ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބު ޑޮނަލްޑް މެކިނަން، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާ އެއްކަމަކީ، މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބަކީ، މިނިވަން އަދި އިންޞާފުވެރި އިންތިޚާބަކަށް ހެއްދެވުމަށް، ކުރެއްވެން ހުރި މަސައްކަތްތައް ކުރެއްވުން ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ، ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބަށް އެރުވިއެވެ. އަދި ސިޔާސީ ގޮތުން ގެންނަންހުރި އިޞްލާޙުތަކާއި، ސަރުކާރުން އަޅުއްވަމުން ގެންދަވާ އެކި ފިޔަވަޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ.

ޑޮނަލްޑް މެކިނަން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބަކީ، މިނިވަން އަދި އިންޞާފުވެރި އިންތިޚާބަކަށް ހެއްދެވުމަށާއި، އިންތިޚާބުގެ ކަންތައްތައް އޮމާންކަމާއެކު ކުރިއަށް ގެންދެވުމަށްޓަކައި، ކޮމަންވެލްތުގެ ފަރާތުން ވެދެއްވެން އޮތް އެހީތެރިކަމާއި އެއްބާރުލެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.