ތައިލެންޑްގެ ބޮޑުވަޒީރު ރާއްޖެއަށް މިކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް، އާ މިޞްރާބުތަކެއް ހުޅުވިގެން ހިނގައްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް މިހާރު ކުރައްވަމުން ގެންދަވާ ތައިލެންޑްގެ ބޮޑުވަޒީރު އިންގލަކް ޝިނަވަޓްރާގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން، މިރޭ ކުރުނބާ މޯލްޑިވސްގައި ބޭއްވެވި ރަސްމީ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ގުޅުން ވެގެންދާނީ، ދެޤައުމުގެ ރައްޔިތުންނަށް އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ގުޅުމަކަށެވެ. މިގުޅުމަކީ، ދެ ފަރާތުންވެސް ޙިއްޞާކުރާ އެއްގޮތް އުޞޫލުތަކަކާއި މަސްލަޙަތުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމުގައެވެ. އަދި ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމަށް ބޭނުންފުޅުވާ މައިގަނޑު ސަބަބަކީވެސް މިއީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ތައިލެންޑްގެ ކުރިއެރުމަށް ބޮޑުވަޒީރު ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށް ތަޢުރީފް ކުރެއްވިއެވެ.

ބޮޑުވަޒީރު އިނގލަކް ޝިނަވަޓްރާ ދެއްކެވި ވާހަކަފުޅުގައި، މިއީ ތައިލެންޑްގެ ބޮޑުވަޒީރަކު ރާއްޖެއަށް ކުރައްވާ މިފަދަ ފުރަތަމަ ދަތުރުފުޅުކަން ފާހަގަކުރައްވަމުން، މިދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުމަށް އާ ދައުރެއް ހުޅުވިގެންދާނެކަމީ، އެކަމަށްޓަކައި އެކަމަނާ ފަޚުރުވެރިވާ ކަމެއް ކަމުގައި ވިދާޅުވިއެވެ .މީގެއިތުރަށް، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން، ހާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން، ތައިލެންޑާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ބޮޑުވަޒީރުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ރޮނގުން ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވަމުން، އެކަމަށްޓަކައި ދިވެހި ސަރުކާރަށް ތަޢުރީފު ކުރެއްވިއެވެ. އަދި މިރޮނގުން ތައިލެންޑް ސަރުކާރުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.