މަތީ ޘާނަވީ އިމްތިޙާނުގައި ގަދަ 10 ގައި ހިމެނޭ ދަރިވަރުންގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ތަޢުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ތަޢުލީމް ޙާޞިލްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޯލަރޝިޕް ދެއްވުމަށް ނިންމަވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، ރޭ ދަރުބާރުގޭގައި ބޭއްވި 2013 ވަނަ އަހަރުގެ ޘާނަވީ ތަޢުލީމް ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށާއި، ވަނަތައް ޙާޞިލްކުރި ސްކޫލްތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، 2012 ވަނަ އަހަރުގެ ޘާނަވީ އިމްތިހާންތަކުން ދަރިވަރުން ހޯދި ނަތީޖާ ރަނގަޅުވުމުގެ ސަބަބުން، 2013 ވަނަ އަހަރު އޭ-ލެވެލަށް ކިޔަވައިދޭން ފެށުމަށް ޝަރުތު ފުރިހަމަވެގެން އަތޮޅުތެރޭގައި ޖުމްލަ 14 ސްކޫލެއްގައި މިއަހަރު ޖޫން މަހު އޭ.ލެވެލަށް އަލަށް ކިޔަވައިދޭން ފެށޭނެކަން ހާމަކުރެއްވިއެވެ. އަދި މިއީ، މިދާއިރާ ފުޅާވެ، ތަޢުލީމީ ފުރުޞަތުތައް އާބާދީގެ ބޮޑުބަޔަކަށް ލިބެމުންދާ ކަމުގެ އަދި ކާމިޔާބު ނަތީޖާތަކެއް ހާސިލްކުރެވެމުންދާކަން ފެންނަމުންދާ ޙަޤީޤަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.