ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ދަޢުވަތަކަށް ރާއްޖެވަޑައިގެންނެވި، ތައިލެންޑުގެ ބޮޑުވަޒީރު ޔިންގްލަކް ޝިނަވަޓްރާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މެންދުރު ފުރާވަޑައިގެންފިއެވެ. އެކަމަނާއަށް އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަޙީދުއްދީނެވެ.

ތައިލެންޑުގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ދައުލަތުގެ އެހެން ބައެއް އިސް ބޭފުޅުންނާވެސް ބޮޑުވަޒީރު މިދަތުރުފުޅުގައި ބައްދަލުކުރެއްވިއެވެ. އަދި، އެކަމަނާގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބޭއްވެވި ރަސްމީ ޖާފަތެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ތައިލެންޑުގެ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ، ރާއްޖެއާއި ތައިލެންޑާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިފަހުން ތައިލެންޑުގެ ބޮޑުވަޒީރަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ބޮޑުވަޒީރުގެ މި ދަތުރުފުޅަށްފަހު ދެ ސަރުކާރުން ނެރުނު ގުޅިފައިވާ ބަޔާނުގައި، ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު ބައްދަލުކުރެއްވުންތަކުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ. މިގޮތުން، ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ބައްލަވާލައްވާފައިވެއެވެ.

މީގެ އިތުރުންވެސް، ފަސޭހަކަމާއެކު ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރުމުގެ ފުރުސަތު މަގުފަހިކުރުމަށްޓަކައި ކައިރި މުސްތަޤްބަލެއްގައި ވިސާ އެއްބަސްވުމެއްގައި ސޮއިކުރުމަށް ދެފަރާތުން އެއްބަސްވެފައިވާކަން ގުޅިފައިވާ ބަޔާނުގައި ހާމަކުރައްވާފައިވެއެވެ.

ހަމައެއާއެކު، ބޮޑުވަޒީރުގެ ދަތުރުފުޅުގައި ސޮއި ކުރެއްވި 7 އެއްބަސްވުމުގެ މައްޗަށްވެސް މި ބަޔާނުގައި އަލިއަޅުވާލައްވާފައިވެއެވެ. އަދި، ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށް ދެ ޤައުމުންވެސް ދެކޭ ކަމުގައި ހާމަކުރައްވާފައިވެއެވެ.