ދިވެހިރާއްޖެއާއި ތައިލެންޑާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް މިއަދު ބާއްވަވައިފިއެވެ. ރަސްމީ ވާހަކަފުޅުތައް އޮތީ، މިއަދު ހަވީރު މުލީއާގޭގައެވެ. ރަސްމީ ވާހަކަފުޅުތަކުގައި ބައިވެރިވި ރާއްޖޭގެ ވަފްދުގެ އިސްބޭފުޅަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. ތައިލެންޑްގެ ވަފްދުގެ އިސްބޭފުޅަކީ، ތައިލެންޑްގެ ބޮޑުވަޒީރު އިންގލަކް ޝިނަވަޓްރާއެވެ.

ރަސްމީ ވާހަކަފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ތައިލެންޑާ ދެ ޤައުމުގެ ދެމެދުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ގެދޮރު އިމާރާތް ކުރުމުގެ ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހައިން ވިސާ ލިބޭނެގޮތެއް ހަމަޖެހިގެން ދިޔުމަކީ، އެކިއެކި ބޭނުމުގައި ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ލިބޭނެ ވަރަށްބޮޑު ފަސޭހައެއް ކަމުގައި ވިދާޅުވިއެވެ. އަދި މިކަމާ ބެހޭގޮތުން އިތުރަށް ތައިލެންޑްގެ ބޮޑުވަޒީރާއެކު މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ތައިލެންޑުން ރާއްޖޭގެ ތަރައްޤީއަށާއި، ކުރިއެރުމަށް ދީފައިވާ އެހީތެރިކަމާއި އެއްބާރުލުމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާ ކުރެއްވިއެވެ.

ތައިލެންޑްގެ ބޮޑުވަޒީރު އިންގލަކް ޝިނަވަޓްރާ ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާކުރުމަށް ބޭނުންފުޅުވާ ކަމުގައި ހާމަކުރެއްވިއެވެ. އަދި ތިން އަހަރަށް އަމާޒުކޮށް ރާއްޖެއަށް ޚާއްޞަކޮށްގެން ތައިލެންޑުން ރާވާފައިވާ ޕްލޭނާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. މި ޕްލޭންގައި ދަނޑުވެރިކަން، މަސްވެރިކަން، ޞިއްޙީ ދާއިރާ، އަދި އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ދާއިރާފަދަ ދާއިރާތައް ހިމެނޭ ކަމުގައި ވިދާޅުވިއެވެ.

ދެޤައުމުގެ ރަސްމީ ވާހަކަފުޅުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ތައިލެންޑްގެ ބޮޑުވަޒީރު އިންގލަކް ޝިނަވަޓްރާއާ ދެބޭފުޅުން ވަކިން ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ތައިލެންޑްގެ ބޮޑުވަޒީރު އިންގލަކް ޝިނަވަޓްރާ ރާއްޖެއަށް މިއަދު މިކުރެއްވި ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި، ތައިލެންޑާ ދެޤައުމުގެ ދެމެދުގައި 7 އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، ދެ ޤައުމުގެ ރަސްމީ ވާހަކަފުޅަށްފަހު މުލީއާގޭގައެވެ. ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ތައިލެންޑްގެ ބޮޑުވަޒީރު އިންގލަކް ޝިނަވަޓްރާއާ ދެބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު މި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި، ދެޤައުމުގެ ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމަކާއި، ވިޔަފާރީގެ އެއްބަސްވުންތަކަކާއި، ދެޤައުމުގެ މެދުގައި ކުށްވެރިން ބަދަލުކުރުމާބެހޭ އެއްބަސްވުމަކާއި، އޭ.ޑީ.ކޭ. ހޮސްޕިޓަލާއި ތައިލެންޑްގެ ތޮންބުރި ހޮސްޕިޓަލާ ދެމެދު ކުރެވުނު އެއްބަސްވުން ހިމެނެއެވެ.