ސްރީލަންކާގެ ޕޮލިސް އިންސްޕެކްޓަރ ޖެނެރަލް އެން.ކޭ އިލާންގކޫން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ފުލުހުންގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިދުވަސްވަރަކީ ރާއްޖޭގެ ފުލުހުންނަށް ސިޔާސީ ތަފާތު ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ދުވަސްވަރެއްކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ގޮންޖެހުންތަކާ އެކުގައިވެސް، ފުލުހުން މަސައްކަތް ކުރަމުން ގެންދަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ފުލުހުންގެ މުއައްސަސާ ވަރުގަދަކޮށް، ފުލުހުންގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާ ކުރުމަށްޓަކައި ސްރީލަންކާ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށާއި، ވަކިން ޚާއްޞަކޮށް، ރާއްޖެއަށް އަމާޒު ކުރައްވައިގެން، ސްރީލަންކާ ސަރުކާރުން ތަމްރީނު ޕްރޮގްރާމްތައް ހިންގަވަމުން ގެންދަވާ ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

އެން.ކޭ އިލާންގކޫންގެ ވާހަކަފުޅުގައި، މިދާއިރާއިން ސްރީލަންކާ ސަރުކާރުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.