ތަޢުލީމީ ދާއިރާއަށް ޤާބިލް ދިވެހިން ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، ރޭ ދަރުބާރުގޭގައި ބޭއްވި 2012 ވަނަ އަހަރުގެ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށާއި، ވަނަތައް ޙާޞިލްކުރި ސްކޫލްތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ނިސްބަތުން ވަރަށް ކުޅަދާނަ، ތޫނުފިލި ބޭފުޅުން މިދާއިރާއަށް ޚިދުމަތް ކުރުމަށް ފަސްޖެހޭކަމީ، ދާއިރާގެ ކުރިމަގަށް، ލިބޭނޭ ދެރައެއް ކަމުގައި ފާހަގަކުރެއްވިއެވެ. "ދިވެހިންގެ އާދަކާދައާއި، ދިވެހިންގެ ތާރީޚާއި، ދިވެހިންގެ ގޮތްފޮތް އެންމެ ރަނގަޅަށް އެންމެ ފުރިހަމައަށް އުނގަންނައިދޭން އެނގޭނީ ދިވެހިންނަށް ކަމަށްވީއިރު، އުނގަންނައިދިނުމުގެ ދާއިރާގައި ދިވެހިން އިތުރަށް ޙަރަކާތްތެރިވުމަކީ ވަރަށް މުހިންމު ކަމެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސްކޫލްތަކުގައި ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި މުދައްރިސުންގެ މުހިންމު ދައުރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވާލައްވަމުން، ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި މުދައްރިސުންނަށް އިޚްތިޔާރުތަކެއް ދޭންޖެހޭ ކަމަށާއި، ހަމަ އެއާއެއްކޮށް ސްކޫލްތަކުގެ ވެރިންނަށްވެސް ސިޔާސަތުތައް ތަންފީޛު ކުރުމުގައި ބާރުތަކެއް ލިބިދޭންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، ސްކޫލްބޯޑުތަކުން، މިހާރަށްވުރެ ބޮޑަށް ސްކޫލްތައް ހިންގުމުގައި، މަޝްވަރާގެ ރިވެތި އުސޫލުތަކުގެ އަލީގައި، ސްކޫލްތަކުގެ ހިންގުން އިޞްލާޙު ކުރުމަކީވެސް މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރޭގެ ޖަލްސާގައި، ޘާނަވީ ތަޢުލީމުގެ އިމްތިޙާނުތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނަށް މެޑަލްއާއި ސެޓްފިކެޓް އަދި އިނާމް ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލް ދެއްވި ފުރަތަމަ ފަހަރެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، އޯ ލެވެލް އިމްތިޙާނުގައި، އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދާ ދަރިވަރުންނަށާއި އަދި އޭ ލެވެލް އިމްތިޙާނުގައި މުޅި ދުނިޔެއިން 1 ވަނަ ހޯދާ ދަރިވަރުންނަށް މިއަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލްގެ ނަމުގައި ޚާއްޞަ މެޑެލެއް ދެއްވުމަށް ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވީ، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

މިއަހަރު 1 ވަނަ ހޯދާފައިވަނީ 37 ދަރިވަރުންނެވެ. އަދި، މުޅި ދުނިޔެއިން 1 ވަނަ ހޯދާފައިވަނީ 5 ދަރިވަރެކެވެ. 2012 ވަނަ އަހަރުގެ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ގައި ޖުމްލަ 426 ދަރިވަރުން ހިމެނެއެވެ. އަދި ދުނިޔޭގެ 1 ވަނަ 5 ދަރިވަރަކު، ދުނިޔޭގެ މަތީ ވަނަތައް 30 ދަރިވަރަކު އަދި ކޭމްބްރިޖް އިންޓަރނޭޝަނަލް އެގްޒެމިނޭޝަންސް އިން ދެއްވާ ހައި އެޗީވްމަންޓް އެވޯޑުގައި 12 ދަރިވަރަކު ހޯދާފައިވެއެވެ. 60 އިންސައްތައަށްވުރެ ގިނަ ދަރިވަރުން 5 މާއްދާއިން ފާސްވެގެން 2011 ވަނަ އަހަރު 22 ސްކޫލަކުން އެޗީވްމަންޓް އެވޯޑް ޙާޞިލްކޮށްފައިވާއިރު، ވޭތުވެދިޔަ އަހަރު 31 ސްކޫލަކުން އެ އެވޯޑު ޙާޞިލް ކޮށްފައިވެއެވެ. އަދި 2011 ވަނަ އަހަރަށްވުރެ 5 މާއްދާއިން ފާސްވި މިންވަރު 10 އިންސައްތަ ނުވަތަ އެއަށްވުރެ މަތީ ކުރިއެރުމެއް ހޯދައިގެން 62 ސްކޫލަކުން ސްކޫލް ޕްރޮގްރެސް އެވޯޑް ޙާޞިލްކޮށްފައިވެއެވެ.