ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާސްގެ ދަޢުވަތަކަށް، އިންޓަރނޭޝަނަލް އިސްލަމިކް ކޮންފަރެންސް އޮފް ބައިތުލް މަޤްދިސްގެ 4 ވަނަ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެއްގައި، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމުގެ ކުރިން، ރަސްމީ ފާލަމުގައި ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، އެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ފަލަސްޠީނުގެ ރައީސާއި ފަލަސްޠީނުގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުންތަކުގެ މައިގަނޑު މަޤްޞަދަކަށް ވެގެންދާނީ، ރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރައްވައި، ފަލަސްޠީނުން ރާއްޖެއަށް ލިބެންހުރި އެހީތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުން ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ނޫސްވެރިން ދެންނެވި ބައެއް ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.