ތައިލެންޑްގެ ބޮޑުވަޒީރު އިންގލަކް ޝިނަވަޓްރާ، ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގެންފިއެވެ. ތައިލެންޑްގެ ބޮޑުވަޒީރަށް، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން މަރްޙަބާ ވިދާޅުވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ. ބޮޑުވަޒީރު މާލެއަށް ފައިބާވަޑައިގަތުމާއެކު، ބިއުގަލް ކޯލެއް އެރުވުނެވެ. ރަސްމީ ފާލަމުން ތައިލެންޑްގެ ބޮޑުވަޒީރަށް މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.

ރަސްމީ ފާލަމުގެ ކުރިމަތީގައި އޮތް މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަޙީދުއްދީނާއި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ތައިލެންޑްގެ ބޮޑުވަޒީރަށް ތަޢާރުފުކޮށް އެރުވިއެވެ. އަދި އެކަމަނާގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ތައިލެންޑްގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 7 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ދިވެހިރާއްޖެއާއި ތައިލެންޑާ ދެޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ބޮޑުވަޒީރު ޝިނަވަޓްރާގެ ޝަރަފުގައި އޮތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރެއް، އެކަމަނާ އިންސްޕެކްޓް ކޮށްދެއްވިއެވެ.

ރަސްމީ ފާލަމުގެ ކުރިމަތީގައި ބޭއްވުނު މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ތައިލެންޑްގެ ބޮޑުވަޒީރު ވަޑައިގެންނެވީ މުލީއާގެއަށެވެ. މެދުޒިޔާރަތާ ހަމައިން މުލީއާގެއަށް އެކަމަނާ ވަޑައިގެންނެވީ، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފައެވެ. މެދުޒިޔާރަތް ކުރިމަތިން އެކަމަނާއަށް މަރުޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙަންމަދު ވަޙީދުއްދީނެވެ. އަދި މުލީއާގެއިން އެކަމަނާއަށް މަރުޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.

ތައިލެންޑްގެ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ، ރާއްޖެއާއި ތައިލެންޑާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިފަހުން ތައިލެންޑްގެ ބޮޑުވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.