީ އައްޑުއަތޮޅާއި، ދެކުނުގެ އަތޮޅުތަކުގެ ތަރައްޤީއަށް އަންނާނެ ބޮޑު އިންޤިލާބެއްކަން ބަަޔާންކުރައްވަމުން، މި އެއަރޕޯޓުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް އަންނާނެ ހެޔޮ ބަދަލުތަކަށާއި، އަތޮޅުތަކުގައި މިހާރު ހެދިފައިވާ ރިޒޯޓުތަކާއި، އަލަށް ހަދަން ނިންމާފައިވާ ރިޒޯޓުތަކަށް ލިބިގެންދާނެ ފަސޭހަތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ.

މީގެ އިތުރުން، އެއަރޕޯޓް ތަރައްޤީވުމުގެ ސަބަބުން، އެއަރޕޯޓުން ލިބެންހުރި ވަޒީފާތަކާއެކު، ސަރަޙައްދުގެ ފަތުރުވެރިކަމުގެ ދާއިރާއިންވެސް އިތުރު ވަޒީފާތައް އުފެދިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އައްޑު އަތޮޅުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެންޖެހޭ ބޯފެނާއި، ނަރުދަމާއާއި ކަރަންޓު ފަދަ އަސާސީ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްނުދެވޭ މައްސަލައިގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މި ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅަށް ރޭވިގެން ހުރިހާ ރައްޔިތުންނަށް ފުރިހަމައަށް ލިބޭނެ ފަދަގޮތަކަށް ހަމަޖެއްސެވުމަށްޓަކައި، މި މަސައްކަތް އެމް.ޑަބްލިޔޫ.އެސް.ސީ.އާ ހަވާލުކުރައްވަން ސަރުކާރުން ގަސްދުކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެއްެކެވި ވާހަކަފުޅުގައި، އައްޑުއަތޮޅުގެ ތަރައްޤީއަށްޓަކައި ކުރެވެންހުރި ކަންތައްތައް ވީހާވެސް ހަރުދަނާކަމާއި ސާބިތުކަމާއެކީގައި ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވަމުން، ތަރައްޤީއަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގައި އެންމެ ތަންކޮޅެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.