ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ. ސިސޯން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ ޙާލަތާއި، އިޤްތިޞާދީ ޙާލަތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިނިވަން، އިންޞާފުވެރި އިންތިޚާބެއް ރާއްޖޭގައި ބޭއްވުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި މިއިންތިޚާބު ހިނގާނުހިނގާގޮތް ބެލުމަށް ބައިނަލްއަޤްވާމީ ފަރާތްތައް ބައިވެރިވުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވިއެވެ.

ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ އަދި ސިޔާސީ ހަމަޖެހުން ޤާއިމްކުރުމުގައި، އެމެރިކާއިން ރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލެއްވުން އަބަދުވެސް ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.